ކްލަބް މޯލްޑިވްސް: ފައިނަލުގައި އެފްއެސްއެމް އާއި އާރްއާރްސީގެ ކުރިމަތިލުމެއް
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގެ ޖާގަތައް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ހޯދައިފި އެވެ.
އެފްއެސްއެމް ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ފުރަތަމަ ސެމީގައި 2-1 އިން ޕްރިޒަން ކްލަބް ބަލިކޮށްގެންނެވެ. އާރްއާރްސީ ފައިނަލަށް ދަތުރުކުރީ ޓީމު ފެނަކާއާ ދެކޮޅަށް ކުޅުނު ދެ ވަނަ ސެމީގެ މެޗު 3-3 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 6-3 އިން މޮޅުވެގެންނެވެ.
ސެމީގެ ފުރަތަމަ މެޗަށް އެފްއެސްއެމް ނުކުތީ އިތުބާރާ އެކު އެވެ. އެޓީމުން ވަނީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނުނު ކްލަބް ވެމްކޯ ގަދަ 16 ގައި ކަޓުވަލާއި އަދި ވަރުގަދަ އެޗްޑީސީ ކުއާޓާ ފައިނަލުގައި ބަލިކޮށްފަ އެވެ. އެފްއެސްއާ ދެކޮޅަށް ނުކުތްއިރު ޕްރިޒަން އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ސާޖިދު ރަޝީދު (ސާޖީ) އަށް ނުކުޅެވުމެވެ. ސާޖީ ކުޅުމާ ދުރަށްދާން ޖެހުނީ މެޗުގެ އެއް ދުވަސް ކުރިން ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި އަނިޔާވުމުންނެވެ.
އެފްއެސްއެމް އާއި ޕްރިޒަން ވާދަކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެފްއެސްއެމް އިން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނުއިރު ޕްރިޒަން އިން ބޮޑަށް ދިޔައީ ކޮޅެއް ގޯލެއް ޖެހިޔަނުދީ ހިފެހެއްޓުމަށެވެ. މި ހާފުގައި އެއްވެސް ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް ދިޔައީ ވަރަށް އެއްވަރަށެވެ. މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ އެފްއެސްއެމް އިންނެވެ. ދެ ވަނަ ހާފުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ތޯހިރު އެވެ. ކައިރީގައި ހުރި ޕްރިޒަންގެ ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ތޯހިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލަށް ފަހު ޕްރިޒަން އިން ވަނީ ކުރިއަށް ޖެހިގެން ކުޅެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަނަ ހާފުގެ 18 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް މަންސޫރު އެވެ. މަންސޫރު ގޯލު ޖެހިތާ މިނެޓެއް ފަހުން އެފްއެސްއެމް މޮޅުވި ލަނޑު ނާއިފް ޝަފީގް ވަނީ ޖަހައިފަ އެވެ. މި ގޯލަށް ފަހު ލީޑުގައި އޮވެ އެފްއެސްއެމް އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ އެވެ. މެޗަށް ފަހު އެފްއެސްއެމްގެ ސަޕޯޓަރުންނާއި މުޅި ޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެފްއެސްއެމްގެ މުހައްމަދު ޖުމާން އެވެ.
އާރްއާރްސީއާ ދެކޮޅަށް ފެނަކަ ނުކުތީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވާ ހުނަރުވެރި ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) ނުލަ އެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ ގޯލުން އާރްއާރްސީ ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފުގައި އާރްއާރްސީ އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދު (ގަބޭ) އެވެ. ދެ ގޯލުގެ ފަހަތުގައި އޮވެފައި ފުރަތަމަ ފާހުގެ ފަހު މިނެޓުގައި ޔަސްފާދު ހަބީބް (މުލަކޭ) ގެ ގޯލުން ފެނަކަ ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި އެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ބިޗަޑް އިތުރު ގޯލެއް ޖަހައި އާރްއާރްސީ އަށް ލީޑު ފުޅާކޮށްދިނެވެ. 3-1 ގައި ނަތީޖާ އޮއްވައި އާރްއާރްސީން ފަސޭހައިން މެޗު ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް ފަހަތުން އަރައި ފެނަކަ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މި ދެ ލަނޑު ވެސް ކާމިޔާބުކޮށް މުލަކޭ ވަނީ ހެޓްރިކް ހަދައިފަ އެވެ.
3-3 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ފެނަކަ ޓީމު ފެނުނީ ދަށްކޮށެވެ. އެޓީމުން ޖެހި ތިން ޕެނަލްޓީ ވެސް ނާކާމިޔާބު ވިއިރު އާރްއާރްސީ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލައިފަ އެވެ. ފެނަކައިގެ ޕެނަލްޓީތައް ބޭކާރުވީ އަހުމަދު ހަލީމް އާއި މުލަކޭ އަދި އިބްރާހީމް އަރީޝް އަތުންނެވެ. މުލަކޭ އާއި އަރީޝް ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ހަލީމް ޖެހި ޕެނަލްޓީ އާރްއާރްސީގެ ގޯލްކީޕަރު ހިފެހެއްޓީ އެވެ. އާރްއާރްސީގެ ޕެނަލްޓީތައް ވައްދާލީ އާދަމް ނާސިހު (އާދަންނާ) ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި މޮޅުވި ޕެނަލްޓީ ޖެހި ގަބޭ އެވެ. އެޓީމުގެ އަލީ ޝާމިސް (ތޮއްޕޭ) ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި މުލަކޭ އެވެ.
ފިރިހެން ޑިވިޝަނުގައި އާރްއާރްސީ އާއި އެފްއެސްއެމް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގަ އެވެ. ވިމެން ފުޓްސަލް ފިއެސްޓާ 30/18 ގެ ފައިނަލަށް ދަތުރުކުރީ ވެމްކޯ އާއި އެމްޕީއެލް އެވެ. މި ދެޓީމު ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގަ އެވެ.
Advertisement
Leave a Reply