ފުރަތަމަ ލެގްގައި އާސެނަލުން ލިވަޕޫލް ހިފަހައްޓައިފި

ފުރަތަމަ ލެގްގައި އާސެނަލުން ލިވަޕޫލް ހިފަހައްޓައިފި

ޢަލީ ޝަހީމް

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގްގައި ރޭ މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ އާސެނަލުން ލިވަޕޫލްއާ 0-0 އިން އެއްވަރުކޮށްފި އެވެ.

ލިވަޕޫލްގައި ކޮވިޑް ކޭސްތައް އުޅުމާއި ގުޅިގެން މި ދެޓީމު މިދިޔަ ހަފްތާ ކުޅެން އޮތް މެޗު މި ހަފްތާ އަށް ފަސްކުރީ އެވެ. މެޗަށް ދެޓީމުން ވެސް ނެރުނީ ވަރުގަދަ ޓީމެވެ. މިވަގުތު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރަމުން އަންނަ މުހައްމަދު ސަލާހް އާއި ސަޑިއޯ މާނޭ ނެތުމުން ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނީ ޓަކޫމީ މިނަމީނޯ އާއި ރޮބާޓޯ ފިރްމީނޯ އެވެ. އާސެނަލްގެ ތޯމަސް ޕާޓޭ އެފްރިކާ ކަޕްގައި ކުޅޭއިރު އެޓީމުގެ މުހިއްމު މިޑްފީލްޑަރު މާޓިން އޮޑިގާޑް ކޮވިޑަށް ޕޮޒިޓިވްވުމުން ރޭގެ މެޗުގައި ނުކުޅެ އެވެ.

ރަނގަޅު ފޯމެއްގައި އޮތް އާސެނަލަށް މެޗުގައި މައްސަލަތައް ދިމާވީ 24 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ގްރާނިޓް ޝާކާ އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ލިވަޕޫލްގެ ޑިއޯގޯ ޖޯޓާ އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި ފައުލް ކުރުމުންނެވެ. މިއީ 17-2016 ވަނަ ސީޒަނުގައި އާސެނަލަށް ބަދަލުވިފަހުން ޝާކާ އަށް ދެއްކި ފަސް ވަނަ ރަތް ކާޑެވެ. މި މުއްދަތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ރަތް ކާޑު ދެއްކީ ވެސް ޝާކާ އަށެވެ.

ސަލާހް އާއި މާނޭ ނެތި ލިވަޕޫލްގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ނުފެނުނުއިރު އާސެނަލްގެ ގޯލަށް އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އާސެނަލަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މެޗުގައި 71 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ޖެހި ބޯޅަ ކީޕަރު އެލިސަން ބެކާ މަތަކުރީ އެވެ. އޭގެފަހުން ލިވަޕޫލްގެ މިނަމީނޯ އަށް ހުސް ގޯލަކަށް ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އުނދަގޫ ޓީމަކާ ދެކޮޅަށް އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

“އާދަޔާހިލާފަށް އުނދަގޫ ޓީމަކާ ދެކޮޅަށް އަހަރެމެންގެ ކުޅުންތެރިން ދުލެއް ނުދިން. އަހަރެމެން ކުޅުނީ ބޭނުންވި ގޭމް. އުއްމީދުކުރަނީ ދެ ވަނަ ލެގްގައި ސަޕޯޓަރުންގެ އެހީ އަހަރެމެންނަށް ލިބޭނެކަމަށް” މެޗަށް ފަހު އާޓެޓާ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކުރީކޮޅު އާސެނަލްގެ ކުޅުންތެރިޔާ އަށް ރަތް ކާޑު ދެއްކުމަށް ވުރެ އޭނާ ބޭނުންވާނީ އެ ބޯޅައިގައި ޖޯޓާ ގޯލު ޖެހުން ކަމަށެވެ.

“އަހަރެންނަމަ ބޭނުންވާނީ އެ ފައުލްގައި ރަތް ކާޑު ދެއްކުމަށްވުރެ ގޯލު ޖަހަން. އަހަރެމެން ދެ ވަނަ ހާފުގައި ރަނގަޅު އެކަމަކު ނަތީޖާ އަށް ބަލާއިރު ރަނގަޅެއް ނޫން” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

އާސެނަލްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ ހަފްތާ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރަން ޖެހޭނީ ޗެލްސީއާ އެވެ. ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް ޗެލްސީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.