އީގަލްސް ބަލިކޮށް ޓީސީ އަށް އުއްމީދީ ފެށުމެއް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކްލަބް އީގަލްސްއާ ވާދަކޮށް 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
ރޭގެ މެޗާ އެކު ކޮންމެ ޓީމަކުން މިހާރު އެއް މެޗު ކުޅުނީ އެވެ. ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރީ 0-5 އިންނެވެ. ދެ ވަނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް ކްލަބް ވެލެންސިއާ ވަނީ 0-5 އިން މޮޅުވެފަ އެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ 0-2 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. މުހިއްމު މޮޅާ އެކު ޓީސީ މިހާރު އޮތީ ގްރީން އާއި ވެލެންސިއާ އަދި މާޒިޔާއާ އެކު މޮޅުވި ޓީމުތަކުގެ ލިސްޓުގަ އެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި އީގަލްސްގެ ކުރިމަތިލުމުން ހަނދާން އާކޮށްދިނީ 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލެވެ. އެފަހަރުގެ ފައިނަލުގައި އީގަލްސް އިން ޓީސީ ބަލިކުރީ އަހުމަދު ރިޒުވާން (ރިޒޭ) ގެ ގޯލާ އެކު 0-1 އިންނެވެ. އެކަމަކު އަނިޔާއިން އެއްކޮށް ރަނގަޅު ނުވާތީ ރިޒޭ ރޭގެ މެޗުގައި ކުޅެފައެއްނުވެ އެވެ. މިއީ އެ ފައިނަލުގެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި މި ދެޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ.
މެޗަށް ދެޓީމުން ނެރުނު ފުރަތަމަ އެގާރައިގައި ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. ފުރަތަމަ ހާފުގައި އީގަލްސް އިން ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ޓީސީ އިން ވަނީ ކުރިއަށް ޖެހި އީގަލްސް އަށް ނުރައްކާކޮށްފަ އެވެ. މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަސަން އީނާޒް އެވެ. މިއީ ހަމްދޫން އަބްދުލް ލަތީފް އަށް އީގަލްސްގެ ހަސަން ސަމީހު މޫސާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ދެ ވަނަ ހާފު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްދޫން އޭރިޔާ ތެރެއިން އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް މަސައްކަތްކުރި ވަގުތު ސަމީހު ހަމްދޫނަށް ފައުލް ކުރީ އެވެ. މި ޕެނަލްޓީ އިތުބާރާ އެކު ގޯލުގެ މަތީ ކަނަށް ވައްދާލައި އީނާޒް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ސަސް އާއި ޓީސީ ވާދަކުރާއިރު އެރޭ ކުޅޭނީ މާޒިޔާ އާއި އީގަލްސް އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ އާއި ޔޫވީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
Advertisement
Leave a Reply