ކުރީގައި އޮތް ތިން ޓީމު ވެސް މިރޭ މޮޅުވީ ޕެނަލްޓީގެ އެހީގައި
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްގެ އިތުރުން ޗެލްސީން މިރޭ އުނދަގޫ މޮޅުތަކެއް ހޯދައިފި އެވެ. މި ތިން ޓީމުން ވެސް މޮޅު ކަށަވަރުކުރީ ޕެނަލްޓީގެ އެހީގައި ޖެހި ގޯލުތަކުންނެވެ.
ސިޓީން މިއަދު ހަވީރު ވުލްވްސްގެ މައްޗަށް ކުރި ހޯދީ ރަހީމް ސްޓާލިން ވައްދާލި ޕެނަލްޓީން 1-0 އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްގެ ރައުލް ހިމެނޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން ވުލްވްސް އިން މެޗުގެ ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. ސިޓީ އަށް ޕެނަލްޓީ ލިބުނީ ބެނާޑޯ ސިލްވާ ނަގައިދިން ހުރަހެއް ވުލްވްސް ކުޅުންތެރިއެއްގެ އަތުގައި ޖެހުމުންނެވެ.
ޕެނަލްޓީން ޖެހި ގޯލާ އެކު ސްޓާލިން މިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކޮށްފަ އެވެ. ސްޓާލިން އަކީ ޕްރިމިއާ ލީގުގެ 100 ވަނަ ލަނޑު މި އަހަރު ޖެހި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހް އާއި ސަޑިއޯ މާނޭ 100 ވަނަ ލަނޑު މިއަހަރު ހަމަކޮށްފަ އެވެ.
ޗެލްސީން މިރޭ އަމިއްލަ ދަނޑުގައި ލީޑްސް އަތުން މޮޅުވީ 2-3 އިންނެވެ. މި މެޗުގައި ފެނުނު ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ފެނުނީ ޕެނަލްޓީންނެވެ. މެޗުގެ ކުރީކޮޅު ލީޑްސް އަށް ލީޑު ނަގައިދިން ލަނޑު ޕެނަލްޓީއަކުން ޖެހީ ބްރެޒިލްގެ ތަރި ރަފީނިއާ އެވެ. ޗެލްސީން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގައި މޭސަން މައުންޓް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ޗެލްސީ އަށް ލީޑު ނަގައިދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ޖޯޖީނިއޯ އެވެ. ޗެލްސީ މޮޅުވާން ދަނިކޮށް ލީޑްސް ޔުނައިޓެޑްގެ ޒުވާން ތަރި ޖޯ ގެލްހާޓް ވަނީ އެޓީމަށް ލަނޑު ޖަހައިދީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެއްވަރުވާނެ ކަމަށް ބެލެވުނު މެޗުން ޗެލްސީ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައިގެންނެވެ. މި ޕެނަލްޓީ ވެސް ވައްދާލީ ޖޯޖީނިއޯ އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލުން މިރޭ އެސްޓަން ވިލާ ބަލިކުރީ 0-1 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީން ޖެހީ މުހައްމަދު ސަލާހް އެވެ. މިއީ ސަލާހް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ވައްދާލި 15 ވަނަ ޕެނަލްޓީ އެވެ. މެޗުގައި އެސްޓަން ވިލާ އިން ވަނީ ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ.
ލީގުގައި މިރޭ އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި 0-3 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހައިދިނީ އަލެކްސަންޑަ ލަކަޒެޓް އާއި މާޓިން އޮޑިގާޑްގެ އިތުރުން ގެބްރިއަލް މަގަޅޭސް އެވެ.
ލީގުގެ އެއް ވަނައިގައި މިހާރު އޮތީ 16 މެޗުން 38 ޕޮއިންޓް ހޯދާފައިވާ ސިޓީ އެވެ. 37 ޕޮއިންޓާ އެކު ލިވަޕޫލް ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ 36 ޕޮއިންޓް ލިބިފައިވާ ޗެލްސީ އެވެ. މިރޭ ހޯދި މުހިއްމު މޮޅާ އެކު 26 ޕޮއިންޓް ހަމަކޮށް އާސެނަލް ވަނީ ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެކަމަކު ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑުން ރަށުން ބޭރުގައި ނޯވިޗް ސިޓީ ބަލިކޮށްފި ނަމަ ފަސް ވަނަ ލިބޭނީ ޔުނައިޓެޑަށެވެ. ނޯވިޗާއި ޔުނައިޓެޑްގެ މެޗު ފަށާނީ މިރޭ 10:30 ގަ އެވެ.
Advertisement
Leave a Reply