ޓީސީ ބަލިކޮށް މާޒިޔާގެ ވަރުގަދަ ފެށުން ކުރިއަށް

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުން 2-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
މޮޅާ އެކު މާޒިޔާ އިން ވަނީ މި ސީޒަނުގެ ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރުމުގެ އިތުރުން މާޒިޔާ އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް އަދި ޓީސީ ބަލިކޮށްފަ އެވެ.
އިއްޔެގެ މެޗުތަކަށް ފަހު ކޮންމެ ޓީމަކުން ވަނީ ތިން މެޗު ކުޅެފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. އެއް ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި މާޒިޔާ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ގޯލުގެ ތަފާތުން މާޒިޔާ އޮތީ ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ހަތަރު ވަނައިގައި އޮތް ސަސް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ޓީސީ އެވެ. ހަ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. ފުލުގައި އޮތީ ފުރަތަމަ ތިން މެޗުން ވެސް ބަލިވި ކްލަބް އީގަލްސް އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު 39 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް އައިސަމް އެވެ. މިއީ މާޒިޔާގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހަކުން ބޮލުން އައިސަމް ޖެހި ލަނޑެކެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޓީސީގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު މުސްލިހް އެވެ. ބެންޗުން ކުޅެން އެރި މުސްލިހް މި ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނެޓުގަ އެވެ. އެކަމަކު ބާކީ ވަގުތުގައި އިތުރު ގޯލެއް ޖަހައި މާޒިޔާ އަތުން ޕޮއިންޓެއް ޓީސީ އަށް ހޯދޭގޮތެއްނުވި އެވެ.
މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.
Advertisement


Leave a Reply