ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އުދުހެނީ

Advertisement

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އުދުހެނީ

ޢަލީ ޝަހީމް

ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި 0-2 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މޮޅަކީ ރަނގަޅު ފޯމެއްގައި އޮތް ރެއާލުން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. ލީގުގެ އެއް ވަނައިގައި އެޓީމު އޮތީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ރެއާލް އަތުން ބަލިވި އެތުލެޓިކޯ އޮތީ 16 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.

Advertisement

ރޭގެ މެޗުގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޒުވާން ތަރި ވިނީޝިއަސް ޖޫނިއާގެ އެހީތެރިކަމާ އެކު ޖެހީ ކަރީމް ބެންޒެމާ އެވެ. މިއީ މި ސީޒަނުގައި ބެންޒެމާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި މި އަހަރު ހުރިހާ މުބާރާތެއްގައި ރެއާލަށް ބެންޒެމާ ކާމިޔާބުކުރި 36 ވަނަ ލަނޑެވެ. ދެ ވަނަ ހާފުގައި ވިނީޝިއަސްގެ އެސިސްޓަކުން ދެ ވަނަ ލަނޑު ޖެހީ މާކޯ އަސެންސިއޯ އެވެ. މެޗުގައި އެތުލެޓިކޯ އަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނުއިރު އެޓީމުން ރެއާލްގެ ގޯލާ އަމާޒުކުރި ހަ ހަމަލާއެއް ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މިދިޔަ ސީޒަނަށް ފަހު ޒިނެދިން ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލުމުން ބަދަލުގައި އެޓީމާ ހަވާލުވި ކާލޯ އަންޗެލޮޓީ އަންނަނީ ރެއާލްގެ ނަތީޖާތައް ރަނގަޅުކުރަމުންނެވެ. މިދިޔަ 23 މެޗުގެ ތެރެއިން ރެއާލް ބަލިވީ އެންމެ ދެ މެޗުންނެވެ. އަދި އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ފަހުން އެޓީމު މެޗަކުން ބަލިވެފައެއްނުވެ އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ރަށުން ބޭރުގައި އޮސަސޫނާއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބާސެލޯނާ އަށް ލަނޑުތައް ޖަހައިދިނީ އުމުރުން 19 އަހަރުގެ ދެކުޅުންތެރިން ކަމަށްވާ ނިކޮލަސް ގޮންޒާލޭޒް އާއި އަންޑެސަމަދް އެޒަލްޒޫލީ އެވެ. މެޗުން އެއްވަރުވުމާ އެކު ރެއާލަށް ވުރެ 18 ޕޮއިންޓް ފަހަތުން ބާސެލޯނާ އޮތީ ލީގުގެ އަށް ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *