ފަހު ވަގުތު ހޯދި މޮޅާ އެކު ބާސެލޯނާ ހަތް ވަނަ އަށް ޖެހިލައިފި

Advertisement

ފަހު ވަގުތު ހޯދި މޮޅާ އެކު ބާސެލޯނާ ހަތް ވަނަ އަށް ޖެހިލައިފި

ޢަލީ ޝަހީމް

ސްޕެނިޝް ލީގުގައިރޭ އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗު އެއްވާރުވާން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓުގައި ޖެހި ގޯލާ އެކު 2-3 އިން މޮޅުވެ ބާސެލޯނާ ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ލީގުގެ ހަތް ވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 17 މެޗުން ލިބިފައިވާ 27 ޕޮއިންޓާ އެކު އެވެ. މިއާއެކު ގަދަ ހަތަރަކާ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. އެކަމަކު 42 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ބާސެލޯނާއާ ދެމެދު 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރެއާލްގެ ފަހަތުން ދެ ވަނައިގައި އޮތީ 37 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ސެވިއްޔާ އިން ރޭ ވަނީ 1-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. ތިން ވަނައިގައި 33 ޕޮއިންޓާ އެކު ރެއާލް ބެޓިސް އޮތްއިރު 30 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ ރަޔޯ ވަޔޮކާނޯ އެވެ. ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެ 29 ޕޮއިންޓާ އެކު ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ ފަސް ވަނައިގަ އެވެ. ބާސެލޯނާގެ ކުރިން ހަ ވަނައިގައި އޮތް ރެއާލް ސޮސިއޭޑާޑަށް ވެސް ވަނީ 29 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ރޭގެ މެޗުގެ ފުރަތަމަ 20 މިނެޓުގައި ބާސެލޯނާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ފެރާން ޖުގްލާ ޖެހިއިރު ދެ ވަނަ ލަނޑު 19 ވަނަ މިނެޓުގައި ޖެހީ ގަވީ އެވެ. މިއީ ހާފު މެދުން ލިބުނު ބޯޅަ ހިފައިގެން ގޮސް އެލްޗޭގެ ދެ ކުޅުންތެރިން ކަޓުވާލުމަށް ފަހު ގަވީ ޖެހި ލަނޑެކެވެ. ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް ދެ ވަނަ ހާފުގައި ގާތްގާތުގައި ޖެހި ދެ ގޯލާ އެކު އެލްޗޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. 62 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ޓެޓޭ މޮރެންޓޭ ޖެހިއިރު 63 ވަނަ މިނެޓުގައި އެލްޗޭ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕެރޭ މިއާ އެވެ. އެއްވަރުވާން ދިޔަ މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލޭޒް އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުމާ އެކު ބާސެލޯނާ އަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. ރޭގެ މެޗަށް ނުކުތްއިރު ހުރިހާ މުބާރާތެއްގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއްނުވެ އެވެ. ލީގުގައި އޮސަސޫނާއާ ވާދަކޮށް 2-2 އިން އެއްވަރުވިއިރު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ބަލިވެ ލީގުގައި ރެއާލް ބެޓިސް އަތުން ބަލިވީ އެވެ. ރޭގެ މޮޅަކީ އުނދަގޫ މެޗުތަކަކަށް ފަހު ކޯޗު ޒަވީ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *