ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 6-1 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބުރުގެ އެއް ވަނަ އަށް އަރައިފި އެވެ.
ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިރޭގެ މޮޅާ އެކު މާޒިޔާ އެއް ވަނަ އަށް އެރީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ ކްލަބް ވެލެންސިއާ އެވެ. ވެލެންސިއާ މާދަމާ ހަވީރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މާޒިޔާގެ ހަމްޕު އަތުން ބޯޅަ ހޯދަން ދަ ގްރާންޑޭގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. – ފޮޓޯ: އެފްއޭއެމް
މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓުގައި ޖެހީ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި އޮވެ ނިންމާލިއިރު ދަ ގްރާންޑޭ އިން ދިޔައީ މާޒިޔާގެ އެޓޭކްތައް ހުއްޓުވުމަށް ޑިފެންސިވް ގޭމެއް ކުޅެމުންނެވެ. މާޒިޔާގެ އަނެއް ފަސް ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ދެ ވަނަ ގޯލު 64 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހިއިރު ތިން ވަނަ ލަނޑު ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ. އޭގެފަހުން ދަ ގްރާންޑޭގެ މުހައްމަދު ލަޔާން އަހުމަދުގެ ގޯލުން ދަ ގްރާންޑޭ އިން ފަރަގު ކުޑަކުރި އެވެ. އެކަމަކު މެޗުގެ ބާކީ ބައިގައި މާޒިޔާ އިން ވަނީ އިތުރު ތިން ގޯލު ޖަހައިފަ އެވެ. މާޒިޔާގެ ހަތަރު ވަނަ ގޯލު 81 ވަނަ މިނެޓުގައި ޖެހީ އިއްބެ ވަހީދު އެވެ. އެޓީމުގެ ފަސް ވަނަ ގޯލު 84 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އުމެއިރު އެވެ. މާޒިޔާގެ ފަހު ގޯލު 88 ވަނަ މިނެޓުގައި ޖެހީ ހަމްޕު އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވެލެންސިއާ އާއި ޓީސީ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
Advertisement


Leave a Reply