ރެލިގޭޝަނުގައި އޮތް ކަޑިޒްއާ ޖެހުމުން ރެއާލަށް ގޮތް ހުސްވެއްޖެ

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް، ރެލިގޭޝަނުގައި އޮތް ކަޑިޒްއާ ދެކޮޅަށް ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.
ކަޑިޒް މެޗުގެ ކުރިން ލީގުގައި ޖެހިޖެހިގެން ކުޅުނު ހަތް މެޗުން ރެއާލް ވަނީ މޮޅުވެފަ އެވެ. އެކަމަކު ރޭ މުހިއްމު ދެ ޕޮއިންޓް ގެއްލުމާ އެކު ދެ ވަނައިގައި އޮތް ސެވިއްޔާ އާއި ރެއާލްއާ ދެމެދު އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ސެވިއްޔާ އިން ވަނީ މި ހަފްތާ 1-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި 18 މެޗުން 43 ޕޮއިންޓާ އެކު ރެއާލް އޮތްއިރު ސެވިއްޔާ 37 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ތިން ވަނައިގައި 33 ޕޮއިންޓާ އެކު އޮތް ރެއާލް ބެޓިސް ރޭ ވަނީ 2-3 އިން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެފަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތީ 30 ޕޮއިންޓް ހޯދާފައިވާ ރަޔޯ ވަޔޮކާނޯ އެވެ.
މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ކަޑިޒްގެ ގޯލު ފޫއަޅުވާލެވޭގޮތެއް ރެއާލަކަށް ނުވި އެވެ. މެޗުގައި ރެއާލުން ކަޑިޒްގެ ގޯލަށް 36 ހަމަލާ ފޮނުވާލިއިރު ކަޑިޒް އަށް އުފެއްދުނީ ހަތަރު ހަމަލާ އެވެ. މެޗުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާ އާއި އެޑެން ހަޒާޑް، ފެޑެރީކޯ ވަލްވޭޑޭ އަދި ކަރީމް ބެންޒެމާ އަށް ގޯލު ޖަހާނެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. ރެއާލްގެ ހަމަލާތައް ހުއްޓުވުމުގައި ކަޑިޒްގެ ގޯލްކީޕަރު ޔެރެމީއަސް ލެޑެސްމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ކަޑިޒްގެ އަލްވާރޯ ނެގްރެޑޯ އަށް މެޗުގެ ފަހު ވަގުތު ލަނޑު ޖަހާނެ ފުރުސަތެއް ލިބި ބޭނުމެއް ނުހިފުނެވެ.
ރޭގެ މެޗަކީ ވިނީޝިއަސް ރެއާލްގެ ޖާޒީގައި ލީގުގައި ކުޅުނު 100 ވަނަ މެޗެވެ. އަނެއްކޮޅުން ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހަޒާޑް ކުޅުނުއިރު، މިއީ މިދިޔަ ސެޕްޓެމްބަރުގެ މަހަށް ފަހު ހަޒާޑް ލީގުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ފުރަތަމަ މެޗެވެ.
Advertisement


Leave a Reply