ރޭގައި ހީވީ އާސެނަލަށް ލީގު ލިބިގެން އުޅުނުހެން: ނެވޭސް
ރޭ އާސެނަލުން 1-0 އިން ވުލްވްސް ބަލިކުރި މެޗުގައި ހީވީ އާސެނަލަށް ލީގު ލިބިގެން އުޅުނުހެން ކަމަށް ވުލްވްސް އަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސް ބުނެފި އެވެ.
މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލު އަލެކްސަންޑަ ލަކަޒެޓްގެ އެހީތެރިކަމާ އެކު 25 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލް އެވެ. މިއީ މިދިޔަ އޮކްޓޯބަރުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ވުލްވްސް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. ރަށުން ބޭރުގައި މުހިއްމު މޮޅު ހޯދި މެޗުގެ 69 ވަނަ މިނެޓުގައި އާސެނަލްގެ ގެބްރިއަލް މާޓިނެލީ އަށް ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މާޓިނެލީ އަށް ރަތް ކާޑު ދެއްކީ ގާތްގާތުގައި ވުލްވްސްގެ ދެ ކުޅުންތެރިއަކަށް ފައުލް ކުރުމުންނެވެ. އެކަމަކު މި ރަތް ކާޑާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ވުލްވްސްގެ މިޑްފީލްޑަރު ނެވޭސް ބުނީ މެޗުން މޮޅުވުމުން މިދިޔަ 10 އަހަރުތެރޭ އުފާފާޅުނުކުރާ ވަރަށް އާސެނަލުން ރޭ އުފާފާޅުކުރި ކަމަށެވެ. އާސެނަލްގެ އަމަލުން ދައްކުވައިދިނީ ވުލްވްސްގެ ލެވެލް ކަމަށް ނެވޭސް މެޗަށް ފަހު ބުންޏެވެ.
“އަހަރެމެންނަށް ފެނުނު އެމީހުން އުފާފާޅުކުރި ގޮތް. އޭގެން ދައްކުވައިދެނީ އަހަރެމެންގެ ލެވެލް. އަހަރެން ނުދެކެން މިދިޔަ 10 އަހަރުތެރޭ އާސެނަލުން އެވަރަށް އުފާފާޅުކުރި ތަނެއް. ހީވަނީ ހަމަ ލީގު ލިބިގެން އުޅުނުހެން” ބަލިވުމުން މާޔޫސްވެފައި ހުރި ނެވޭސް ބުންޏެވެ.
ލީގުގައި ކުޅުނު 22 މެޗުން ހޯދި 39 ޕޮއިންޓާ އެކު އާސެނަލް މިހާރު ވަނީ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އާސެނަލްއާ އެއްވަރަށް ޕޮއިންޓް ލިބި ފައިދާ ގޯލުގެ ތަފާތުން ހަ ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް އޮތީ އާސެނަލަށް ވުރެ އިތުރަށް ދެ މެޗު ކުޅެ 40 ޕޮއިންޓާ އެކު އެވެ. މެޗުން ބަލިވި ވުލްވްސް އޮތީ 22 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އާސެނަލުން މެޗު ކާމިޔާބު ކުރުމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ އެޓީމުގެ ކުޅުންތެރިންނާ މެދު ފަހުރުވެރިވާކަމަށް ބުނެފަ އެވެ. ރޭގެ ރަތް ކާޑާ އެކު އާސެނަލަށް ވަނީ މިއަހަރު މިހާތަނަށް ހަތަރު ރަތް ކާޑު ދައްކައިފަ އެވެ. އާޓެޓާ ބުނީ ރަތް ކާޑު މަދުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި، 10 ކުޅުންތެރިންނާ އެކު މެޗެއް ކާމިޔާބުކުރުމަކީ އާދަޔާހިލާފަށް އުނދަގޫ ކަމެއް ކަމަށެވެ.
“އަހަރެމެން އެބަޖެހޭ ބާކީ 16 މެޗު 11 ކުޅުންތެރިންނާ އެކު ކުޅެން. އެއީ އެންމެ މުހިއްމު ކަމަކީ. 10 ކުޅުންތެރިންނާ އެކު މެޗުތަކުން މޮޅުވުމަކީ ދުރުކަމެއް” އާޓެޓާ ބުންޏެވެ.
Advertisement
Leave a Reply