އީގަލްސް އިން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި

އީގަލްސް އިން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި

ޢަލީ ޝަހީމް
ޕްރެޒިޑެންޓްސް ކަޕްގައި ސަސްއާ ދެކޮޅަށް ނުކުތް އީގަލްސް ޓީމު. - ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ދަ ގްރާންޑޭ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރައި ޖެހި ތިން ލަނޑާ އެކު 3-2 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.

ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ވާދަކުރާ މުބާރާތުގައި މިހާރު ކޮންމެ ޓީމަކުން ވަނީ ފަސް މެޗު ކުޅެފަ އެވެ. ފައިނަލަށް ދާނީ އެންމެ ކުރީގައި ނިންމާލާ ދެ ޓީމެވެ. ފައިނަލުގެ ފުރުސަތު ހުޅުވިފައި އޮތީ މާޒިޔާ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. މާޒިޔާ އާއި ވެލެންސިއާ އަށް 15 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. ވެލެންސިއާ އަށް ދެ ވަނަ ލިބޭއިރު 12 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ގްރީން ސްޓްރީޓްސް އެވެ.

މޮޅުވާން ދަނިކޮށް މުހިއްމު މެޗެއް ގެއްލުމާ އެކު ސީޒަނުގެ ފުރަތަމަ މޮޅު ހޯދަން ދަ ގްރާންޑޭ އަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެޓީމާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލީގު ބުރުގެ ހަތަރު ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ފަސް ވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ޕޮއިންޓާ އެކު ހަ ވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބް އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖެހީ ދަ ގްރާންޑޭގެ މުސްރިފް މޫސާ އެވެ. ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ އިސްމާއީލް ނަޒީހު އެވެ. ދެ ގޯލުގެ ލީޑެއްގައި އޮތް ނަމަވެސް ފަހު 30 މިނެޓުގައި އީގަލްސް އިން ވަނީ ތިން ލަނޑު ޖަހައި ނަތީޖާ އަނބުރާލާފަ އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު 62 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއީ ބޮޑު އަނިޔާއަކަށް ފަހު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް ރިޒޭ ޖެހި ފުރަތަމަ ލަނޑެވެ. އީގަލްސް އިން ނަތީޖާ ހަމަހަމަކުރި ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އެޓީމު މެޗުން މޮޅުކޮށްދިން ލަނޑު ފަހު މިނެޓުގައި ޖެހީ ހުމައިދު ހަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަންނަ އެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ. ފައިނަލުގެ ފުރުސަތު ހޯދަން މި މެޗުން މާޒިޔާ ބަލިކުރަން ގްރީން އަށް މަޖުބޫރުވާނެ އެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ  ވެލެންސިއާ އާއި އީގަލްސް އެވެ. ހުކުރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ އާއި ޓީސީ ވާދަކުރާއިރު އެރޭ ކުޅޭނީ ސަސް އާއި ޔޫވީ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މި މަހުގެ 23 ވަނަ ދުވަހު ކުޅޭނީ ރ. އަލިފުށީގަ އެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.