އެފްރިކާ ކަޕް: ފުރަތަމަ މޮޅު މުބާރާތް ބާއްވާ ކެމަރޫން އަށް

އެފްރިކާ ކަޕް: ފުރަތަމަ މޮޅު މުބާރާތް ބާއްވާ ކެމަރޫން އަށް

ޢަލީ ޝަހީމް

މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުން މުބާރާތް ބާއްވާ ކެމަރޫން މޮޅުވެއްޖެ އެވެ. ގްރޫޕް އޭގައި ހިމެނޭ ކެމަރޫނުން ފުރަތަމަ މޮޅު ހޯދީ މިރޭ އެ ގްރޫޕުގެ ބުރްކީނާ ފަސޯ 1-2 އިން ބަލިކޮށްގެންނެވެ.

ކެމަރޫންގެ ސްޓޭޑް އޮމްނިސްޕޯޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލީޑު ނެގީ ބުރްކީނާ ފަސޯ އިންނެވެ. 24 ވަނަ މިނެޓުގައި އެގައުމުގެ ގުސްޓާވޯ ސަންގާރޭ ލަނޑު ޖަހާފައިވަނިކޮށް ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގައި ކެމަރޫނަށް ލިބުނު ދެ ޕެނަލްޓީ ވައްދާލައިގެން އެގައުމުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 40 ވަނަ މިނެޓާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި މި ދެ ޕެނަލްޓީ ވެސް ވައްދާލީ އެޓީމުގެ ފޯވާޑް ވިންސެންޓް އަބޫބަކުރު އެވެ. އުމުރުން 29 އަހަރުގެ ފޯވާޑް މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ ކްލަބް އަލް ނަސްރު އަށެވެ. ޔޫރަޕްގައި އޭނާ ވަނީ ޕޯޓޯ އާއި ބެސިކްޓާސް އަށް ކުޅެފަ އެވެ. ސައުދީ އަރަބިއާ އަށް އަބޫބަކުރު ބަދަލުވީ މިދިޔަ އަހަރު އެވެ. ކެމަރޫން އާއި ބުރްކީނާ ފަސޯގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ކޭޕް ވާޑޭ އާއި އިތިއޯޕިއާ އެވެ. ކޭޕް ވާޑޭ އާއި އިތިއޯޕިއާ ވާދަކުރާ މެޗު މިރޭ 12 ޖަހާއިރު ފަށާނެ އެވެ.

24 ޓީމު ވާދަކުރާ މުބާރާތް ކުރިއަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން ތިން ވަނަ ލިބޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ހަތަރު ޓީމަށެވެ.

ކޮވިޑާ އެކު ކެމަރޫންގައި މުބާރާތް ކުރިއަށްގެންދާނީ ސަޕޯޓަރުން ވައްދައިގެންނެވެ. އަދި، ކޮވިޑް ކޭސްތައް އުޅުނު ނަމަވެސް 11 ކުޅުންތެރިން ހަމަވާނަމަ މެޗު ކުޅެން ޖެހޭގޮތަށް މުބާރާތުގެ ގައިޑްލައިނަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން މިހާރު ވެސް މަޝްހޫރު ބައެއް ކުޅުންތެރިން ތިބީ ކުޅުމާ ދުރުގަ އެވެ. އޭގެތެރޭގައި ގޭބޮން އަށް ނިސްބަތްވާ އާސެނަލްގެ ކުޅުންތެރިނާ ޕިއޭ އެމެރިކް އޮބާމިޔަން އާއި ސެނެގޯލްގެ މުހިއްމު ޑިފެންޑަރު ކަލިދޫ ކުލިބާލީ އާއި އެގައުމަށް ނިސްބަތްވާ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ހިމެނެ އެވެ. ޕޮޒިޓިވްވުމުން ސެނެގޯލް އިން މާދަމާ ހަވީރު ޒިމްބާބްވޭއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.

1957 ވަނަ އަހަރުން ކުޅެން ފެށި އެފްރިކާ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އަލްޖީރިއާ އެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މިސްރެވެ. 2019 ވަނަ އަހަރު މިސްރުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އަލްޖީރިއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 އިން ސެނެގޯލް ބަލިކޮށްގެންނެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.