އެފްރިކަން ކަޕް: ފައިނަލުގައި ސަލާހް އާއި މާނޭގެ ކުރިމަތިލުމެއް

Advertisement

އެފްރިކަން ކަޕް: ފައިނަލުގައި ސަލާހް އާއި މާނޭގެ ކުރިމަތިލުމެއް

ޢަލީ ޝަހީމް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ލިވަޕޫލްގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ސަޑިއޯ މާނޭ ނިސްބަތްވާ ސެނެގޯލް އާއި މުހައްމަދު ސަލާހް ނިސްބަތްވާ މިސްރު ދަތުރުކޮށްފި އެވެ.

މާނޭގެ މޮޅު ކުޅުމާ އެކު ސެނެގޯލް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ބުދަ ދުވަހުގެ ރޭ ބުރްކީނާ ފާސޯއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. ދެ ވަނަ ސެމީގައި ރޭ މުބާރާތް ބާއްވާ ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި މިސްރު ކުރި ހޯދީ 3-1 އިންނެވެ.

މިސްރާއި ކެމަރޫން ވާދަކުރި މެޗުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. މެޗުގައި އެންމެ ފާހަގަކުރެވުނީ ރެފްރީ ބަކާރީ ގައްސާމާގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރުމް މިސްރުގެ ކޯޗު ކާލޯސް ކުއެރޯޒަށް ރެފްރީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލުމެވެ. ރަތް ކާޑު ދެއްކުމުން ސެނެގޯލާ ދެކޮޅަށް ކުޅޭ ފައިނަލުގައި ކުއެރޯޒަށް މިސްރުގެ ބެންޗުގައި ނީނދެވޭނެ އެވެ.

Image

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި މިސްރުން ވަނީ އެޓީމުގެ ތިން ޕެނަލްޓީ ވެސް ވައްދާލާފަ އެވެ. އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޒީޒޯ އާއި އަބްދުލްމޫނެމް އާއި މުހަނަދު ލަޝީން އެވެ. ކެމަރޫންގެ ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ވައްދާލެވުނީ ފުރަތަމަ ޕެނަލްޓީ އެކަންޏެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުބާރާތުގައި ގިނަ ގޯލުތަކެއް ޖެހި ކެޕްޓަން ވިންސެންޓް އަބޫބަކުރު އެވެ. ކެމަރޫންގެ ދެ ވަނަ ޕެނަލްޓީ ހެރޯލްޑް މޮކޯޑީ ފޮނުވާލުމުން މިސްރުގެ ކީޕަރު ގަބާސްކީ ވަނީ މަތަކޮށްފަ އެވެ. އޭގެފަހުން ކެމަރޫންގެ ތިން ވަނަ ޕެނަލްޓީ ޖޭމްސް ލެ ސިލީކީ ޖެހުމުން ވެސް ގަބާސްކީ އެ ބޯޅަ މަތަކުރި އެވެ. މިސްރަށް ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކެމަރޫންގެ ހަތަރު ޕެނަލްޓީ ކްލިންޓަން އެންޖީ ފޮނުވާލުމުން ބޭރަށް ދިއުމުންނެވެ. ގަބާސްކީއަކީ މިސްރުގެ ދެ ވަނަ ކީޕަރެވެ. އެޓީމުގެ އެއް ނަންބަރު ކީޕަރަށް ގަދަ 16 ގެ މެޗުގައި އަނިޔާވުމުގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ. ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން އައިވަރީ ކޯސްޓް ބަލިކުރި މެޗުގެ އިތުރުން ކުއާޓާ ފައިނަލް މެޗު އަދި ސެމީ ފައިނަލުގައި ވެސް ގަބާސްކީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

Burkina Faso v Senegal: Mane aiming to return to AFCON final

ބުރްކީނާ ފާސޯ އަތުން މޮޅުވި މެޗުގައި ސެނެގޯލްގެ ސަޑިއޯ މާނޭ ވަނީ އެއް ލަނޑު ޖަހައި އިތުރު ލަނޑެއް ޖަހަން އެހީތެރިވެދީފަ އެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިދްރީސާ ގާނާ-ގޭއި އާއި އަބްދޫ ޑިއާލޯ އެވެ. ބުރްކީނާ ފާސޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އީސާ ބްލާޓީ ޓޫރޭ އެވެ.

ސެނެގޯލް އާއި މިސްރު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. 2019 ވަނަ އަހަރު އޮފް އެފްރިކަން ކަޕްގެ ފައިނަލުގައި ސެނެގޯލް ވަނީ އަލްޖީރިއާ އަތުން ބަލިވެފަ އެވެ. އެޓީމަށް މިހާތަނަށް މި މުބާރާތް ކާމިޔާބު ކުރެވިފައިނުވާއިރު މިއީ ޖެހިޖެހިގެން އެޓީމު ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. އަނެއްކޮޅުން މިސްރަކީ މި މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމެވެ. މިސްރު ވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ކެމަރޫން އަތުން ބަލިވެފަ އެވެ.

ސަލާހް އާއި މާނޭ އަކީ ލިވަޕޫލުން ހޯދަމުން އަންނަ ކާމިޔާބީތަކުގައި މޮޅު ކުޅުމެއް ދައްކާ ދެކުޅުންތެރިންނެވެ. އެކަމަކު ގައުމީ ޓީމާ އެކު މި ދެކުޅުންތެރިންނަށް ދެން އޮތީ ވާދަވެރި މެޗުތަކެކެވެ. އެފްރިކާ ކަޕްގެ ފައިނަލުގެ އިތުރުން މި އަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވާން އަންނަ މަހު ކުޅޭ ޕްލޭއޮފްގައި ވެސް ސެނެގޯލް އާއި މިސްރު ވާދަކުރާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *