ޔުނައިޓެޑަށް މޮޅު ފޯވާޑެއް ބޭނުންވާކަން އެންމެންނަށް ވެސް އެނގޭ: ރަންގްނިކް
ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑަށް މޮޅު ފޯވާޑެއް ބޭނުންވާކަން އެންމެންނަށް ވެސް އެނގޭ ކަމަށް އެޓީމުގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅެ އެއްވަރުވިއިރު އިނގިރޭސި އެފްއޭ ކަޕްގައި އަމިއްލަ ދަނޑުގައި މިޑްލްސްބަރޯ އަތުން ޕެނަލްޓީ ޖަހައިގެން ވަނީ ބަލިވެފަ އެވެ. މި ދެމެޗުގައި ވެސް ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ 14 ގޯލާ އެކު އުމުރުން މިހާރު 37 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ ކުރިމަގު ކަށަވަރުނުވާއިރު އޭނާއާ އެކު ފޯވާޑަށް ކުޅޭ އުރުގުއޭގެ އެޑިންސަން ކަވާނީ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އަނެއްކޮޅުން ގެވެށި އަނިޔާގެ ބޮޑު ތުހުމަތެއްގައި އެޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް މިވަގުތު ހުރީ ޓީމުން ބާކީކޮށްފަ އެވެ.
“ފޯވާޑެއް ބޭނުންވާކަން އެއީ ޔަގީންކަމެއް. އެޑިންސަން (ކަވާނީ) ގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ. އެހެންވީމަ މި ކްލަބަށް އެބަ ބޭނުންވޭ މޮޅު ފޯވާޑެއް. އަހަރެންނަށް ހީވަނީ އެންމެންނަށް ވެސް އެކަން އެނގޭހެން” ދަށް ފޯމެއްގައި އޮވެ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.
ޔުނައިޓެޑުން އެންމެ ބޮޑަށް ޝައުގުވެރިވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށެވެ. އުމުރުން 21 އަހަރުގެ ފޯވާޑް 2019 ވަނަ އަހަރު ރެޑްބުލް ސާލްސްބާގަށް ބަދަލުވުމުގައި އޭރު ރަންގްނިކް މުހިއްމު ދައުރެއް އަދާކުރި އެވެ.
ރަންގްނިކަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާނީ މިހާރު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ޕޮޗެޓީނޯ ޔުނައިޓެޑާ ގުޅިއްޖެ ނަމަ އޭނާ ބޭނުންވާނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ އިނގިރޭސި ކެޕްޓަން ހެރީ ކޭން ގެނައުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހާލަންޑާއި ކޭންގެ އިތުރުން އިންޓަ މިލާނަށް ކުޅޭ ލަޓާރޯ މާޓީނޭޒް އާއި ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކް އަކީ ވެސް ޔުނައިޓެޑުން ފާރަލާނެ ކުޅުންތެރިންނެވެ. މީގެ އިތުރުން ޔޫރޯގައި ވިދާލި ޗެކް ރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކް އަކީ ރަންގްނިކް ގަޔާވާ ކުޅުންތެރިއެކެވެ.
އަންނަ ސީޒަނަށް ފޯވާޑެއް ހޯދުމުގެ ކުރިން ޔުނައިޓެޑުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އާ ކޯޗެއް ހަމަޖެއްސުމަށެވެ. އެއަށްފަހު ޔުނައިޓެޑުން ބޭނުންވަނީ ޑިފެންސިވް މިޑްފީލްޑަރެއް ހޯދުންކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރަންގްނިކް ބުނީ، މުހިއްމީ އެޓީމުގެ އެޓޭކް ވަރުގަދަކުރަން ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި 23 މެޗުން ލިބިފައިވާ 39 ޕޮއިންޓާ އެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. ލީގުގައި މިއަދު ހަވީރު 5:30 ގައި ކުޅޭ މެޗުގައި ޔުނައިޓެޑް ނުކުންނާނީ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށެވެ.
Advertisement
Leave a Reply