އެފްރިކަން ކަޕް: މިސްރާއި ސެނެގޯލް ސެމީ ފައިނަލަށް

ކެމަރޫންގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ މިސްރާއި ސެނެގޯލުން ހޯދައިފި އެވެ.
މިސްރު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 2-1 އިން މޮރޮކޯ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުމުން މިސްރު ކުރި ހޯދީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހި ގޯލުންނެވެ.
މެޗުގެ ހަ ވަނަ މިނެޓުގައި ސޮފިއާން ބޫފޮލްގެ ޕެނަލްޓީއަކުން މޮރޮކޯ އިން ލީޑު ނެގި އެވެ. މިއީ މިސްރުގެ އައިމަން އަޝްރަފް މޮރޮކޯގެ އަޝްރަފް ހަކީމީ އަށް ކުރި ފައުލަކަށް ރެފްރީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު ދިން ޕެނަލްޓީއެކެވެ.
މިސްރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 53 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖެހި ގޯލުންނެވެ. މިސްރުގެ ޔާސީން ބޫނޯ ބޮލުން ޖެހި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހް ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ. މިސްރަށް މެޗުގައި ދިމާވި މައްސަލައަކީ އެޓީމުގެ ކީޕަރު ގަބާސްކީ އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. ބަދަލުގައި ކުޅެން އެރީ މިސްރުގެ ތިން ވަނަ ކީޕަރު މުހައްމަދު ސޯބީ އެވެ. މިއީ މިސްރުގެ ޓީމަށް ސޯބީ ކުޅެދިން ފުރަތަމަ މެޗެވެ. މިސްރުގެ އެއް ނަންބަރު ކީޕަރު މުހައްމަދު އެލްޝަނާވީ އަށް ދެ ވަނަ ބުރުގެ މެޗުގައި ވަނީ އަނިޔާވެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހުކޮޅު މިސްރު މޮޅުވި ލަނޑު ސަލާހްގެ އެހީތެރިކަމާ އެކު ޖެހީ މަހުމޫދު ޓްރެޒެގޭ އެވެ. މިއީ މިސްރުގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު އޭރިޔާ ތެރެއިން ސަލާހް ހުރަސްކޮށްލުމުން ޓްރެޒެގޭ ޖެހި ގޯލެކެވެ.
ރޭ ދަންވަރު ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ސެނެގޯލުން ވަނީ 1-3 އިން އިކުއޭޓްރަލް ގިނީ ބަލިކޮށްފަ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ނަގައިދިން ހުރަހަކުން ސެނެގޯލްގެ ފުރަތަމަ ލަނޑު ޖެހީ ފަމާރާ ޑިއެދިއޯ އެވެ. ގިނީ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 57 ވަނަ މިނެޓުގައި ޖެނިކް ބީލާގެ ގޯލުންނެވެ. ސެނެގޯލުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ޗެއިކޫ ކުޔާޓޭ އެވެ. ސެނެގޯލަށް މޮޅު ކަށަވަރުކޮށްދިން ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ސެނެގޯލް ނުކުންނާނީ ބުރްކީނާ ފާސޯއާ ދެކޮޅަށެވެ. ބުރާސްފަތި ދުވަހު ކުޅޭ ސެމީ މެޗުގައި މިސްރު ވާދަކުރާނީ މުބާރާތް ބާއްވާ ކެމަރޫންއާ އެވެ.
Advertisement


Leave a Reply