އެމްބާޕޭގެ ދެ ގޯލާ އެކު ޕީއެސްޖީ އަތްނުފޯރާ ހިސާބަށް
ފްރެންޗް ލީގުގައި ރޭ ކިލިއަން އެމްބާޕޭގެ ދެ ގޯލާ އެކު 0-2 އިން މޮނާކޯ ބަލިކޮށް ޕީއެސްޖީން އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއް ވަނައިގައި އެޓީމު މިހާރު އޮތީ 18 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. 13 ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް މާސޭ އަށް 17 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ރެންސް އަށް 31 ޕޮއިންޓާ އެކު ތިން ވަނަ ލިބޭއިރު ހަތަރު ވަނައިގައި އޮތް ނީސް އަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން 12 ވަނަ މިނެޓުގައި ޖެހީ އުމުރުން 22 އަހަރުގެ ކިލިއަން އެމްބާޕޭ އެވެ. މިއީ ޕީއެސްޖީގެ ޑި މާރިއާ އަށް މޮނާކޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެމްބާޕޭ ޖެހީ ލިއޮނަލް މެސީގެ އެހީތެރިކަމާ އެކު އެވެ. މި ލަނޑަކީ ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު އެމްބާޕޭ ލީގުގައި އެ ޓީމަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.
މެޗުގައި މޮނާކޯ އަށް ލަނޑެއް ނުޖެހުނު ނަމަވެސް ޕީއެސްޖީގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ. މެޗުގެ ކުރީކޮޅު އެޓީމުގެ ސޮފިއާން ޑިއޯޕް ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. މުޅި މެޗަށް ބަލާއިރު ގޯލާ އަމާޒުކޮށް ޕީއެސްޖީ އަށް ވުރެ ގިނައިން މޮނާކޯ އިން ވަނީ ހަމަލާ ފޮނުވާލައިފަ އެވެ.
މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ ފަހަތަށް ޖައްސާލުމަށް ފަހު ހޯދީ ލިލް އެވެ. އެކަމަކު މި ސީޒަނުގައި ފޯމު ދަށްވެ ޗެމްޕިއަން ލިލް މިވަގުތު އޮތީ ލީގުގެ 11 ވަނައިގައި އެވެ. އެޓީމަށް 18 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. 13 ޕޮއިންޓުގެ ތަފާތު ބޮޑު ލީޑަކާ އެކު މި ސީޒަނުގެ ފްރެންޗް ލީގު ޕީއެސްޖީން ކާމިޔާބު ކުރާނެކަމަށް މިހާރު ވެސް ވަނީ ބެލެވެން ފަށައިފަ އެވެ.
Advertisement
Leave a Reply