ލިވަޕޫލް ފަސްބެލުމެއްނެތި ކުރިއަށް، ޗެލްސީ ގަދަ ކަނޑެއްގައި

Advertisement

ލިވަޕޫލް ފަސްބެލުމެއްނެތި ކުރިއަށް، ޗެލްސީ ގަދަ ކަނޑެއްގައި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-3 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު ޗެލްސީ އަމިއްލަ ދަނޑުގައި 1-1 އިން އެވަޓަންއާ އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުތަކާ އެކު ލިވަޕޫލް ވަނީ އެއް ވަނައިގައި އޮތް ސިޓީއާ ޕޮއިންޓަކާ ގާތަށް ޖެހިލާފަ އެވެ. އެކަމަކު މެޗުން އެއްވަރުވުމުން ސިޓީއާ ޗެލްސީއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ބޮޑުވެފަ އެވެ. އެއް ވަނައިގައި 41 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ލިވަޕޫލަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިން ވަނައިގައި 37 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު 29 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ އާސެނަލް އެވެ.

Advertisement

ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ޗެލްސީން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ދެ މެޗު އެއްވަރުވިއިރު އަނެއް މެޗުން ބަލިވީ އެވެ.

ކޮވިޑަށް ޝައްކުކުރެވޭތީ ލިވަޕޫލުން ރޭ ނުކުތީ މުހިއްމު ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ފަބީނިއޯ ނުލަ އެވެ. މުހިއްމު ދެ ކުޅުންތެރިން ޓީމުގައި ނުހިމަނައި ކުޅުނު މެޗުގެ ކުރީކޮޅު ޖޮންޖޯ ޝެލްވީގެ ގޯލުން ނިއުކާސަލް ޔުނައިޓެޑް ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު ފުރަތަމަ ހާފުގައި ގާތްގާތުގައި ޖެހި ދެ ލަނޑާ އެކު ލިވަޕޫލުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޑިއޯގޯ ޖޯޓާ ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހް އެވެ. މިއީ އާދަޔާހިލާފު ފޯމެއްގައި ހުރި ސަލާހް މި ސީޒަނުގައި ޖެހި 22 ވަނަ ލަނޑެވެ. އަނެއްކޮޅުން ސަލާހް މިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގައި ލަނޑެއް ޖަހައި ނުވަތަ ލަނޑެއް ޖަހަން އެހީތެރިވެފަ އެވެ. ޖެހިޖެހިގެން 15 މެޗުގައި ލަނޑު ޖެހުން ނުވަތަ އެސިސްޓް ހެދުމުގެ ރެކޯޑް ކުރިން އޮތީ ޖެމީ ވާޑީ އަތުގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އޭރިޔާ ބޭރުން އުންޑައެއްހެން އާނޯލްޑް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ޗެލްސީއާ އެވަޓަންއާ ކުޅުނު މެޗުގައި ކޮވިޑްގެ ސަބަބުން ގިނަ ކުޅުންތެރިތަކެއް ނުފެނެ އެވެ. އަނިޔާ އާއި ބަލިވުމުގެ ސަބަބުން އެވަޓަން ޓީމުގެ 12 ކުޅުންތެރިއަކު މިވަގުތު ކުޅުމާ ހުރީ ދުރުގަ އެވެ. މެޗުގެ ކުރިން ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ އަދި ކަލުމް ހަޑްސަން-އޮޑޯއީ ކޮވިޑަށް ޕޮޒިޓިވްކަން ކޯޗު ތޯމަސް ޓުކެލް ވަނީ ހާމަކޮށްފަ އެވެ. އަދި ކައި ހަވާޓްޒް ކޮވިޑް ޓެސްޓް ހެދުމަށް ފަހު ނަތީޖާ ނުލިބޭތީ ރޭގެ މެޗުގައި ކުޅެފައެއްނުވެ އެވެ.

މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި ޖެހީ މޭސަން މައުންޓެވެ. އެވަޓަން އިން މުހިއްމު ޕޮއިންޓް ހޯދި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލީގުގައި އަލަށް ކުޅުނު 19 އަހަރުގެ ޑިފެންޑަރު ޖަރާޑް ބްރަންތުވެއިޓެވެ.

17 މެޗުން ލިބިފައިވާ 19 ޕޮއިންޓާ އެކު އެވަޓަން މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ. ނިއުކާސަލް ޔުނައިޓެޑް އޮތީ 17 މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު ފުލުން ދެ ވަނައިގަ އެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހަފްތާ ބަންދުގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން މިހާރު ވެސް ހަތަރު މެޗު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗާއި ސައުތެމްޓަން އާއި ބްރެންޓްފޯޑް ބައްދަލުކުރާ މެޗުގެ އިތުރުން ވެޓްފޯޑް ކްރިސްޓަލް ޕެލޭސް އަދި ވެސްޓް ހޭމް ޔުނައިޓެޑާއި ނޯވިޗް ސިޓީ ވާދަކުރާ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *