ހަމަ ތެދެއް މިބުނީ، ކޮންފަރެންސް ލީގު ނުވެސް ދަންނަން: ރޮޖާސް
ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ، ޔޫރޮޕާ ކޮންފަރެންސް ލީގު ނުވެސް ދަންނަ ކަމަށް ރޭ ނަޕޯލީ އަތުން ބަލިވެ ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫރޮޕާ ލީގުގެ ގްރޫޕްތަކުން ތިން ވަނަ ލިބޭ ޓީމުތައް މި ސީޒަނުގައި ދެން ވާދަކުރަން ޖެހޭނީ ކޮންފަރެންސް ލީގުގަ އެވެ. ރޭ ނަޕޯލީ އަތުން ބަލިވެ ގްރޫޕް ސީގެ ތިން ވަނަ ލިބުމުން ލެސްޓާ އަށް މިހާރު ވަނީ ކޮންފަރެންސް ލީގުގައި ވާދަކުރަންޖެހިފަ އެވެ.
“ތެދަށް ބުންނަންޏާ އަހަރެން ޔޫރޮޕާ ކޮންފަރެންސް ލީގު ނުވެސް ދަންނަން. އަހަރެން ސަމާލުކަން ދިނީ ޔޫރޮޕާ ލީގުގެ ގްރޫޕުގެ އެއް ވަނަ ނޫނީ ދެ ވަނަ ހޯދަން” ފަހު ވަގުތު ޔޫރޮޕާ ލީގުން ކެޓި ލެސްޓާ ސިޓީގެ ކޯޗު މެޗަށް ފަހު ބުންޏެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ ރޭ ބަލިވީ 2-3 އިންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ލެގިއާ ވާސޯ އަތުން 1-0 އިން ސްޕާޓަކް މޮސްކޯ ވަނީ މޮޅުވެފަ އެވެ. މި ގްރޫޕުގެ އެއް ވަނަ ލިބުނު ސްޕާޓަކް މޮސްކޯ އާއި ނަޕޯލީ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ހެޑް ޓު ހެޑް އުސޫލަށް ބަލައިގެން ސްޕާޓަކް މޮސްކޯ އަށް ގްރޫޕުގެ އެއް ވަނަ ލިބުނުއިރު އަށް ޕޮއިންޓާ އެކު ލެސްޓާ ސިޓީ އަށް ލިބުނީ ތިން ވަނަ އެވެ. ފުލަށްދިޔަ ލެގިއާ ވާސޯ އަށް ލިބުނީ ހަ ޕޮއިންޓެވެ.
އިޓަލީ އަށް ލެސްޓާ ދިޔައީ ކޮވިޑްގެ ސަބަބުން އެޓީމުގެ ބައެއް ކުޅުންތެރިން ނުލަ އެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން ނަޕޯލީގެ މުހިއްމު ކުޅުންތެރިންތަކަކަށް މެޗުގައި ނުކުޅެވުނެވެ. ރޮޖާސް ބުނީ ލެސްޓާގެ ކުޅުންތެރިން މަސައްކަތްކުރިކަމަށާއި، އެޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލެސްޓާގެ ޓީމުން ގިނަ ފުރުސަތުތަކެއް މި ސީޒަނުގައި ލިބޭނެކަމަށެވެ.
ނަޕޯލީ މެޗުން ބަލިވެގެން ވެސް ލެސްޓާ އަށް އަނެއް ބުރަށް ދެވެން އޮތެވެ. އެއީ ސްޕާޓަކް މޮސްކޯ އިން ކުޅުނު މެޗު އެއްވަރުވެ ނުވަތަ އެޓީމު ބަލިވެއްޖެ ހާލަތެއްގަ އެވެ. ލެސްޓާ ކެޓީ ސްޕާޓަކް މޮސްކޯއާ ދެކޮޅަށް ކުޅުނު ލެގިއާ އަށް މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ވައްދާނުލެވި އެ މެޗު އެއްވަރު ނުވުމުންނެވެ. ލެގިއާގެ ކުޅުންތެރިޔާ މެޗުގެ ފަހު ވަގުތު ފޮނުވާލި ޕެނަލްޓީ ސްޕާޓަކް މޮސްކޯގެ ގޯލްކީޕަރު އަލެކްސަންޑަ ސެލިކޯވް ވަނީ މަތަކޮށްފަ އެވެ. އެ ޕެނަލްޓީ ވައްދާލިނަމަ ސްޕާޓަކް މޮސްކޯ އަށް ވުރެ ގިނަ ޕޮއިންޓް ލިބޭނީ ލެސްޓާ އަށެވެ.
ޔޫރޮޕާ ލީގުގެ ގްރޫޕްތަކުން ތިން ވަނަ ލިބިގެން ކޮންފަރެންސް ލީގަށް ދިޔައީ ލެސްޓާގެ އިތުރުން، ސްޕާޓާ ޕްރާގް އާއި ޕީއެސްވީ، ފެނަބާޗޭ، މާސޭ، އެފްސީ މިޑްޔަލެންޑް، ސެލްޓިކް އަދި ރެޕިޑް ވިއޭނާ އެވެ. ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ކޮންފަރެންސް ލީގުގެ ގުރު ނެގުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.
Advertisement
Leave a Reply