އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބިލްބާއޯ ސުޕަ ކަޕް ފައިނަލަށް

Advertisement

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބިލްބާއޯ ސުޕަ ކަޕް ފައިނަލަށް

ޢަލީ ޝަހީމް

ފަހަތުން އަރައި 2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އެތުލެޓިކް ބިލްބާއޯ އިން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ފައިނަލުގައި ބިލްބާއޯ ނުކުންނާނީ ފުރަތަމަ ސެމީގައި 3-2 އިން ބާސެލޯނާ ބަލިކުރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ސައުދީ އަރަބިއާގެ ރިޔާދުގައި ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. ސައުދީގައި ކުޅޭ މި މުބާރާތުން ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ ލަ ލީގާގެ އެންމެ ކުރި ހޯދި ދެ ޓީމާއި ކޮޕަ ޑެލް ރޭގެ ފައިނަލުގައި ކުޅުނު ދެ ޓީމަށެވެ.

ބިލްބާއޯ ވަނީ އެންމެ ފަހުން ކުޅުނު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ ސުޕަ ކަޕް ބިލްބާއޯ އިން ކާމިޔާބުކުރީ 3-2 އިން ބާސެލޯނާ ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑަކީ 62 ވަނަ މިނެޓުގައި ބިލްބާއޯ އަށް ކުޅޭ ސްޕެއިންގެ އެއް ނަންބަރު ގޯލްކީޕަރު އުނާއި ސިމޯން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ އެތުލެޓިކޯ ޔާއޯ ފީލިކްސް ބޮލުން ޖެހި ބޯޅައެއްގައި ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކީޕަރު ގައިގައި ޖެހިފައި ވަން ލަނޑެކެވެ. ފަހަތުގައި އޮވެފައި ބިލްބާއޯ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 77 ވަނަ މިނެޓުގައި ޔެރޭ އަލްވަރޭޒް ޖެހި ލަނޑުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި ބިލްބާއޯ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް އެވެ. މިއީ ޑެނީ ގާސިއާ ނަގައިދިން ހުރަހަކުން ބޮލުން ނިކޯ ޖެހި ލަނޑެކެވެ.

އުމުރުން 19 އަހަރުގެ ނިކޯ ވިލިއަމްސް އަކީ ބިލްބާއޯ އަށް ކުޅޭ އިނާކީ ވިލިއަމްސްގެ ބޭބެ އެވެ. ރޭގެ މެޗުގެ 70 ވަނަ މިނެޓުގައި ބެންޗުން ކުޅެން އެރުމާ އެކު ބިލްބާއޯގެ ކުރި ބެލެހެއްޓީ ނިކޯ އާއި އިނާކީ އެވެ.

“އަހަރެން މިހުރީ ވަރަށް އިމޯޝަނަލް ވެފަ. އަހަރެން އުންމީދުކުރަނީ މިގޮތަށް އަދިވެސް ހިތްހަމަޖެހުން ލިބޭނެކަމަށް. ބޭބެ (އިނާކީ) އާއި މަންމަ ހުރި ތަނެއްގައި މިކަހަލަ ތަޖުރިބާއެއް ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މެޗު ނިންމާލާފައި މަންމަ އައިސް އަހަރެމެން ގައިގައި ބައްދާލީ” މެޗަށް ފަހު ނިކޯ ބުންޏެވެ.

މޮޅުވި ލަނޑު ޖެހުމަށް ފަހު ނިކޯ އުފާފާޅުކުރީ އޭނާގެ ބޭބެ އިނާކީއާ އެކު އެވެ. މެޗަށް ފަހު ނިކޯ ބުނީ ބޭބެއާ އެކު އުފާފާޅުކުރެވުނު ވަގުތުގެ މަތިން އޭނާ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *