ފެހެންދޫ ބަލިކޮށް ފޯކައިދޫން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި

Advertisement

ފެހެންދޫ ބަލިކޮށް ފޯކައިދޫން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބ. ފެހެންދޫ ބަލިކޮށް ށ. ފޯކައިދޫ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައި ވުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. މިއަދު ހަވީރު އަމިއްލަ ރަށުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 3-2 އިންނެވެ.

މިއަދުގެ މެޗުގައި ފޯކައިދޫ ޓީމުން ވަނީ ފުރަތަމަ 30 މިނެޓުތެރޭ ތިން ލަނޑު ޖަހާފައެވެ. އެޓީމުގެ ފުރަތަމަ ދެ ލަނޑު މެޗުގެ ފަސްވަނަ މިނެޓާއި 10 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުޙައްމަދު ފާރިޝް އިބްރާހީމް އެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ޖެހީ އަޙްމަދު ރަފީން އެވެ. ފޯކައިދޫން ފުރަތަމަ ހާފުގައި ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ފެހެންދޫ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމު ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް މާޖިދެވެ.

ދެވަނަ ހާފުގައި ފެހެންދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފޯކައިދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ރީހާން އެވެ. މި މޮޅާއެކު ފޯކައިދޫ ޓީމަށް ވަނީ ކުޅުނު ދެމެޗުން 6 ޕޮއިންޓް ހޯދާފައެވެ. ކޮންމެ ގްރޫޕަކުން ދެޓީމު ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާއިރު މި މޮޅާއެކު އެޓީމަށް ވަނީ ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑު ވެފައެވެ.

މި ގްރޫޕުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އދ. ފެންފުށްޓާއި އއ. މާޅޮހެވެ. ފެންފުށި ވަނީ ފުރަތަމަ މެޗުގައި ފޯކައިދޫ އަތުން 1-0 އިން ބަލިވެފައެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރި މާޅޮސް ޓީމުން ވަނީ ފުރަތަމަ މެޗުގައި 2-0 އިން ހއ. މުރައިދޫ ބަލިކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *