ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމުން ގަދަ 16 ގެ ޝައުގުވެރިކަން އިތުރުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ އެވެ. މި މެޗު ވެގެންދާނީ ވާދަވެރި ދެކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކުރިމަތިލުމަކަށެވެ.
ޕީއެސްޖީ އާއި ޔުނައިޓެޑް ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގައި ވާދަކޮށްފަ އެވެ. މިދިޔަ ސީޒަނުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ޕީއެސްޖީ އެއް ވަނަ ނެގިއިރު ތިން ވަނަ ލިބުމުން ޔުނައިޓެޑް ޖެހުނީ ޔޫރޮޕާ ލީގު ކުޅޭށެވެ. އޭގެ ކުރީ ސީޒަނުގެ ގަދަ 16 ގައި މި ދެޓީމުގެ ކުރިމަތިލުން އާދަޔާހިލާފު ގޮތަކަށް ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ.
އަނެއްކާ ވެސް މި ދެޓީމު ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު މިފަހަރުގެ މެޗު ހާއްސަވަނީ ޕީއެސްޖީގައި މެސީ ހުރެފައި ޔުނައިޓެޑްގައި ރޮނާލްޑޯ ހުރުމުންނެވެ. އުމުރު ދުވަހުގެ ވާދަވެރިކަމެއްގައި ފުޓްބޯޅަ ކެރިއަރު ހޭދަކުރާ މި ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު މިފަހަރުގެ ގަދަ 16 އިން ކަޓާނެ އެވެ.
އެހެން މެޗުތަކަށް ބަލާއިރު، ބެންފީކާ ނުކުންނާނީ 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. 09/2008 ސީޒަނުގެ ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާ ވިޔަރެއާލް ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. ސިޓީ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެތުލެޓިކޯ މެޑްރިޑާ ބަޔާން މިއުނިކް ބައްދަލުކުރާއިރު ދެ ވަނަ ބުރަށް އަލަށް ކޮލިފައިވި ސާލްސްބާގް ނުކުންނާނީ ހަ ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލާ ދެކޮޅަށެވެ. އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނުން ނެދަލެންޑްސްގެ އަޔަކްސްއާ ވާދަކުރާއިރު ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. ފްރާންސްގެ ޗެމްޕިއަން އަދި މި ސީޒަނުގެ ފްރެންޗް ލީގުގެ ދަށް ފޯމެއްގައި އޮތް ލިލް ވާދަކުރަންޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ޗެލްސީއާ އެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 15، 16 އާއި ފެބްރުއަރީ 22، 23 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް 8،9 އާއި މާޗް 15، 16 ގަ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހު ރަޝިއާގަ އެވެ.
Advertisement


Leave a Reply