އަހަރެމެންނަށް ސިޓީ އަތެއް ނުވާނެ: ކްލޮޕް

Advertisement

އަހަރެމެންނަށް ސިޓީ އަތެއް ނުވާނެ: ކްލޮޕް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލުމުގެ ޗާންސެއް ނެތް ކަމަށާއި، އެކަމަކު ލިވަޕޫލަށް ކުރެވުނު ހިތްވަރެއް ކުރާނެކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 0-2 އިން ލެސްޓާ ސިޓީ ބަލިކޮށް އެއް ވަނައިގައި އޮތް ސިޓީއާ އޮތް ފަރަގު 9 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިޓީ އަށް 24 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެ ލިވަޕޫލަށް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. ބާކީ މެޗެއް އޮތުމުން ސިޓީއާ ދެމެދު އޮތް ފަރަގު 6 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.

ރޭގެ މެޗަށް ފަހު ކްލޮޕް ބުނީ ލިވަޕޫލް އޮތީ ސިޓީ އަތުވާނެ ހިސާބުގައިކަން އޭނާ އަށް ޔަގީންނުވާ ކަމަށެވެ.

“އަހަރެމެންނަށް ނެތް ސިޓީ އަތުލުމުގެ ފުރުސަތެއް. އެކަމަކު އޭގެ މާނައެއް ނޫން އަހަރެމެންނަށް ވީ އެންމެ ރަނގަޅަކަށް ނުކުޅޭނެއެކޭ. މިއީ ވަރަށް ބޮޑު ކްލަބެއް. އަހަރެމެން ޖެހޭނެ މެޗުތައް ކާމިޔާބުކުރަން. ބާކީ މެޗެއް އެބައޮތް. އެ މެޗުން ކޮންމެހެންވެސް މޮޅުވާން ޖެހޭ” ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ރޭގެ މޮޅަކީ ސިޓީ އަތުލަން ކުރާ މަސައްކަތަށް ވުރެ ފަހަތުގައި އޮތް ޓީމުތަކާ އޮތް ފަރަގު ބޮޑުކުރަން މުހިއްމުވި މޮޅެއް ކަމަށެވެ.

މެޗުގައި ލިވަޕޫލްގެ ދެ ލަނޑު ވެސް ޑިއޯގޯ ޖޯޓާ އެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާ އެކު ޖޯޓާ ޖެހީ 87 ވަނަ މިނެޓުގަ އެވެ. މެޗުގައި ކޯޗު ކްލޮޕް ވަނީ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު ލުއިޒް ޑިއާޒް އަށް ފުރަތަމަ އެގާރައިން ޖާގަދީފަ އެވެ. ސެނެގޯލްއާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ސަޑިއޯ މާނޭ އަދި ލިވަޕޫލް ޓީމާ ގުޅިފައެއްނުވެ އެވެ. އެކަމަކު އެފްރިކާ ކަޕްގެ ފައިނަލުގައި ބަލިވި މިސްރު ޓީމުގެ މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް އެނބުރި އައިސް ރޭގެ މެޗުގައި ބެންޗުން ކުޅެން އަރައިފަ އެވެ.

ކޯޗު ކްލޮޕްގެ ނަޒަރުގައި ސިޓީ އަތުލުމަކީ އުނދަގޫ ކަމަކަށް ވިޔަސް ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ ބުނީ ލީގު އޮތީ ހުޅުވިފައިކަމަށާ، ސިޓީ އަތުނުވާންވީ ސަބަބެއް ނެތްކަމަށެވެ.

“އަހަރެމެން އޮތީ ސިޓީ އަތުލެވޭ ހިސާބުގަ. އެއް މެޗު މަދުންކުޅެ އަނެއްކާ ސިޓީއާ ދެކޮޅަށް މެޗެއް އެބައޮތް. އެހެންވީމަ މިއީ ހަމަ ހުޅުވިފައި އޮތް ލީގެއް މިއީ” ތިއާގޯ ބުންޏެވެ.

ލީގުގައި ސިޓީ އާއި ލިވަޕޫލް ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ސިޓީން ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން 14 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. މުހިއްމު ކުޅުންތެރިންތަކެއް ނުލައި މިދިޔަ ހަފްތާތަކުގައި ލިވަޕޫލުން ވެސް ވަނީ މެޗުތައް ކާމިޔާބުކޮށްފަ އެވެ. ލީގުގައި ލިވަޕޫލުން 60 ގޯލު ޖަހާފައިވާއިރު ސިޓީން ވަނީ 57 ލަނޑު ޖަހައިފަ އެވެ. މި ދެޓީމުގެ ވާދަވެރިކަން ލީގުގައި އެންމެ ބޮޑަށް ފެނުނީ 19-2018 ވަނަ ސީޒަނުގަ އެވެ. އެފަހަރު ސިޓީން ލީގު ކަށަވަރުކުރީ ލީގުގެ ފަހު 14 މެޗުން ޖެހިޖެހިގެން މޮޅުވެގެންނެވެ.

ސިޓީގެ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *