އެފްއެސްއެމް އިން ބޮޑު ހައިރާންކަމެއް އުފައްދައި ކްލަބް މޯލްޑިވްސްގެ ސެމީ އަށް

Advertisement

އެފްއެސްއެމް އިން ބޮޑު ހައިރާންކަމެއް އުފައްދައި ކްލަބް މޯލްޑިވްސްގެ ސެމީ އަށް

ޢަލީ ޝަހީމް
މެޗަށް ފަހު އެފްއެސްއެމްގެ ޓީމުގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން. އެޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. - ފޮޓޯ: އެފްއެސްއެމް

މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ ކްލަބް އެޗްޑީސީ ޕެނަލްޓީ ޖަހައިގެން ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް އެންމެން ހީނުކޮށް ތިއްބާ ފިއުލް ސަޕްލައި މޯލްޑިވްސް (ޓީމު އެފްއެސްއެމް) އިން ހޯދައިފި އެވެ.

މުބާރާތަށް ނުކުތްއިރު އެފްއެސްއެމް ހިމެނުނީ ތައްޓާ ހަމައަށް ދެވޭނެ ފޭވަރިޓުންގެ ލިސްޓުގައެއް ނޫނެވެ. އެކަމަކު މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެޓީމުން ޖާގަ ހޯދީ ރޭ އެޗްޑީސީއާ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމު އެއްވަރުވުން ޖެހި ޕެނަލްޓީގައި 5-4 އިން މޮޅުވެގެންނެވެ.

Advertisement

އެޗްޑީސީ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ދެ ވަނަ ބުރުގެ މެޗުން ފަސޭހައިން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކައި އެޗްޑީސީން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް އާއި ފުޓްސަލް ތަރިން ހިމެނޭ އާރްއާރްސީ ވެސް ބަލިކޮށްފަ އެވެ. ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި އެޗްޑީސީގެ މައްޗައް ކުރި ހޯދި ހިސާބުން އެފްއެސްއެމްގެ ވާހަކައެއް ނުނިމެ އެވެ. އެފްއެސްއެމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ އެންމެ ފަހުގެ ފުޓްސަލް ކިންގް، އަލީ ހާފިޒް (ހާއްޕެ) އާއި މަޝްހޫރު ފުޓްސަލް ތަރި އަބްދުﷲ ޝައްފާން (ޝާކާ) ހިމެނޭ ކްލަބް ވެމްކޯ ކަޓުވާލުމަށް ފަހު އެވެ. ދެ ވަނަ ބުރުގައި ދެއްކި ގަދަ ހިތްވަރާ އެކު ވެމްކޯގެ މައްޗަށް އެފްއެސްއެމް ކުރި ހޯދީ 3-1 އިންނެވެ. ވެމްކޯ ކަޓުވާލެވުމަކީ އެޗްޑީސީއާ ދެކޮޅަށް ނުކުތްއިރު އެފްއެސްއެމް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

May be an image of 2 people, people playing sports, people standing and outdoors

އެފްއެސްއެމް އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިމޭޖަސް.އެމްވީ

ސަޕޯޓަރުންނާ އެކު ފުރިފައި އޮތް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އަށް ވަނަ މިނެޓުގައި ޖެހީ އެފްއެސްއެމްގެ މުހައްމަދު ނާފިއު އަހުމަދު އެވެ. އޭނާ އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ އެޗްޑީސީގެ ކުޅުންތެރިއާ އާއި ގޯލްކީޕަރު ވެސް ކަޓުވާލުމަށް ފަހު އެވެ. އެ ގޯލަށް ފަހު އެޗްޑީސީން ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކުރި އެވެ. އެފްއެސްއެމް އިން ފުރަތަމަ ހާފުގައި ހަ ފައުލް ހަމަކުރުމުން ލިބު ދުރު ޕެނަލްޓީ އެޗްޑީސީ އަށް ކާމިޔާބު ކުރެވޭގޮތެއްނުވި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ލިބުނު ދުރު ޕެނަލްޓީ އެޗްޑީސީގެ އަހުމަދު ސިޒާން ވަނީ ވައްދާލައިފަ އެވެ. ސިޒާންގެ ގޯލަށް މިނެޓެއް ނުވަނީސް އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ގޯލުން އެޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ އެފްއެސްއެމް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

