ރެއާލް ވިޔަސް ޕީއެސްޖީއަށްޓަކައި ފުރާނައިން ގުރުބާން ވާނަން: ރާމޯސް

ކެރިއަރުގެ ބޮޑު ބައި ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދި ކްލަބް، ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީގެ ޖާޒީގައި ކުޅެން ނުކުންނާނީ ފުރާނައިން ގުރުބާން ވާންކަމަށް ސާޖިއޯ ރާމޯސް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރު ރޭ ނެގިއިރު ޕީއެސްޖީ އެންމެ ފުރަތަމަ ލައްވާލީ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. އެކަމަކު ޓެކްނިކަލް މައްސަލަތަކެއް އުޅެ ގުރުއަތުލުން އަލުން ނެގުމުން ޕީއެސްޖީ ޖެހުނީ ރެއާލްއާ ވާދަކުރާށެވެ. މި މެޗު އެންމެ ހާއްސަވަނީ 15 އަހަރަށް ފަހު ރެއާލް ދޫކޮށް މިއަހަރު ޕީއެސްޖީ އަށް ބަދަލުވި ރެއާލްގެ ކުރީގެ ކެޕްޓަން ރާމޯސް އަށެވެ. އުމުރުން މިހާރު 35 އަހަރުގެ ޑިފެންޑަރު އެނބުރި ރެއާލްއާ ދެކޮޅަށް ކުޅެން ޖެހުމުން ރޭ އޭނާ ވަނީ މީޑިއާތަކުން ކުރިމަތިކުރުވި ސުވާލަށް ޖަވާބުދީފަ އެވެ.
“އަހަރެން ރެއާލަށް އޮތް ލޯބި އެންމެންނަށް ވެސް އެނގޭނެ. އެކަމަކު މިއީ ޕީއެސްޖީގެ ދިފާއުގައި ހުންނަންވީ ވަގުތު. ޕީއެސްޖީ މޮޅުކޮށްދޭން އަހަރެންނަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނަން. ފުރާނައިން ގުރުބާން ވާންވެސް އަހަރެން މިހުރީ ތައްޔާރަށް” ރެއާލްއާ ދެކޮޅަށް ކުޅެން ޖެހުމުން ކުރެވުނު އިހުސާސްތައް ކިޔައިދެމުން ރާމޯސް ބުންޏެވެ.
ރެއާލްގައި ހޭދަކުރި 15 އަހަރު ރާމޯސް ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ސްޕެނިޝް ލީގު ފަސް ފަހަރު އުފުލާލައިފަ އެވެ. އެ ކްލަބުގެ ކެޕްޓަންކަން ގިނަ އަހަރުތަކެއް ވަންދެން ކުރިއިރު މިދިޔަ ހައެއްކަ އަހަރު ރާމޯސް ފެނުނީ އެ ކްލަބުގެ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.
“ރެއާލްއާ ކުޅެން ނުޖެހުން އެއީ އަހަރެން ބޭނުންވާގޮތް. އެކަމަކު އަނބުރާ ރެއާލްގެ ދަނޑަށް ދިއުމަކީ އަހަރެންނަށް ލިބޭ އުފަލެއް. ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އަހަރެންނަށް ރަނގަޅު ފެއާވެލްއެއް ރެއާލްގައި ނުލިބުނު” ރާމޯސް ބުންޏެވެ.
މިދިޔަ ސީޒަނަށް ފަހު ރާމޯސް ޕީއެސްޖީ އަށް ބަދަލުވީ ރެއާލްއާ އެކު އާ އެއްބަސްވުމަކަށް ނާދެވުމުންނެވެ. ރާމޯސް ގެންދަން ޕީއެސްޖީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑް ވެސް މަސައްކަތްކުރި އެވެ. އެކަމަކު ޕީއެސްޖީގެ އޮފާ ރަނގަޅުވުމުން ރާމޯސް ބޭނުންވީ ޕީއެސްޖީ އަށް ބަދަލުވާށެވެ. ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު އަނިޔާގެ ސަބަބުން ރާމޯސް އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. ރާމޯސް ޕީއެސްޖީގެ ޖާޒީގައި ކުޅެފައިވަނީ އެންމެ މެޗެކެވެ. މިދޔަ މަހުގެ 28 ވަނަ ދުވަހު ކުޅުނު އެ މެޗަށް ފަހު ރާމޯސް މިހާރު ވެސް އަންނަނީ އަނިޔާ އަށް ފަރުވާކުރަމުންނެވެ.
ރާމޯސް ބުނީ އަނިޔާގެ ސަބަބުން މެޗުތައް ނުކުޅެވި ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅު އެކަނިވެރިކަން އިހުސާސް ކުރެވުނު ކަމަށެވެ. އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެ ރެއާލްއާ ދެކޮޅަށް ކުޅޭ ދެ ލެގަށް ފިޓްވާނެކަމަށް އުއްމީދުކުރާކަމަށް ރާމޯސް ބުންޏެވެ.
ރެއާލް އާއި ޕީއެސްޖީ ކުޅޭ މެޗުގެ ފުރަތަމަ ލެގް ޕެރިހުގައި އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗު މެޑްރިޑްގައި އޮންނާނީ މާޗް މަހުގެ ނުވަ ވަނަ ދުވަހު އެވެ.
Advertisement


Leave a Reply