ފުރިހަމަ މޮޅަކާ އެކު އާސެނަލް ގަދަ ހަތަރެއްގައި ހަމަޖެހިލައިފި

Advertisement

ފުރިހަމަ މޮޅަކާ އެކު އާސެނަލް ގަދަ ހަތަރެއްގައި ހަމަޖެހިލައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 4-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ގަދަ ހަތަރެއްގައި ލީޑު ބޮޑުކޮށްފި އެވެ.

ލީގުގެ ހަތަރެއްގައި އާސެނަލް އޮތީ 18 މެޗުން ލިބުނު 32 ޕޮއިންޓާ އެކު އެވެ. އާސެނަލްގެ ފަހަތުން ފަސް ވަނައިގައި އޮތީ 17 މެޗުން 28 ޕޮއިންޓް ލިބިފައިވާ ވެސްޓް ހޭމް ޔުނައިޓެޑެވެ. 16 މެޗުން ލިބިފައިވާ 17 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅެން އޮތް ދެ މެޗު ވެސް ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ވަނީ ފަސްކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި 41 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ދެ ވަނައިގައި އޮތީ 40 ޕޮއިންޓް ލިބިފައިވާ ލިވަޕޫލެވެ. ތިން ވަނައިގައި 37 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު އާސެނަލާ ޗެލްސީއާ ދެމެދު މިހާރު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

Advertisement

ލީގުގެ ކުރީކޮޅު ފޯމު ދަށްވި ނަމަވެސް ޒުވާން ޓީމަކާ އެކު ކޯޗު މިކެލް އާޓެޓާ އަންނަނީ އާސެނަލް ހަމައަކަށް އަޅުވަމުންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އާސެނަލް ވަނީ ތިން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ދެ ލަނޑު 16 ވަނަ މިނެޓާއި 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެލީ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އުމުރުން 20 އަހަރުގެ ބްރެޒިލް ފޯވާޑް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އާސެނަލްގެ ތިން ވަނަ ލަނޑު 42 ވަނަ މިނެޓުގައި ޖެހީ 20 އަހަރުގެ ބުކާޔޯ ސަކާ އެވެ. ފަހު ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 21 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ ސްމިތު ރޯ އެވެ. މެޗުގައި ލީޑްސްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.

ލީގުގައި ރޭ އެސްޓަން ވިލާ އިން ބާންލީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ކޮވިޑް ކޭސްތަކެއް ފެނުމުން ކެންސަލްކޮށްފަ އެވެ. މިރޭ ތިން މެޗު ކުޅޭއިރު ރޭގަނޑު ހަތެއް ޖަހާއިރު ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗާއި ވުލްވްސް އާއި ޗެލްސީ ވާދަކުރާ މެޗު ފަށާނެ އެވެ. މިރޭ 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *