ގައުމީ ފުޓްސަލް ޓީމެއް ނަގައި އޭޝިއަން ކަޕަށް ވާދަކުރަނީ

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭން ބައިނަލްއަގްވާމީ ފުޓްސަލްގައި ވާދަކުރަން ނިންމައިފި އެވެ. މިއަހަރު ރާއްޖޭން ވާދަކުރަން ނިންމީ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގަ އެވެ.
ރާއްޖޭން އެންމެ ފަހުން ބައިވެރިވި ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތަކީ 2017 ވަނަ އަހަރު ތުރުކެމެނިސްތާނުގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕް އެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުން ބަލިވެ ރާއްޖެ ދިޔައީ ފުލަށެވެ.
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން އޮންނާނީ މިއަހަރުގެ އޭޕްރީލް 1 އިން 15 އަށެވެ. ރާއްޖެ ހިމެނެނީ ސެންޓްރަލް އެންޑް ސައުތު ޒޯންގަ އެވެ. ގްރޫޕް އޭގައި ރާއްޖެއާ އެކު ހިމެނެނީ އީރާނުގެ އިތުރުން ކިރްގިސްތާން އަދި ތުރުކެމެނިސްތާން އެވެ. ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭގޮތަށް ރާވާފައިވަނީ ކިރްގިސްތާނުގަ އެވެ. ރާއްޖެ ހިމެނޭ ސަރަހައްދުގެ ގްރޫޕް ބީގައި ހިމެނުނީ ތަޖިކިސްތާން، އަފްގާނިސްތާން، ނޭޕާލް އަދި އުޒްބެކިސްތާން އެވެ.
ކޮލިފައިން ބުރުގެ އެންމެ މޮޅު 15 ޓީމުގެ މެދުގައި އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ ސެޕްޓެމްބަރ 25 އިން އޮކްޓޫބަރ 20 އަށް ކުވޭތުގަ އެވެ.
#ACFutsal 2022 Qualifiers draw results!
Matches will be played between April 1-15, 2022 with UAE hosting the West Zone.
1️⃣5️⃣ spots up for grabs. Who will join hosts Kuwait in the finals? ???? pic.twitter.com/WCUXtUUSNy
— #AsianCup2023 (@afcasiancup) January 6, 2022
ފުޓްސަލްގެ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރަން ރާއްޖެ ތައްޔާރުވާއިރު ފުޓްސަލް އަކީ މިހާރު ރާއްޖޭގައި އެންމެ ފޯރިއާއެކު ކުޅެމުން އަންނަ ކުޅިވަރެވެ. ފުޓްސަލްގެ ބޮޑެތި މުބާރާތްތައް މާލެ އާއި އަތޮޅުތެރޭގައި ކޮންމެ އަހަރަކު ވެސް ބާއްވަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ ފުޓްސަލް މުބާރާތަކީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕާއި ރަށްތަކާއި ސިޓީތަކުގެ އަވަށްތަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް މިދިޔަ މަހު ނިމުނުއިރު ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖް އަންނަ މަހުގެ 19 ވަނަ ދުވަހު ފަށާނެ އެވެ. މި ދެ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ހުރިހާ ފުޓްސަލް ތަރިން ވާދަކުރާއިރު ހުނަރުވެރި އިތުރު ކުޅުންތެރިން ފާހަގަވެގެންދެ އެވެ.
Advertisement


Leave a Reply