ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާއާ އެއްވަރުކޮށް އީގަލްސް ސެމީ ފައިނަލާ ގާތަށް

Advertisement

ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާއާ އެއްވަރުކޮށް އީގަލްސް ސެމީ ފައިނަލާ ގާތަށް

ޢަލީ ޝަހީމް
މާޒިޔާ އާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

މާލޭގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ. އީގަލްސް މި ފުރުސަތު ތަނަވަސްކުރީ ރޭ މާޒިޔާއާ ވާދަކޮށް 0-0 އިން އެއްވަރުކޮށްގެންނެވެ.

މި ގްރޫޕުގައި ފަސް ޓީމު ވާދަކުރާއިރު އީގަލްސް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. އީގަލްސް އާއި މާޒިޔާ އިން މިހާތަނަށް ވަނީ ތިން މެޗު ކުޅެފަ އެވެ. ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ދެޓީމު ދެ މެޗު ކުޅެފައިވާއިރު ގްރޫޕުގެ ފުލުގައި އޮތީ ފުރަތަމަ ދެ މެޗުން ވެސް ބަލިވި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އިއްޔެ ހަވީރު ދަ ގްރާންޑޭ އަތުން ގްރީން ސްޓްރީޓްސް ބަލިވީ 2-1 އިންނެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އީގަލްސް އެވެ. އެކަމަކު އެޓީމަށް މާޒިޔާގެ ގޯލާ ނުރައްކާކޮށް މާގިނަ ހަމަލާތަކެއް އުފެއްދޭގޮތެއްނުވި އެވެ. މާޒިޔާ އިން ވެސް އީގަލްސްގެ ގޯލަށް މަދު ހަމަލާތަކެއް ވަނީ ފޮނުވާލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްގެ ފޯވާޑުން ހިފެހެއްޓުމުގައި މޮޅު ކުޅުމެއްދެއްކި މާޒިޔާގެ ޑިފެންޑަރު އަހުމަދު އުމޭސް އެވެ.

May be an image of 3 people, people playing football, people standing and grass

ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް އިއްޔެ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

އިއްޔެ އަކީ ދަ ގްރާންޑޭގެ ޓީމަކަށް މިފަހަރުގެ ސީޒަނުގައި ލިބުނު ފުރަތަމަ މޮޅެވެ. ދަ ގްރާންޑޭގެ ސީނިއާ ޓީމަށް ޕްރެޒިޑެންޓްސް ކަޕްގެ އެއްވެސް މެޗަކުން މޮޅެއް ނުލިބުނުއިރު 19 އަހަރުން ދަށުގެ ޓީމު ޔޫތު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ އެވެ. އިއްޔެގެ މެޗުގައި ދަ ގްރާންޑޭގެ ގޯލުތައް ފުރަތަމަ ހާފުގައި ޖަހައިދިނީ ޝިމާން އަބްދުއްޝަކޫރު އާއި މުހައްމަދު ރިމްހާން ގާސިމް އެވެ. ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އައިހަމް އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ހަމައެކަނި ޖާގަ މިހާތަނަށް ހޯދީ ގްރޫޕް އޭގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ ޔުނައިޓެޑް ވިކްޓްރީ އާއި މަހިބަދޫ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ. ވެލެންސިއާ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެދުވަހުގެ ހަވީރު މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ސަސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *