ދަ ގްރާންޑޭ އާ އެކު މާފުށީ ޒުވާނުން ގަލޮޅު ދަނޑަށް

Advertisement

ދަ ގްރާންޑޭ އާ އެކު މާފުށީ ޒުވާނުން ގަލޮޅު ދަނޑަށް

ޢަލީ ޝަހީމް
މިއަދުގެ މެޗަށް ނުކުތް ދަ ގްރާންޑޭގެ ޓީމު. ޓީމުގެ ނަމުގެ ފަހަތުގައި ތިބީ މާފުށީގެ ޒުވާނުން. - ފޮޓޯ: އެފްއޭއެމް

ކ. މާފުއްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިތަކަކާ އެކު މި ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް އެކުލަވާލި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މިއަދު ހަވީރު ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 0-5 އިން ބަލިވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕަށް ދަ ގްރާންޑޭ ނުކުތްއިރު މި ސީޒަނުގައި އެޓީމު ހިންގަނީ ކ. މާފުށީ ޒުވާނުން ޓީމަކުންނެވެ. މާލެ ކައިރީގައި އޮންނަ މާފުށީގައި އެޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދަނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) ގެ ބެލުމުގެ ދަށުންނެވެ. ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ ކުރިން ދަ ގްރާންޑޭގެ ޗެއާމަންކަން ކުރެއްވި އަދި މިހާރު މާފުށީ ކައުންސިލަރެއްގެ މަގާމް ފުރުއްވަމުން ގެންދަވާ ނަސީހު މުހައްމަދު (ނަސީ) އެވެ.

މިއަދުގެ މެޗަށް ނުކުތް ފުރަތަމަ އެގާރައިގައި މާފުއްޓަށް ނިސްބަތްވާ 9 ކުޅުންތެރިން ތިއްބެވެ. އަދި 20 ކުޅުންތެރިންގެ ސްކޮޑުގައި 17 ކުޅުންތެރިން ނިސްބަތްވަނީ މާފުއްޓަށެވެ. އެރަށުގެ ޒުވާން ކުޅުންތެރިންތަކެއް ގަލޮޅު ދަނޑަށް ނެރުނުއިރު ރަށުގައި ފުޓްސަލް އަށް މަޝްހޫރު ކުޅުންތެރިން ވެސް ހިމެނެ އެވެ. ބިދޭސީ ތިން ކުޅުންތެރިން ދަ ގްރާންޑޭގެ ޓީމުގައި ހިމަނާފައިވެ އެވެ. އެއީ ޖަޕާނުގެ ފޯވާޑަކާއި މޮންޓެނީގްރޯގެ ޑިފެންޑަރަކާއި ސްރީ ލަންކާގެ ޑިފެންޑަރެކެވެ. އެކަމަކު އެތަނުން އެއްވެސް ކުޅުންތެރިއަކު މިއަދުގެ މެޗުގައި ކުޅެފައެއްނުވެ އެވެ. ކޯޗު އަލީ ނިސްތާރުގެ އިރުޝާދުގެ ދަށުން ނުކުތް ގްރީން ސްޓްރީޓްސްގައި އޮތީ ގާތްގަނޑަކަށް މިދިޔަ އަހަރު އޮތް ޓީމެވެ. އެކަމަކު މެޗަށް ނުކުތް އެޓީމުގެ ބެންޗުގައި ތިބީ އެންމެ ތިން ކުޅުންތެރިންނެވެ.

May be an image of 3 people, people playing sports and grass

ދަ ގްރާންޑޭގެ ކެޕްޓަން އިސްމާއީލް މަފާޒް އިބްރާހީމް އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. – ފޮޓޯ: އެފްއޭއެމް

އާ ސީޒަނުގެ ފުރަތަމަ މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމެވެ. އެއީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭގެ އިތުރުން ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ކްލަބް އީގަލްސް އެވެ.

މިއީ 2017 ވަނަ އަހަރަށް ފަހު ޕްރެޒިޑެންޓްސް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މިދިޔަ ތިން ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ބާއްވަން ޝެޑިއުލް ކުރިނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ޖެހެނީ މުބާރާތް ފަސްކުރަން ނުވަތަ ކެންސަލްކުރާށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ގްރީން ސްޓްރީޓްސް އޮތީ އެއް ގޯލުގެ ލީޑެއްގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑަކީ ދަ ގްރާންޑޭގެ އަހުމަދު ނައުފަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނައުފަލް ބޮލުން ދިފާއުކުރަން ޖައްސާލި ބޯޅަ ގޯލަށް ވަނީ މިސްރާބު ބަދަލުވެގެންނެވެ. ފުރަތަމަ ހާފުގައި ގްރީން އިން އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓައި ހަމަލާ އުފައްދަން ދަ ގްރާންޑޭ އިން މަސައްކަތްކުރި އެވެ.

May be an image of 2 people, people playing sports and grass

މެޗުގެ ތެރެއިން ދަ ގްރާންޑޭގެ އިބްރާހީމް ސުނީޒް ބޯޅަ ހިފައިގެން. ފޮޓޯ: އެފްއޭއެމް

ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖެހީ އަންސަރު އިބްރާހީމް (އަންކޮ) އެވެ. ތިން ވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ޔާމީން (ޔާން) އެވެ. 71 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ގޯލު މުހައްމަދު ސާއިފް ޖެހިއިރު ފަހު ލަނޑު 76 ވަބަ މިނެޓުގައި ޖެހީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. މެޗުގައި ގްރީން ސްޓްރީޓްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދަ ގްރާންޑޭގެ ގޯލްކީޕަރު އިސްމާއީލް ޝާހު ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސްގެ އަންކޮ އެވެ.

ގްރާންޑޭ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުނު ޑިފެންޑަރު ގާސިމް ސައްމާމް (ސައްމެ) ހިމެނެ އެވެ. އެކަމަކު މިއަދުގެ މެޗުގައި ސައްމެ ކުޅެފައެއްނުވެ އެވެ. މެޗަށް ފަހު ދަ ގްރާންޑޭގެ ކޯޗު ނާދު ވަނީ ސައްމެ ނެތުމަކީ ގިނަ ގޯލުތަކެއް ވަނުމުގެ ސަބަބެއް ކަމަށް ބުނެފަ އެވެ. އިތުރަށް ނާދު ބުނީ މުޅިން އަލަށް އެންމެ މަތީ ފަންތީގައި ޒުވާން ކުޅުންތެރިންތަކެއް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ގްރީ ސްޓްރީޓްސްގެ ކޯޗު ނިސްތާރު ބުނީ މޮޅު ލިބުމުގެ އެންމެ ބޮޑު ސަބަބަކީ އެޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ކުޅުންތެރިން ތިބުން ކަމަށެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ކްލަބް ވެލެންސިއާ އެވެ. މި ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ ވަނީ 5-0 އިން މާޒިޔާ އަތުން ބަލިވެފަ އެވެ. ޔޫވީ އާއި ވެލެންސިއާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *