އެކުވެރިކަމުގެ ފަހު ތިން މެޗު ކާމިޔާބުކޮށް ވޮލީ ޓީމު އިތުބާރު ހޯދައިފި

އެކުވެރިކަމުގެ ފަހު ތިން މެޗު ކާމިޔާބުކޮށް ވޮލީ ޓީމު އިތުބާރު ހޯދައިފި

ޢަލީ ޝަހީމް
ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިން. އިންޑިއާގެ ހައިދަރުއާބާދުގެ ޓީމާ ދެކޮޅަށް ކުޅެ ތިން މެޗުން ރާއްޖެ މޮޅުވި. - ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ކުޅުނު އެކުވެރިކަމުގެ ތިން މެޗު ވެސް ކާމިޔާބުކޮށް މި މަހު ބަންގްލަދޭޝްގައި އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން އިތުބާރު ހޯދައިފި އެވެ.

ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭން ވަނީ އެކުވެރިކަމުގެ ހަ މެޗެއް ކުޅެފަ އެވެ. އެންމެ ފުރަތަމަ ތިން މެޗު ކުޅުނީ އަވައްޓެރި ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށެވެ. ލަންކާއާ ވާދަކޮށް ތިން މެޗުން ބަލިވި ނަމަވެސް ޓީމަށް ރަނގަޅު ތަޖުރިބާއެއް ލިބުނެވެ. އޭގެފަހުން މިދިޔަ ބުރާސްފަތި، ހުކުރު އަދި އިއްޔެ ވަނީ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. ފުރަތަމަ މެޗުގެ ފުރަތަމަ ސެޓު 19-25 އިން ގެންދިޔައީ އިންޑިއާ ޓީމުންނެވެ. އެކަމަކު އޭގެފަހުން ކުޅުނު ތިން ސެޓު ރާއްޖޭން ކާމިޔާބުކުރި އެވެ. އެއީ 25-18، 25-18 އަދި 25-17 އިންނެވެ. އެކުވެރިކަމުގެ ދެ ވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ވެސް އިންޑިއާ ޓީމު އަތުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-13 އިން ރާއްޖެ ގެންދިޔައިރު ދެ ވަނަ ސެޓު ހައިދަރުއާބާދު ޓީމުން ގެންދިޔައީ 23-25 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި 25-20 އަދި 25-19 އިން ކުރި ހޯދައި ރާއްޖޭގެ ވޮލީ ޓީމު މޮޅުވި އެވެ. އިންޑިއާ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ތިން ވަނަ މެޗުގައި އިއްޔެ ހަވީރު ސީދާ ތިން ސެޓުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. މެޗުގައި ތިން ސެޓު ވެސް ރާއްޖޭން ގެންދިޔައީ 25-22 އިންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ މެޗު ބަލަން ވަދެފަ އެވެ. މެޗާ ދިމާކޮށް ހުޅުވާލި ލަކީޑްރޯ އިން ހޮވުނު ނަސީބުވެރިން ވަނީ ހޮވައިފަ އެވެ. މިގޮތުން ސެންޓްރަލް ޒޯން މުބާރާތުގައި ގައުމީ ޓީމު ކުޅޭ މެޗެއް ބެލުމަށް ބަންގްލަދޭޝަށް ދިއުމުގެ ފުރުސަތު ހަތަރު ފަރާތަކަށް ދިނެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ޖާޒީ ލިބޭ ދެ ފަރާތް ވެސް އިއްޔެ ވަނީ ހޮވައިފަ އެވެ.

ބަންގްލަދޭޝްގައި ސެންޓްރަލް ޒޯން ވޮލީ މުބާރާތް އޮންނާނީ މި މަހުގެ 23 އިން 29 އަށެވެ. ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން މުބާރާތުގައި ވާދަކުރާނީ އުޒްބެކިސްތާން، ސްރީ ލަންކާ އަދި ނޭޕާލް އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ކުޅޭނީ އުޒްބެކިސްތާނާ އެވެ. ޑިސެމްބަރު 26 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ކުޅޭނީ ލަންކާއާ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މީގެ އިތުރުން ތިން ވަނަ އާއި ހަތަރު ވަނަ ކަނޑައެޅުމަށް ރޭންކިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވެސް ވާދަކުރަން ވަނީ ހަމަޖެހިފަ އެވެ. އަންހެން ޑިވިޝަނުގައި ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ކިރްގިސްތާން، ނޭޕާލް، ލަންކާ އަދި އުޒްބެކިސްތާން އެވެ. އަންހެން ޓީމު ވެސް އެންމެ ފުރަތަމަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ސެންޓްރަލް ޒޯންގައި ވާދަކުރާ އަންހެން ގައުމީ ޓީމުގައި މިފަހަރު ހިމެނެނީ ނިސްބަތުން ޒުވާން ކުޅުންތެރިންނެވެ.

ރާއްޖޭން މިފަހަރު ބައިނަލްއަގްވާމީ މުބާރާތަކަށް މިދަނީ ކޮވިޑާ ގުޅިގެން މުބާރާތްތައް ބޭއްވުން މެދުކަނޑާލުމަށް ފަހު ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. ރާއްޖޭން އެންމެ ފަހުން ވާދަކުރި މުބާރާތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސް އެވެ. ހަމަ އެ އަހަރު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ވެސް ގައުމީ ވޮލީ ޓީމު ވާދަކުރި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *