ލީގު ކަޕްގެ ސެމީގައި ލިވަޕޫލާ އާސެނަލްގެ ކުރިމަތިލުމެއް
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ލިވަޕޫލާ އާސެނަލް ވާދަކުރަން ޖެހިއްޖެ އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ ބްރެންޓްފޯޑާއި ޗެލްސީ އެވެ.
ކުއާޓާ ފައިނަލުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ލިވަޕޫލާ ޗެލްސީގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް ވަނީ މޮޅުވެފަ އެވެ. ޗެލްސީން ރަށުން ބޭރުގައި 2-0 އިން ބްރެންޓްފޯޑް ބަލިކުރިއިރު ލިވަޕޫލުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ ބަލިކުރީ 3-3 އިން މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ. ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ 1-2 އިންނެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ސަންޑަލެންޑް އަތުން އާސެނަލް މޮޅުވީ 1-5 އިންނެވެ.
ޒުވާން ޓީމަކާ އެކު ބްރެންޓްފޯޑާ ދެކޮޅަށް ނުކުތް ޗެލްސީގެ ފުރަތަމަ ލަނޑަކީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ބްރެންޓްފޯޑުގެ ޕޮންޓަސް ޔެންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީން މެޗުގައި ލީޑު ފުޅާކުރީ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ.
ލިވަޕޫލް ކޮޅަށް ފުރަތަމަ 15 މިނެޓުތެރޭ ޖެމީ ވާޑީ ދެ ގޯލު ޖެހިނަމަވެސް އެޓީމަށް މެޗުން މޮޅުވެވޭ ގޮތެއްނުވި އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ޖެހީ އަލެކްސް އޮކްސްލޭޑް ޗެމްބަލިން އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޭމްސް މެޑިސަންގެ ގޯލުން ލެސްޓާ އިން މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްލި އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލުގެ ދެ ވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖެހީ ޑިއޯގޯ ޖޯޓާ އެވެ. މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓަކޫމީ މިނަމީނޯ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ލިވަޕޫލްގެ ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ މިނަމީނޯ ޖެހި ޕެނަލްޓީ އެކަންޏެވެ. ލެސްޓާގެ ހަ ޕެނަލްޓީގެ ތެރެއިން ކެލެޗީ އީނާޗޯ އާއި ރަޔަން ބާޓްރެންޑް ޖެހި ޕެނަލްޓީތައް ލިވަޕޫލްގެ ބަދަލު ގޯލްކީޕަރު ވަނީ ހިފަހައްޓައިފަ އެވެ.
ޓޮޓެންހަމުން ވެސްޓް ހޭމް ބަލިކުރި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސްޓީވެން ބާގްވައިން އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމަށް އަލުން ލީޑު ނަގައިދިނީ ލޫކަސް މޯރާ އެވެ.
ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގް ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ކުޅޭއިރު ދެ ވަނަ ލެގް ކުޅޭނީ ޖެހިގެން އަންނަ ހަފްތާ އެވެ. ފައިނަލް ވެމްބްލީ ސްޓޭޑިއަމްގައި އޮންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.
ލީގު ކަޕްގެ ތަށި އަށް ފަހަރު ހޯދާފައިވާ ލިވަޕޫލުން މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ. އާސެނަލަށް ލީގު ކަޕްގެ ތަށީގައި އެންމެ ފަހުން އަތްލެވުނީ 1993 ވަނަ އަހަރު އެވެ. އޭގެފަހުން ކުޅުނު ތިން ފައިނަލުން ވެސް އެޓީމު ބަލިވީ އެވެ.
ސެލްސީއާ ޓޮޓެންހަމް ވަނީ 2015 ވަނަ އަހަރުގެ ލީގު ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ޗެލްސީ އެވެ. ޓޮޓެންހަމަށް އެންމެ ފަހުން ތައްޓެއް ލިބިފައިވަނީ 2008 ވަނަ އަހަރު އެވެ. އެއީ އެ ސީޒަނުގެ ލީގު ކަޕްގެ ފައިނަލުގައި ޗެލްސީ 1-2 އިން ބަލިކޮށްގެން ކާމިޔާބުކުރި ތައްޓެކެވެ. މިދިޔަ ސީޒަނުގެ ލީގު ކަޕް ފައިނަލުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ މެންޗެސްޓަރ ސިޓި އެވެ.
Advertisement
Leave a Reply