ސަންޑަލެންޑް ބަލިކޮށް އާސެނަލް ލީގު ކަޕްގެ ސެމީ އަށް

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ 1-5 އިން ސަންޑަލެންޑް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އާސެނަލުން ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި އާސެނަލުން ހޯދި ބޮޑު މޮޅުގައި އެޓީމުގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭނާ ހެޓްރިކް ހެދީ މެޗުގެ 17 ވަނަ މިނެޓާއި 49 އަދި އަދި 58 ވަނަ މިނެޓުގައި ގޯލު ޖަހައިގެންނެވެ. އެންކެޓިއޭ ވަނީ ލީގު ކަޕްގައި ކުޅުނު ތިން މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ. އާސެނަލްގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭ އާއި އުއްމީދީ ކުޅުންތެރިޔާ ޗާލީ ޕަޓީނޯ އެވެ. ޕެޕޭ 27 ވަނަ މިނެޓުގައި ލަނޑު ޖެހިއިރު ޕަޓީނޯ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ އާސެނަލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ސަންޑަލެންޑްގެ ހަމައެކަނި ލަނޑު 31 ވަނަ މިނެޓުގައި ޖެހީ ނޭތަން ބްރޯޑްހެޑް އެވެ.
ކޯޗު މިކެލް އާޓެޓާ ވަނީ ލީގުގައި އެންމެ ފަހުން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެ 4-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ނުވަ ބަދަލު ރޭ ގެނެސްފަ އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިންއިރު ކޮވިޑަށް ޕޮޒިޓިވްވުމުން އެޓީމުގެ އަލްބާޓް ސަމްބީ ލޮކޮންގާ އާއި ޕަބްލޯ މާރީ އަދި ކަލުމް ޗެމްބާސް ހުރީ ކުޅުމާ ދުރުގަ އެވެ.
ކުއާޓާ ފައިނަލުގެ ބާކީ ތިން މެޗު ކުޅޭނީ މިރެ އެވެ. އެއީ ބްރެންޓްފޯޑާއި ޗެލްސީ ވާދަކުރާ މެޗާއި ލިވަޕޫލާ ލެސްޓާ ސިޓީ ވާދަކުރާ މެޗުގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް އާއި ވެސްޓް ހޭމް ޔުނައިޓެޑް ވާދަކުރާ މެޗެވެ. މި ތިން މެޗު ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގަ އެވެ. ސެމީ ފައިނަލުގެ ގުރު ނެގުން އޮންނާނީ މިރޭ ކުޅޭ މެޗުތަކަށް ފަހު އެވެ.
Advertisement


Leave a Reply