ކޮވިޑުން ރަނގަޅުވެ ޓުކެލް ކްލަބް ވޯލްޑް ކަޕް ފައިނަލަށް

Advertisement

ކޮވިޑުން ރަނގަޅުވެ ޓުކެލް ކްލަބް ވޯލްޑް ކަޕް ފައިނަލަށް

ޢަލީ ޝަހީމް

ކޮވިޑްގެ ސަބަބުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ނުހުރެވުނު ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް އެ ބަލިން ރަނގަޅުވެ މުބާރާތުގެ ފައިނަލުގެ ކުރިން އަބޫ ދާބީ އަށް ގޮސްފި އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ މިރޭ ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރަސްއާ ދެކޮޅަށެވެ. ޗެލްސީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސައުދީ އަރަބިއާގެ އަލް ހިލާލް 1-0 އިން ސެމީ ފައިނަލުގައި ބަލިކޮށްގެންނެވެ. އެ މެޗުގައި ޗެލްސީ އަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު ޒޯލްޓް ލޯ އެވެ. އޭރު ޓުކެލް ހުރީ ކޮވިޑަށް ޕޮޒިޓިވްވުމުން ލަންޑަނުގަ އެވެ. ކޮވިޑުގެ ސަބަބުން އެފްއޭ ކަޕްގައި ޗެލްސީ އިން ޕްލީމޯތު ބަލިކުރި މެޗު ވެސް ޓުކެލް އަށް ގެއްލުނެވެ.

Advertisement

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ޓުކެލް ދިޔައީ ކޮވިޑުގެ ޓެސްޓެއް ހެދުމަށް ފަހު ނެގެޓިވްވުމުންނެވެ. އަދި މިހާރު ޓުކެލް ވަނީ ޗެލްސީގެ ޓީމާ ގުޅިފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސެނެގޯލްއާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރު އެޑުއާޑް މެންޑީ ވެސް ވަނީ ޓީމާ ގުޅިފަ އެވެ. މެންޑީ ނެތް މެޗުތަކުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ކެޕާ އަރިޒަބަލާގާ އެވެ. ކެޕާ ވަނީ އެފްއޭ ކަޕްގައި ޗެލްސީ މޮޅުވި މެޗުގައި ޕެނަލްޓީއެއް ހިފެހެއްޓުމުގެ އިތުރުން ކްލަބް ވޯލްޑް ކަޕް ސެމީގައި އަލް ހިލާލް ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

ޗެލްސީގެ އެސިސްޓެންޓް ކޯޗު ލޯ ބުނީ މިރޭގެ ފައިނަލުގައި ޗެލްސީގެ ގޯލު ބަލަހައްޓާނެ ކީޕަރަކާ ގުޅޭގޮތުން ޓުކެލްއާ ވާހަކަދައްކާނެ ކަމަށެވެ.

“އަހަރެމެން ޓުކެލްއާ ވާހަކަދައްކާނަން އެކަމުގަ. ފައިނަލް ކުރާނީ މެޗު ފެށުމުގެ އިރުކޮޅެއް ކުރިން. ބެންޗުގަ އިންނަން ޖެހޭ ކީޕަރު ދެރަވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ދެ ކީޕަރުން ވެސް މިދިޔަ ހަފްތާތަކުގައި މޮޅު ކުޅުމެއް ދެއްކި. އެހެންވީމަ މި މެޗުގައި އަރުވާނެ ކީޕަރަކާ މެދު ސުވާލު އުފެދެނީ” ފޯމުގައި ތިބި ދެ ކީޕަރުންނާ ގުޅޭގޮތުން ވާހަކަދައްކަމުން ލޯ ބުންޏެވެ.

ޗެލްސީ އިން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި މީގެ ކުރިން ކުޅުނީ 2012 ވަނަ އަހަރު އެވެ. އެފަހަރުގެ ފައިނަލުގައި ބްރެޒިލްގެ ކޮރިންތިއަންސްއާ ވާދަކޮށް 1-0 އިން އެޓީމު ބަލިވީ އެވެ. މިއީ ކްލަބް ވޯލްޑް ކަޕް ޗެލްސީގެ ތާރީހުގައި ފުރަތަމަ ފަހަރު ހޯދަން އެޓީމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ޕަލްމެއިރަސްއާ ދެކޮޅަށް ޗެލްސީ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *