ޔޫތު ޗެމްޕިއަންޝިޕް: އެއް ވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓްރީ ސެމީ އަށް
19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު 0-2 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މި ގްރޫޕުގެ ފަހު މެޗުގައި ރޭ ކްލަބް ވެލެންސިއާ ވަނީ ފަހަތުން އަރައި 3-2 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މި ގްރޫޕުގެ މެޗުތައް ނިމުނުއިރު ޔޫވީ އެއް ވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕުގެ ތިން ވަނަ ތިން ޕޮއިންޓާ އެކު ވެލެންސިއާ އަށް ލިބުނުއިރު ފުލަށް ދިޔަ މަހިބަދޫ އަށް ލިބުނީ ޕޮއިންޓެކެވެ.
ޓީސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޫވީގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ އަބްދުއްރަހްމާން ތިބްޔާން އަލީ ސައީދު އެވެ. އެޓީމުގެ ދެ ވަނަ ލަނޑު ތިބްޔާންގެ އެހީތެރިކަމާއެކު 60 ވަނަ މިނެޓުގައި ޖެހީ އަލީ މީސާގް އީސާ އެވެ.
ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 10 މިނެޓުތެރޭ މަހިބަދޫ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ހަތް ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު މުހައްމަދު އިޝްހާމް ޖެހިއިރު އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ ހަސަން ނާއިމް އެވެ. ވެލެންސިއާ އަށް އުއްމީދެއް ލިބުނީ މެޗުގެ 14 ވަނަ މިނެޓުގައި އަބްދުﷲ ފާސިރު ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަހުމަދު އާހިލް ރަޝީދުގެ ގޯލުން ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރި އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާމިން އުމަރު މޫސާ އެވެ. މި ލަނޑަށް ފަހު ވެސް ވެލެންސިއާ އިން ވަނީ ލީޑު ފުޅާކުރާނެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.
ފަސް ޓީމު ވާދަކުރާ ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވާނީ މާދަމަ ކުޅޭ ފަހު މެޗުތަކަށް ފަހު އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި މާޒިޔާ އިން 0-6 އިން ދަ ގްރާންޑޭ ސްޕޯޓްސް ބަލިކުރިއިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ 0-4 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.
މި ގްރޫޕުގެ އެއް ވަނައިގައި މިވަގުތު އޮތް މާޒިޔާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އީގަލްސް އޮތީ ދެ ވަނައިގަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާ މާޒިޔާ އެއް ވަނައިގައި އޮތީ އީގަލްސް އަށް ވުރެ ފައިދާ އެއް ގޯލު އިތުރަށް ލިބިގެންނެވެ. ތިން ވަނައިގައި އޮތް ސަސް އިން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން މެޗުން އެއް ޕޮއިންޓް ލިބުނު ދަ ގްރާންޑޭ އާއި ތިން މެޗުން ބަލިވެ ގްރޫޕުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް ވަނީ މުބާރާތުން ކަޓައިފަ އެވެ.
ގްރޫޕް އޭގެ ފަހު ދެ މެޗުގެ ތެރެއިން މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި އީގަލްސް އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ނުކުންނާނީ ސަސްއާ ދެކޮޅަށެވެ. މާދަމާގެ މެޗުތަކުން އީގަލްސް އާއި ސަސް މޮޅުވެއްޖެ ނަމަ އެ ދެޓީމަށް ސެމީގެ ޖާގަތައް ލިބޭނެ އެވެ. އޭރުން މިވަގުތު އެއް ވަނައިގައި އޮތް މާޒިޔާ ކަޓާނެ އެވެ. މާޒިޔާ އަށް ކިރިޔާވެސް ފުރުސަތެއް އޮތީ އީގަލްސް އާއި ސަސް އަށް މާދަމާ ނަތީޖާ ނުނެރެވިއްޖެ ނަމަ އެވެ.
Advertisement
Leave a Reply