ގްރީންގެ މޮޅާ އެކު ޕްރެޒިޑެންޓްސް ކަޕްގެ އޮއިވަރު ބަދަލުވެއްޖެ
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ނަތީޖާތައް ފުރަތަމަ ފެންނަމުން އައިގޮތަށް ބަލާއިރު ގިނަ ބަޔަކަށް ގަބޫލުކުރެވުނީ ފައިނަލުގެ ޖާގަ ފަސޭހައިން ކަށަވަރުކުރާނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކަމަށެވެ. އެކަމަކު އަށް ޓީމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތަކާ ހަމައަށް ދާއިރު ފައިނަލުގެ އޮއިވަރު މިހާރު މިވަނީ އެއްކޮށް ބަދަލުވެފަ އެވެ. ވެލެންސިއާ އާއި މާޒިޔާ އަށް މިހާރު އޮތް ޕްރެޝަރަކީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އެވެ. ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ފުރުސަތު މިވަގުތު އޮތީ ގްރީން ސްޓްރީޓްސް އަށެވެ.
ގްރީން ސްޓްރީޓްސް އިން ފައިނަލުގެ ފުރުސަތު ފަހިކުރީ އިއްޔެ މޮޅު ކުޅުމެއް ދައްކައި ވަރުގަދަ މާޒިޔާ 2-0 އިން ބަލިކޮށްގެންނެވެ. އިއްޔެގެ މެޗަކީ މާޒިޔާ މި ސީޒަނުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެފްއޭ ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ފަސް މެޗުން މާޒިޔާ ކުރި ހޯދީ މާބޮޑު ޕްރެޝަރެއް ނެތި އެވެ. އެކަމަކު އިއްޔެ ގްރީން ސްޓްރީޓްސްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި އެޓީމުގެ ހަލުވި އެޓޭކްތައް ހުއްޓުވަން މާޒިޔާ އަށް ކަމެއް ނުކުރެވުނެވެ. އިއްޔެގެ މެޗުގައި ގްރީން ސްޓްރީޓްސްގެ ގޯލުތައް ޖަހައިދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި އަލީ ޝާމިއު އެވެ.
މުބާރާތުގައި ރޭ ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖަހައިދިނީ ބޯހާސް މާޓިން އާއި އިސްމާއީލް އީސާ (މެސީ) އެވެ. އީގަލްސްގެ ދެ ލަނޑު ޖެހީ އަހުމަދު ހަސަން އާއި ހުނަރުވެރި ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
ލީގު ބުރުގެ އެއް ވަނައިގައި މިހާރު އޮތީ 16 ޕޮއިންޓް ހޯދާފައިވާ ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލީގު ބުރުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ގްރީން ސްޓްރީޓްސް ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް އަތުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގްރީން ސްޓްރީޓްސް ފައިނަލަށް ދަތުރުކުރާނެ އެވެ. ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވެލެންސިއާ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެލެންސިއާ އަށް ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ. ގްރީން ސްޓްރީޓްސް އިން އީގަލްސް ބަލިކޮށްފި ނަމަ މާޒިޔާ އަށް ފައިނަލަށް ދެވޭނެ ހަމައެކަނި ގޮތަކީ ވެލެންސިއާ ބަލިކުރުމެވެ. އެހެންވެ ބުދަ ދުވަހުގެ ދެ މެޗު ސިފަވަނީ ވަރުގަދަ ދެ ފައިނަލުގެ ގޮތުގަ އެވެ.
ފުރަތަމަ ހަ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސް ވަނީ އެއް މެޗުން ބަލިވެ އަނެއް ފަސް މެޗުން މޮޅުވެފަ އެވެ. އެޓީމު ބަލިވީ ވެލެންސިއާ އަތުން 3-1 އިންނެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 0-5 އިން މޮޅުވިއިރު ޔުނައިޓެޑް ވިކްޓްރީއާ ވާދަކުރި މެޗުން މޮޅުވީ 0-2 އިންނެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-2 އިން ބަލިކުރިއިރު ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް ގްރީން ސްޓްރީޓްސް މޮޅުވީ 1-5 އިންނެވެ. އެ އިތުބާރާއެކު ކުޅެ އިއްޔެ އެޓީމުން މާޒިޔާ ވެސް ބަލިކުރީ އެވެ.
ކޯޗު އަލީ ނިސްތާރު މުހައްމަދުގެ އިރުޝާދުގެ ދަށުން ގްރީން ސްޓްރީޓްސް ފެންނަނީ ޓީމެއްގެ ގޮތުގައި ވަރަށް ވަރުގަދަކޮށެވެ. މި ސީޒަނުގައި ގިނަ ގޯލުތަކެއް އެޓީމުން ޖަހާއިރު އަންސަރު އިބްރާހީމް (އަންކޮ) އާއި ޗޯޓުގެ ކުޅުން ފާހަގަކޮށްލެވެ އެވެ. އަންކޮ އޭނާގެ ކުރީގެ މޮޅު ކުޅުން ތަކުރާރުކުރާއިރު ޗޯޓުގެ އިތުބާރު މި ސީޒަނުގައި ފެންނަނީ ބޮޑުކޮށެވެ. އެޓީމުގެ މެދުތެރެއާއި ޑިފެންސް ލައިންގައި ތިބޭ ކުޅުންތެރިން އަންނަނީ އެ ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަނެއްކޮޅުން މާޒިޔާ މެޗުގެ ކުރިން ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބް ގްރީން ސްޓްރީޓްސްއާ ގުޅުމަކީ އެޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އިއްޔެގެ މެޗުގައި ނަތީޖާ ނެރުމުގައި ސާގިބް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބާއްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މި މަހުގެ 23 ވަނަ ދުވަހު އޮންނާނީ ރ. އަލިފުށީގަ އެވެ. ލީގު ބުރުގެ ފަހު މެޗުތަކާ ވެލެންސިއާ އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސް އިން ކުރިމަތިލާއިރު ފައިނަލުގެ ޖާގަ ހޯދާނީ ކޮން ޓީމުތަކެއްކަން އެނގޭނީ އަންނަ ދުވަހު ދުވަހު ކުޅޭ ދެ މެޗަށް ފަހު އެވެ.
Advertisement
Leave a Reply