ޔޫއެފާގެ ނިންމުމާ އެކު ޓޮޓެންހަމް ކޮންފަރެންސް ލީގުން ކަޓައިފި
ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ކޮންފަރެންސް ލީގުން އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް ކަޓައިފި އެވެ.
ޓޮޓެންހަމް މުބާރާތުން ކެޓީ ފްރާންސްގެ ރެންސްއާ ދެކޮޅަށް ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކޮވިޑާ ގުޅިގެން ނުކުޅެން އެޓީމުން ނިންމުމުން އެ މައްސަލަ ޔޫއެފާ އިން ބެލުމަށް ފަހު، ރެންސް އެ މެޗުން މޮޅުވި ކަމަށް ނިންމުމުންނެވެ. ޓޮޓެންހަމުން ކޮވިޑްގެ ގިނަ ކޭސްތަކުން ފެނުމުން ކްލަބުން ޔޫއެފާގައި އެދުނީ މެޗު ފަސްކޮށްދިނުމަށެވެ. އެކަމަކު މި މަހުގެ 11 ވަނަ ދުވަހު ޔޫއެފާއިން އެ މައްސަލަ ބެލުމަށް ފަހު ނިންމީ އެ މެޗުން އަލުން ޝެޑިއުލް ނުކުރެވޭނެ ކަމަށެވެ.
އޭރު ޓޮޓެންހަމުން ކޮވިޑަށް ޕޮޒިޓިވްވީ 8 ކުޅުންތެރިންނާއި ޓީމުގެ 5 މެމްބަރުންނެވެ. ޔޫއެފާގެ ގަވާއިދުގައިވާ ގޮތުގެ މަތީން އޭ ލިސްޓުގައި ގޯލްކީޕަރެއް ހިމެނޭގޮތަށް 13 ކުޅުންތެރިން ފިޓްކޮށް ތިބޭނަމަ މެޗު ކުޅެން ޖެހޭނެ އެވެ. މެޗު ފަސްކޮށްދޭން އެދުނުއިރު ޓޮޓެންހަމް އޮތީ ޔޫއެފާ އިން ބަޔާންކޮށްފައިވާ ހާލަތުގައެއް ނޫނެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެޓީމުގެ ޓްރެއިނިންތައް ބަންދުކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަދި ލެސްޓާ ސިޓީއާ ވާދަކުރަން އޮތް މެޗު ޕްރިމިއާ ލީގުން ފަސްކޮށްދިނެވެ.
މެޗު ރީޝެޑިއުލް ނުކުރެވޭނެ ކަމަށް ނިންމައި ޔޫއެފާއިން އެ މައްސަލަ ބަލަން ހަވާލުކުރީ ޑިސިޕްލިނަރީ ކޮމިޓީއާ އެވެ. އެ ކޮމެޓީން ނިންމީ ރެންސް 0-3 އިން އެ މެޗުން މޮޅުވީ ކަމަށެވެ. މި ނިންމުމާ އެކު ގްރޫޕް ސީގެ އެއް ވަނަ ލިބުނީ ރެންސް އަށެވެ. ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކުރީ ވިޓެސީ އެވެ. ގްރޫޕުގެ ތިން ވަނަ ލިބުމުން ޓޮޓެންހަމަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ.
މި ނިންމުމާ ގުޅިގެން ޓޮޓެންހަމުން އާއްމުކުރި ބަޔާނުގައި ބުނީ ޔޫއެފާގެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށާއި މެޗު ކުޅެން އިތުރު ތާރީހެއް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ޔޫއެފާގެ ނިންމުމަށް އިހުތިރާމްކޮށް ޓޮޓެންހަމް ދެން ސަމާލުކަން ދޭނީ މިހާރު ވާދަކުރަމުން އަންނަ މުބާރާތްތަކަށް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
Advertisement
Leave a Reply