ފުރިހަމަ މޮޅަކާ އެކު އާރްއާރްސީ އިން ކްލަބް މޯލްޑިވްސްގެ ތަށި އުފުލާލައިފި

Advertisement

ފުރިހަމަ މޮޅަކާ އެކު އާރްއާރްސީ އިން ކްލަބް މޯލްޑިވްސްގެ ތަށި އުފުލާލައިފި

ޢަލީ ޝަހީމް
ކްލަބް މޯލްޑިވްސްގެ ތައްޓާ އެކު އާރްއާރްސީ ޓީމު. - ފޮޓޯ: ނިޝާން އަލީ / މިހާރު

ފޯރިގަދަ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި 4-0 އިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ހޯދައިފި އެވެ.

އާރްއާރްސީ އިން ކްލަބް މޯލްޑިވްސް ކަޕް މީގެ ކުރިން ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. އެކަމަކު އެފަހަރު އެޓީމު ވާދަކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ނަމުގަ އެވެ. ވަކިން ކްލަބެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މިއީ އެޓީމުން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ފައިނަލުގައި ބަލިވި އެފްއެސްއެމް މިއީ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

Advertisement

ދެޓީމު ވެސް ފައިނަލަށް ދަތުރުކުރީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ކުރި ހޯދައިގެންނެވެ. އެފްއެސްއެމް ފައިނަލާ ހަމައަށް ކުރި ދަތުރުގައި ހަމައެކަނި ބަލިވީ ގްރޫޕް ސްޓޭޖުގައި ދިރާގާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އާރްއާރްސީ މުބާރާތުގައި ހަމައެކަނި ބަލިވީ ގްރޫޕް ސްޓޭޖުގައި ކްލަބް އެޗްޑީސީ އަތުންނެވެ. ނޮކްއައުޓް ބުރުގައި އެފްއެސް އިން ވަނީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ކްލަބް ވެމްކޯ އާއި އެޗްޑީސީ ކަޓުވާލާފަ އެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޕްރިޒަން ކްލަން ބަލިކޮށްފަ އެވެ. އާރްއާރްސީ ފައިނަލަށް ދަތުރުކުރީ ސެމީގައި ޓީމު ފެނަކަ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.

މެޗަށް ނުކުތްއިރު ހުނަރާ ފެންވަރުގެ ގޮތުން ކުރީގައި އޮތީ އާރްއާރްސީ އެވެ. އެކަމަކު މެޗަށް ނުކުތްއިރު އާރްއާރްސީގެ މުހިއްމު ކުޅުންތެރިޔާ އިސްމާއީލް މުނީޒް ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. މަޝްހޫރު ފުޓްސަލް ތަރިންނާ ދެކޮޅަށް އެފްއެސްއެމްގައި ތިބި ހިތްވަރުގަދަ ކުޅުންތެރިން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ސަމާލުކަންދީގެން ކުޅެމުންނެވެ. އެކަމަކު މެޗުގެ ފުރަތަމަ ގޯލު އިބްރާހީމް އަސްވަދު (ގަބޭ) ޖެހުމާ އެކު އެފްއެސްއެމް އަށް މެޗުގައި ކުރިއަށް ދާން އުނދަގޫވި އެވެ.

ފުރަތަމަ ހާފު 1-0 އިން ނިމުނުއިރު ދެ ވަނަ ހާފުގެ ކުރީކޮޅު އެފްއެސްއެމް އިން ވަނީ ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެކަމަކު އެޓީމުގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި މުހައްމަދު ތޯހިރު ޖެހި ބޯޅަތައް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އާރްއާރްސީގެ ގޯލްކީޕަރު މުހައްމަދު ޒުހަލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި އާރްއާރްސީ އަށް ތަށި ޔަގީންކޮށްދިނީ އާދަމް ނާސިހު (އާދަންނާ) ހެދި ހެޓްރިކުންނެވެ. އާދަންނާގެ ފުރަތަމަ ލަނޑު ޖެހީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގަ އެވެ. އޭގެ އިރުކޮޅެއް ފަހުން އާދަންނާ މެޗުގެ ދެ ވަނަ ގޯލު ޖެހީ އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮސް އެފްއެސްއެމްގެ ދެ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. އޭރިޔާ ބޭރުން އާދަންނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އާދަންނާ މެޗުގައި ހެޓްރިކް ހެދީ ގަބޭ ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސް ގޯލަކަށް ފޮނުވާލައިގެންނެވެ. އޭގެފަހުން ގަބޭ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި އާދަންނާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމް އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ލިބުނުއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޕްރިޒަން ކްލަބެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ދެ ކުޅުންތެރިއަކަށް ލިބުނެވެ. އަށް ގޯލު ޖަހައިގެން މި މަގާމް ހޯދީ އެސްޓީއޯ ޓީމުގެ އިސްމާއީލް ވަޖީހު އާއި ޓީމު ފެނަކަ އަށް ކުޅުނު މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އާރްއާރްސީ އަށް ތަށި ކާމިޔާބުކޮށްދިން އަބްދުﷲ ނަސީރު (އަބޯ) އެވެ. އާރްއާރްސީ އިން ވަނީ މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯޓް ކުރި ޓީމުގެ ޝަރަފް ވެސް ހޯދައިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އާރްއާރްސީގެ އިބްރާހީމް މައިޝާން (މައި) އާއި އެޓީމުގެ ގަބޭ އަދި ގޯލްކީޕަރު ޒުހަލްގެ އިތުރުން އެފްއެސްއެމްގެ ނާއިފް ޝަފީގް އާއި ވިޖުއްކޮ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ “ކިންގް އޮފް ފުޓްސަލް” ގެ މަގާމް ލިބުނީ އާރްއާރްސީ އިން ތައްޓަށް ކުރި ދަތުރުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މައިޝާން އެވެ. އުނދަގޫ ގްރޫޕެއް ފަހަނައަޅައި އާރްއާރްސީ އިން ތަށި ހޯދިއިރު އެޓީމުގެ ޑިފެންސްގައި ހުރެ ޓީމު ހަމައަކަށް އެޅުވުމުގައި މައިޝާން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *