ޓީސީ އިން ދަ ގްރާންޑޭ ބަލިކޮށްފި

ޓީސީ އިން ދަ ގްރާންޑޭ ބަލިކޮށްފި

ޢަލީ ޝަހީމް
މިއަދު ހަވީރު ޓީސީ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: ވަގުތު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މިއަދުގެ މޮޅާ އެކު ޓީސީ ވަނީ ހަ މެޗުން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ހަ މެޗުގެ ތެރެއިން އެޓީމަށް ދެން މޮޅެއް ލިބުނީ ކްލަބް އީގަލްސް އަތުންނެވެ. މިވަގުތު ޓީސީ ހަ ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ދަ ގްރާންޑޭ އަށް މުބާރާތުގައި އަދި ލިބުނީ ޕޮއިންޓެކެވެ. ފަސް މެޗުން ބަލިވިއިރު އެޓީމު އޮތީ ފުލުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން 14 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ދާނިޝް އިބްރާހީމް އެވެ. ޓީސީ އަށް މި ޕެނަލްޓީ ލިބުނީ ދަ ގްރާންޑޭގެ މުސްރިފު މޫސާ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް އަށް އޭރިޔާ ތެރެއިން ފައުލް ކުރުމުންނެވެ. ޓީސީގެ ދެ ވަނަ ލަނޑު 18 ވަނަ މިނެޓުގައި ޖެހީ އަހުނަފް އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ތޮލާލް ނަސީރު އެވެ. މެޗުގެ ދެ ވަނަ ހާފު ރަނގަޅަށް ފަށައި 47 ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުސްރިފް އެވެ. މެޗުގެ ބާކީ ބައިގައި ދަ ގްރާންޑޭ އިން ޓީސީ ގޯލެއް ޖެހިޔަނުދީ ހިފެހެއްޓިއިރު އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގެ ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލުގައި ވާދަކުރާނީ އެންމެ ކުރި ހޯދާ ދެޓީމެވެ. މިވަގުތު 16 ޕޮއިންޓާ އެކު ކްލަބް ވެލެންސިއާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ކްލަބް އީގަލްސް އެވެ. މުބާރާތުގައި މިރޭ ކުޅޭނީ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ސަސް އެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.