މިނަމީނޯ ގަންނަން ކުރި ދެ ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނެފި
އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑާއި ފްރާންސްގެ މޮނާކޯ އިން ޓަކޫމީ މިނަމީނޯ ހޯދަން ހުށަހެޅި ބިޑްތަކަށް ލިވަޕޫލުން ނޫނެކޭ ބުނެފި އެވެ.
އާރުބީ ސާލްސްބާގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަނިކޮށް ލިވަޕޫލުން މިނަމީނޯގެ ސޮއި ހޯދީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 7.25 މިލިއަން ޕައުންޑަށެވެ. އެކަމަކު ޖަޕާނުގެ މިޑްފީލްޑަރު ލިވަޕޫލަށް ބަދަލުވެ އެ ކްލަބުގައި އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.
ލިވަޕޫލަށް މި ސީޒަނުގައި މިނަމީނޯ 18 މެޗު ކުޅެފައިވާއިރު ޖެހިފައިވަނީ 6 ގޯލެވެ. އޭގެތެރެއިން ހަތަރު ގޯލަކީ އިނގިރޭސި ލީގު ކަޕްގައި ޖެހި ގޯލުތަކެވެ. ލީގު ކަޕްގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފައިވާއިރު އެ މުބާރާތުގައި ލެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗުގައި ލިވަޕޫލަށް މެޗުގެ ފަހު ވަގުތު ނަތީޖާ ހަމަހަމަކޮށްދިނީ މިނަމީނޯ އެވެ. ލީގު ކަޕްގެ ފައިނަލުގައި އަންނަ މަހުގެ 27 ވަނަ ދުވަހު ލިވަޕޫލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
ލިވަޕޫލުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުމާއި، އެނާގެ މޮޅު ކުޅުން ތަކުރާރު ނުކުރެވުމުން މިދިޔަ ސީޒަނުގެ ފަހު ބައިގައި މިނަމީނޯ ވަނީ ލޯނު އުސޫލުން ސައުތެމްޓަނަށް ކުޅެފަ އެވެ. އެ ކްލަބަށް ކުޅުނު 10 މެޗުގައި މިނަމީނޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފިނި މޫސުގެ ޓްރާންސްފާ ބާޒާރު ނިމުމަކާ ގާތްވެފައިވާއިރު ލިވަޕޫލުން ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެ އެވެ. މިވަގުތަށް ބަލާއިރު ލިވަޕޫލުން ހޯދަން މަސައްކަތްކުރަމުން އަންނަނީ ޔުވެންޓަސްގެ އާޖެންޓީނާ ތަރި ޕައޮލޯ ޑިބާލާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބޮޑެތި ޓްރާންސްފާތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ފިއޮރެންޓީނާ އަށް ގިނަ ގޯލުތަކެއް ޖަހައިދެމުން އައި ފޯވާޑް، ޑޫސާން ވްލަހޯވިޗް އިޓަލީގެ ގަދަބާރު ޔުވެންޓަސް އަށް ބަދަލުވާން ނިންމުމެވެ. ދުނިޔޭގެ އެންމެ މުއްސަނދި ކްލަބް ނިއުކާސަލް ޔުނައިޓެޑުން ވަނީ ފްރާންސްގެ ލިޔޯނަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމާރޭޒް ގެނައުމާ ގާތަށް ޖެހިލާފަ އެވެ. އެކަމަކު މި ޑީލް ހައިޖެކްކުރަން ޔޫރަޕްގެ އެހެން ކްލަބްތަކުން މަސައްކަތްކުރާކަމަށް މިހާރު ވަނީ ރިޕޯޓްކޮށްފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން ގަދައަޅައި ހޯދަން މަސައްކަތްކުރި ވުލްވްސްގެ އެޑަމާ ޓްރައޮރޭ މިހާރު ވަނީ ލޯނު އުސޫލުން ބާސެލޯނާ އަށް ބަދަލުވާން ނިންމައިފަ އެވެ. ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުން އަންނަ ޑެންމާކްގެ ޑެނިއަލް ވާސް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވިއިރު ވޯލްޑް ކަޕްގައި ޖަރުމަނު ޓީމުން ފާހަގަކުރެވުނު އެޓަލާންޓާގެ ފުލްބެކް ރޮބިން ގޮސެންސް ވަނީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށް ބަދަލުވެފަ އެވެ. އާސެނަލުން ފުރުސަތު ނުލިބޭ އިނގިރޭސި ޑިފެންޑަރު ކަލުމް ޗެމްބާސް ވަނީ އެސްޓަން ވިލާ އަށް ބަދަލުވެފަ އެވެ.
Advertisement
Leave a Reply