ސިޓީ އަށް ބޭވަފާތެރިއެއް ނުވާނަން: ގާޑިއޯލާ

ކޯޗިންގެ ކުރިމަގާ މެދު ގޮތެއް ނިންމާއިރު މެންޗެސްޓަރ ސިޓީ އަށް ބޭވަފާތެރި ނުވާނެކަމަށް އެޓީމުގެ ކޯޗު ސްޕެއިންގެ ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީއާ އެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 23-2022 ވަނަ ސީޒަނުގެ ނިޔަލަށެވެ. ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން 51 އަހަރުގެ ކޯޗު ބުނީ ސިޓީ ދޫކޮށްލައިފިނަމަ އޭނާ ދެން ދާނެ މަންޒިލަކާ މެދު އަދި ނުވިސްނާ ކަމަށެވެ.
“އެމީހުން (ސިޓީ އިން) އަހަރެންނަށް ހުރިހާ އެއްޗެއް ދީފި. އަހަރެންނަށް ސިޓީ އަށް ބޭވަފާތެރިއެއް ނުވެވޭނެ ނުވަތަ ސިޓީ އަށް ދެރަވާގޮތަށް ކަމެއް ނުކުރެވޭނެ. އެއްބަސްވުމެއްގައި ހުރެފައި ކުރިމަގާ މެދު ވިސްނާ ކަހަލަ މީހެއް ނޫން އަހަރެން މީ” ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ސިޓީގައި އޭނާ ހުރީ އުފަލުން ކަމަށާއި އުއްމީދަކީ އިތުރު ކާމިޔާބީތަކެއް އެޓީމާ އެކު ހޯދުން ކަމަށެވެ. ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ގާޑިއޯލާ ވަނީ ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރު އިނގިރޭސި ލީގު ކަޕް އަދި އެއް ފަހަރު އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އެންމެ ހޯދަން ބޭނުންވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ގާޑިއޯލާ އަށް ސިޓީގައި އަދި ހޯދޭގޮތެއްނުވެ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީއާ ވާދަކޮށް ސިޓީ ބަލިވީ 0-1 އިންނެވެ.
“ސިޓީ އަށް އަންނަން ވިސްނީ ކްލަބުގެ މަޝްވަރާ އަށް ފަހު. އެއްބަސްވުން ދެ ފަހަރު އާކުރީ ވެސް ހަމަ އެގޮތަށް. އަހަރެންގެ ކުރިމަގު ބިނާވާނީ ނަތީޖާތަކަށް” ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ބުންޏެވެ.
ގާޑިއޯލާ ބުނީ ކުޅުންތެރިންނާއި މުޅި ޓީމަށް ކުރިއެރުން ހޯދައިދެވުމަކީ ކޯޗިންގައި އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
“އަދިވެސް އަހަރެމެންނަށް މޮޅަށް ކުޅެވޭނެ. ބައެއް ކުޅުންތެރިންނަށް އިތުރު ކުރިއެރުން ހޯދޭނެ. އަދިވެސް އެބަހުރި އަހަރެން ހިތްހަމަނުޖެހޭ ކަންކަން” ސިޓީގެ ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މިވަގުތު ސިޓީ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ސިޓީ އަކީ މިފަހަރުގެ ފޭވަރިޓުންނެވެ. ލީގުގައި މިރޭ ސިޓީ ރަށުން ބޭރުގައި ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. މިރޭގެ މެޗު ފަށާނީ ރޭގަނޑު 10:30 ގަ އެވެ.
Advertisement


Leave a Reply