އެފްރިކާ ކަޕް: ގަދަ 16 ގެ ފުރަތަމަ ޖާގަ ކެމަރޫން އަށް
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ގެ ފުރަތަމަ ޖާގަ މުބާރާތް ބާއްވާ ގައުމު ކެމަރޫނުން ހޯދައިފި އެވެ. އެޓީމު އަނެއް ބުރަށް ކޮލިފައިވީ ރޭ އިތިއޯޕިއާއާ ދެކޮޅަށް ކުޅުނު މެޗު 1-4 އިން ކާމިޔާބުކޮށްގެންނެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި ކެމަރޫން އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބުރްކީނާ ފަސޯ އާއި ކޭޕް ވާޑޭ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް އިތިއޯޕިއާ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. މި ގްރޫޕުގައި ރޭ ބުރްކީނާ ފަސޯ އިން ވަނީ 1-0 އިން ކޭޕް ވާޑޭ ބަލިކޮށްފަ އެވެ. ކެމަރޫނަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވިޔަސް ގްރޫޕްގެ އެއް ވަނަ އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ގްރޫޕުގެ ފަހު މެޗުގައި ކޭޕް ވާޑޭއާ ދެކޮޅަށް އަންނަ ހޯމަ ދުވަހު ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ކެމަރޫނަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ.
24 ޓީމު ވާދަކުރާ މުބާރާތް ކުރިއަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން ތިން ވަނަ ލިބޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ހަތަރު ޓީމަށެވެ.
ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިތިއޯޕިއާގެ ހޮޓޭސާ ޑާވާގެ ގޯލުން އެޓީމުން ލީޑު ނެގި އެވެ. އެކަމަކު ކެމަރޫނުން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިފަ އެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ވިންސެންޓް އަބޫބަކުރު އަދި ކާލް ޓޯކޯ-އެކާމްބީ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. ރޭގެ މެޗާ އެކު އަބޫބަކުރު ވަނީ ދެ މެޗުން ހަތަރު ގޯލު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނަ އަށް އަރައިފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބުރްކީނާ ފަސޯ އަތުން ކެމަރޫން 1-2 އިން މޮޅުވި މެޗުގައި ލިބުނު ދެ ޕެނަލްޓީ އަބޫބަކުރު ވައްދާލި އެވެ.
ކެމަރޫނުން ވަނީ އެފްރިކާ ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ސަޕޯޓަރުން ކުރިމަތީ ދެ ވަނަ ބުރަށް ދަތުރުކުރިއިރު އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު 6 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ސެނެގޯލް އާއި ގިނީ އެވެ. މިރޭ 9 ޖަހާއިރު ދެ މެޗު ކުޅޭނެ އެވެ. އެއީ މަލާވީ އާއި ޒިމްބާބްވޭ ބައްދަލުކުރާ މެޗާއި މޮރޮކޯ އާއި ކޮމޮރޯސް ބައްދަލުކުރާ މެޗެވެ. މިރޭ ދަންވަރު 12 ޖަހާއިރު ފަށާ މެޗުގައި ކުޅޭނީ ގޭބޮން އާއި ގާނާ އެވެ.
Advertisement
Leave a Reply