ހަތް ގޯލާ އެކު ޖެހިޖެހިގެން ހަތް ވަނަ މޮޅު ސިޓީ އިން ހޯދައިފި

Advertisement

ހަތް ގޯލާ އެކު ޖެހިޖެހިގެން ހަތް ވަނަ މޮޅު ސިޓީ އިން ހޯދައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 0-7 ގެ ބޮޑު ތަފާތަކުން މެންޗެސްޓަރ ސިޓީ އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފި އެވެ.

ރޭގެ މޮޅަކީ ލީގުގައި ޖެހިޖެހިގެން ސިޓީ ކާމިޔާބުކުރި ހަތް ވަނަ މެޗެވެ. އަދި، އެޓީމު މިހާރު ވަނީ 17 މެޗުން ހޯދި 41 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި 37 ޕޮއިންޓާ އެކު އޮތް ލިވަޕޫލާ 36 ޕޮއިންޓާ އެކު އޮތް ޗެލްސީ ކުޅެފައިވަނީ 16 މެޗެވެ. މާދަމާ ރޭ މި ދެޓީމު ކުޅޭ މެޗުތައް ކާމިޔާބުކޮށްގެން ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކުރެވޭނެ އެވެ.

Advertisement

ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކެވިން ޑި ބްރޭނާ އަށް ފުރުސަތުދީފަ އެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގެ މުހިއްމު މެޗުތަކެއް ޑި ބްރޭނާ އަށް ގެއްލުނު އިރު ކުރީގެ ފޯމުގައި އަދި ނުކުޅެވެ އެވެ. ލީޑްސް ޔުނައިޓެޑަށް ދިމާވި މައްސަލައަކީ އަނިޔާގެ ސަބަބުން އެޓީމަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް ކުޅުމާ ދުރުގައި ހުރުމެވެ.

މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ތިން ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. މި ހާފުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ފިލް ފޯޑެން އާއި ޖެކް ގްރީލިޝްގެ އިތުރުން ކެވިން ޑި ބްރޭނާ އެވެ. މިއީ 100 މިލިއަން ޕައުންޑަށް އެސްޓަން ވިލާ އިން ސިޓީ އަށް ބަދަލުވިފަހުން ގްރީލިޝް ލީގުގައި ޖެހި ދެ ވަނަ ލަނޑެވެ. ދެ ވަނަ ހާފު ސިޓީން ފެށީ އަނިޔާގެ ސަބަބުން ބެނާޑޯ ސިލްވާގެ ބަދަލުގައި އިލްކާއީ ގުންޑޮގާން ކުޅެން އަރުވައިގެންނެވެ. މި ހާފުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ރިޔާދް މާރޭޒް އާއި ޑި ބްރޭނާ އަދި ދެ ޑިފެންޑަރުން ކަމަށްވާ ޖޯން ސްޓޯންސް އާއި ނޭތަން އަކޭ އެވެ.

ލީގުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. އެއީ ބްރައިޓަން އާއި ވުލްވްސް ވާދަކުރާ މެޗާއި ބާންލީ އާއި ވެޓްފޯޑް ވާދަކުރާ މެޗުގެ އިތުރުން ކްރިސްޓަލް ޕެލޭސް އާއި ސައުތެމްޓަން މެޗު އަދި އާސެނަލް އާއި ވެސްޓް ހޭމް ޔުނައިޓެޑް ވާދަކުރާ މެޗެވެ. އާސެނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ. ކޮވިޑާ ގުޅިގެން މި ހަފްތާ ބްރައިޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅެން އޮތް މެޗު މިހާރު ވަނީ ފަސްކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *