ބީޗްވޮލީ ގައުމީ ޓީމަށް ބްރެޒިލްގެ ކޯޗެއް ހަމަޖައްސައިފި

ބީޗްވޮލީ ގައުމީ ޓީމަށް ބްރެޒިލްގެ ކޯޗެއް ހަމަޖައްސައިފި

ޢަލީ ޝަހީމް
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ބީޗްވޮލީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި ބްރެޒިލްގެ ވިނީޝިއުސް (ވ). - ފޮޓޯ: ވީއޭއެމް

ރާއްޖޭގެ ބީޗްވޮލީ ބޯޅަ ޓީމަށް ބްރެޒިލަށް ނިސްބަތްވާ ފެންވަރު ރަނގަޅު ކޯޗެއް ކަމަށްވާ ވިނީޝިއުސް މާޓިން ޖިއޯނީ މިއަދު ހަމަޖައްސައިފި އެވެ.

ބީޗްވޮލީބޯޅަ ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ހަމަޖެއްސުމުގެ ފުރުސަތު ފަހިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. އެ ދަތުރުފުޅުގައި ގްރާސާ ވަނީ ރާއްޖޭގެ ބީޗްވޮލީބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ގްރާސާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާތީ ދުނިޔޭގެ ބީޗްވޮލީބޯޅައިގައި ރާއްޖެ ވަރުގަދަ ތަނަކަށް ހެދޭނެކަމަށެވެ. އެކަން ކުރުމުގައި ރާއްޖެ އަށް މުހިއްމީ ރަނގަޅު ވަސީލަތްތައް ގާއިމްވެފައި ހުރުންކަމަށް އެ ދަތުރުގައި ގްރާސާ ވިދާޅުވި އެވެ.

ވިނީޝިއުސް އަކީ ބީޗްވޮލީބޯޅަ އާއި އިންޑޯގެ ވޮލީގައި ވެސް ފާހަކޮށްލެވޭ އަދި ވޮލީގެ ޓްރެއިނިންތައް ކުރިއަށްގެންދާ ކޯޗެކެވެ. ވިނީޝިއުސްގެ އެހީއާ އެކު ދިވެހި ކޯޗުން ތަމްރީނު ކުރުމަކީ ވެސް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަމާޒެކެވެ.

ބީޗްވޮލީ ޓީމަށް ކޯޗެއް ހޮވުމަށް ތިން ނަމެއް ޝޯޓްލިސްޓް ކުރި އެވެ. ވިނީޝިއުސް ބީޗްވޮލީބޯޅައިގެ ކޯޗުކަމަށް ހަމަޖެއްސިއިރު ވީއޭއެމް އިން ވަނީ ރާއްޖޭގެ ސީނިއާ އަންހެން އަދި ފިރިހެން ޓީމަށް ބިދޭސީ ކޯޗުން ހަމަޖައްސަން ނިންމައިފަ އެވެ.

އާ ކޯޗާ އެކު ރާއްޖޭން މިއަހަރު ވާދަކުރާނެ ބައިނަލްއަގްވާމީ އެންމެ ފާހަގަކޮށްލެވޭ މުބާރާތަކަށް ވާނީ ދުނިޔޭގެ ފެޑެރޭޝަންގެ އެފްއައިވީބީ ބީޗްވޮލީ ޓުއާގެ މުބާރާތެވެ. ބީޗްވޮލީ ޓުއާގެ މުބާރާތެއް ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު، އެ މުބާރާތް ކުރިއަށްދާނީ މިއަހަރުގެ އޮކްޓޫބަރު 13 އިން 16 އަށެވެ. މިއީ ދުނިޔޭގެ ވޮލީގެ މައި އިދާރާއިން ރާއްޖޭގައި މިފަދަ މުބާރާތެއް ހޯސްޓް ކުރާނެ ފުރަތަމަ ފަހަރެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.