މާޒިޔާ ބަލިކޮށް ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި
ފައިނަލުގައި 2-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދައިފި އެވެ.
މިއީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އިން ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. މިއަހަރުގެ އިތުރުން އެޓީމުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ 1993، 1994، 1998، 1999 އަދި 2008 ވަނަ އަހަރު އެވެ. 14 އަހަރު ފަހުން ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކާމިޔާބުކުރުމުގެ އިތުރުން މިއީ 2016 ގެ ފަހުން އެ ކްލަބަށް ތައްޓެއް ލިބުނު ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރު ވެލެންސިއާ އިން ކާމިޔާބުކުރީ އެފްއޭ ކަޕް އެވެ. އޭގެފަހުން އެޓީމު ތަށި މި ހޯދީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެ އެނބުރި ފުރަތަމަ ޑިވިޝަނަށް އައުމަށް ފަހު އެވެ.
ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދުގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލީޑު ނަގައިފަ އެވެ. ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ސްރީ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އެވެ. ވެލެންސިއާ ލީޑުގައި އޮއްވައި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކޯނަރެއްގައި އުފެއްދި ހަމަލާއެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު އިރުފާން (އިރޭ) އެވެ. ހުރިހާ ކުޅުންތެރިންގެ ތެރެއިން އިރޭ މި ގޯލު ވައްދާލީ ފަހަތަށް އެނބުރިގެން ހުރެ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ މޮޅަށް ކުޅެ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެޓީމުން އުފެއްދި ގިނަ ހަމަލާތައް ހުއްޓުވުމުގައި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މުހިއްމު ދައުރެއް އަދާކުރި އެވެ. މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ކުރިއަށް ދިޔައިރު ދަނޑުގެ އަލިކަން ފަނޑުވުމުގެ ސަބަބުން ދެޓީމަށް ވެސް އުނދަގޫތައްވި އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން ފަސް ވަރަކަށް މިނެޓުތެރޭ އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކަށް މާޒިޔާގެ ނާއިޒް ހަސަން (ދާދު) އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ދާދު އަށް ކުރެވުނު ފައުލުން ސެންޓޭ ވަގުތުން ދަނޑުން ބާލަން ޖެހުނުއިރު ބަދަލުގައި ކުޅެން އެރީ އިސްމާއީލް އީސާ (މެސީ) އެވެ. ނުރައްކާތެރި ފައުލެއް ކުރެވުމުން ދާދު ދަނޑުން ފޭބީ ވަރަށް ދެރަވެފައި ހުރެގެންނެވެ.
އެއް ކުޅުންތެރިއަކު މަދުވިތާ މާ ގިނައިރެއް ނުވަނީސް މާޒިޔާ ކޮޅަށް ވެލެންސިއާ އިން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މާޒިޔާގެ ޑިފެންސްގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުންހިފައި މި ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯހާސް މާޓިން އެވެ. ވެލެންސިއާ އިން ދެ ވަނަ ފަހަރަށް ލީޑު ނެގުމުން މާޒިޔާގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. މާޒިޔާ ކުރިއަށް ޖެހިގެން ކުޅުނު ވަގުތު ކައުންޓަ އެޓޭކުގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ވެލެންސިއާ އަކަށް ނުހިފުނެވެ.
މެޗަށްފަހު އޮތް އިނާމުދިނުމުގެ ރަސްމިއްޔާތުގައި އަލިފުށީގައި ސަރުކާރުން ތަރައްގީކުރި ޓާފް ދަނޑު އެރަށުގެ ކައުންސިލާ ރަސްމީކޮށް ވަނީ ހަވާލުކޮށްފަ އެވެ. އަދި، ރާއްޖޭގެ ގައުމީ ޓީމަށް 10 އަހަރު ކުޅުނު އެރަށަށް އުފަން ފުލްބެކް މުހައްމަދު ރަޝީދު (ހޮކޭ) ގެ ފުޓްބޯޅައިން ރިޓަޔާކުރުމުން އެފްއޭއެމުން ހޮކޭ އަށް ހަނދާނީ ފިލައެއް ވަނީ އަރުވައިފަ އެވެ. ހޮކޭ އަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެ ގައުމީ ޓީމުގައި މޮޅު ކުޅުމެއްދެއްކި ނަމޫނާ ޑިފެންޑަރެކެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލެންސިއާ މޮޅުވި ލަނޑު ޖެހި ބޯހާސް އެވެ. މުބާރާތުގައި ހަތް ލަނޑު ޖަހައިގެން ރަން ބޫޓާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލެންސިއާގެ ސެންޓޭ އެވެ. ތަފާތު މޮޅު ކުޅުމެއް ދެއްކި މުބާރާތުގައި ސެންޓޭ ވަނީ ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދިޔައީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ވެލެންސިއާ ފައިނަލަށް ދަތުރުކުރިއިރު މާޒިޔާ އަކީ ދެ ވަނަ ޓީމެވެ. ގޯލުގެ ތަފާތުން ތިން ވަނަ ލިބުނީ ފަހު ވަގުތާ ހަމައަށް ހިތްވަރުކުރި ކްލަބް ގްރީން ސްޓްރީޓްސް އަށެވެ.
ރާއްޖޭގައި ގައުމީ ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވި 1946 ވަނަ އަހަރު އެވެ. މިއަހަރު ކުޅުނީ ޕްރެޒިޑެންޓްސް ކަޕްގެ 68 ވަނަ މުބާރާތެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ޕްރެޒިޑެންޓްސް ކަޕް ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުތަކުގައި ކޮވިޑުގެ ސަބަބުންނާއި ކަލަންޑަރަށް ގެންނަން ޖެހުނު ބަދަލުތަކާއި ގުޅިގެން ޕްރެޒިޑެންޓްސް ކަޕް ބޭއްވޭގޮތެއްނުވީ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ދެން އޮންނާނީ އަންނަ މަހުގެ ކުރީކޮޅު ފަށާ ދިވެހި ޕްރިމިއާ ލީގެވެ.
Advertisement
Leave a Reply