May be an image of 2 people, people playing sports and grass

އެފްއެސްއެމް އާއި އެޗްޑީސީ ވާދަކުރި މެޗުގެ ތެރެއިން. މެޗުގެ ދެ ވަނަ ހާފުގައި ވިއްސާރައިގެ ސަބަބުން ދެޓީމަށް ވެސް ކުޅެން އުނދަގޫވި. – ފޮޓޯ: އިމޭޖަސް.އެމްވީ

މެޗުގެ ދެ ވަނަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނުއިރި ވިއްސާރައިގެ ސަބަބުން ދެޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ. އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އެފްއެސްއެމް އިން ފަސް ޕެނަލްޓީ ވެސް ވައްދާލި އެވެ. އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު ތޯހިރު، ވިޖުދާން، މުހައްމަދު ޝިމްހާން، މުހައްމަދު އަމްޖަދު އަދި ނާއިފް ޝަފީގް އެވެ. އެޗްޑީސީ އިން ޕެނަލްޓީ ވައްދާލީ އިބްރާގީމް ރިމާހް، ޔާމީން މުހައްމަދު، އަލީ ޝައިހާން އަދި މުހައްމަދު ސުޖާން އަހުމަދު އެވެ. އެޓީމު ބަލިވީ އަހުމަދު ސިޒާން ޖެހި ޕެނަލްޓީ އެފްއެސްއެމްގެ ގޯލްކީޕަރު އަބްދުﷲ ފަޔާޒް މަތަކޮށް ނާއިފްގެ ޕެނަލްޓީ ވައްދާލުމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެޗްޑީސީގެ ގިނަ ހަމަލާތަކެއް ހުއްޓުވި ކީޕަރު ފަޔާޒް އެވެ.

May be an image of 8 people, people playing sports and outdoors

ޕެނަލްޓީގައި އެމްއޭސީއެލް ބަލިކުރުމަށް ފަހު ޕްރިޒަން ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއެސްއެމް ސެމީގައި ނުކުންނާނީ ކުއާޓާގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އެމްއޭސީއެލް ބަލިކުރި ޕްރިޒަން ކްލަބާ ދެކޮޅަށެވެ. ޕްރިޒަން ކްލަބް މެޗު ކާމިޔާބުކުރީ މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ އެމްއޭސީއެލް އިންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި އަހުމަދު ހަމީދު ޖެހިއިރު ދެ ވަނަ ލަނޑު 20 ވަނަ މިނެޓުގައި ޖެހީ ސައްޔާހް އައްބާސް އެވެ. ހިތްވަރާ އެކު ކުޅެ ޕްރިޒަން ކްލަބުން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި އާދަމް މަންސޫރު ޖެހިއިރު އެއްވަރުކުރި ލަނޑު އޭގެ މިނެޓެއް ފަހުން ޖެހީ ސަނީމް ޝަމާއިލް އެވެ. ޕެނަލްޓީގައި ޕްރިޒަން ކްލަބުން ވަނީ ޝަމާއިލް އާއި މުރުތަޖާ މުހައްމަދުގެ އިތުރުން ސާޖިދު ރަޝީދު، އަހުމަދު ޝަމާލް އަދި ހުސައިން ނަބީހް ޖެހި ޕެނަލްޓީ ވައްދާލައިފަ އެވެ. އެޓީމަށް ކާމިޔާބު ނުކުރެވުނީ މަންސޫރު ޖެހި ޕެނަލްޓީ އެވެ. އެމްއޭސީއެލްގެ ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އަލީ ޝާފިއު އާއި އަބްދުﷲ ސުޒެއިރު ޖެހި ޕެނަލްޓީ އެވެ. އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ހަސަން ސަމްހާން، އަޒްޔަން އިބްރާހީމް، މުހައްމަދު މުސްތަފާ އަދި ސައްޔާހް އައްބާސް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕްރިޒަން ކްލަބުގެ މަންސޫރެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކުޅޭނީ މިރެ އެވެ. މިރޭ 8:15 ގައި ކުޅޭ މެޗުގައި އެމްޕީއެލް އާއި އާރްއާރްސީ ވާދަކުރާއިރު 10:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ އެސްޓީއޯ އާއި ޓީމު ފެނަކަ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ވާދަކުރާނީ މިރޭ ކުޅޭ މެޗުތަކުން މޮޅުވާ ދެ ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *