ލަންކާއާ އެކު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ
ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމުން ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ރޭ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މި މެޗުތަކަކީ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުޅޭ މެޗުތަކެކެވެ. ގައުމީ ޓީމުން އެންމެފަހުން ވާދަކުރީ ބައިނަލްއަގްވާމީ މުބާރާތަކީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އެވެ. އޭގެފަހުން ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު ދުވަހު ވޮލީ ޓީމުގެ މެޗުތައް އޮތީ މަޑުޖެހިފަ އެވެ.

ގައުމީ ޓީމުގެ ޖާޒީއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަންނަވަނީ. – ފޮޓޯ: ރައީސް އޮފީސް
މެޗުގެ ތިން ސެޓު ލަންކާ އިން ގެންދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ. މެޗަށް ރާއްޖޭން ވަރުގަދަ ޓީމެއް ނެރުނުއިރު ލަންކާ ޓީމުގައި ގިނައިން ހިމެނެނީ ޒުވާން ކުޅުންތެރިންނެވެ.
ރާއްޖޭން ވަނީ 2019 ވަނަ އަހަރު ވެސް ލަންކާއާ ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ. ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ ވަނަ މެޗުގެ މިރޭ އޮންނައިރު ފަހު މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރެ އެވެ.

ލަންކާ އާއި ރާއްޖެ ބައްދަލުކުރި ވޮލީ މެޗުގެ ތެރެއިން. – ފޮޓޯ: ރައީސް އޮފީސް
ގައުމީ ވޮލީ ޓީމު ވާދަކުރާ ސެންޓްރަލް ޒޯން މުބާރާތް އޮންނާނީ މިމަހުގެ 22 އިން 29 އަށް ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ކުޑަކާއްޓޭގެ ކުރިން ވޮލީ ޓީމުގެ ކެޕްޓަން ކުރީ އަލީ ހުޒާމް (ހުޒަންޓެ) އެވެ. ހުޒަންޓެ ވަނީ 2019 ވަނަ އަހަރު ގައުމީ ޓީމުން ވާދަކުރި ސައުތު އޭޝިއަން ގޭމްސްގައި ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

މެޗަށް ނުކުތް ރާއްޖޭގެ ގައުމީ ވޮލީ ޓީމު. – ފޮޓޯ: ރައީސް އޮފީސް
ގައުމީ ޓީމުގެ ކޯޗަކަށް މީގެ މަހެއްހާ ދުވަސްކުރިން ވަނީ ކުރީގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފަ އެވެ. ކާއްޓޭ ވަނީ މީގެ ކުރިން 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ކުރީކޮޅަ ހަމައަށް ގައުމީ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ. ގައުމީ ޓީމުން މިހާރު މަސައްކަތްކުރަމުން އަންނަނީ ރާއްޖޭން ބޭރުގެ ކޯޗެއް ގެނައުމަށެވެ. ކާއްޓޭއާ އެކު އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސީ ހުސައިން ޝަރީފް އެވެ. މެނޭޖަރަކަށް ޖުނައިދު އަބްދުﷲ ހަމަޖެއްސިއިރު އެސިސްޓެންޓް މެނޭޖަރަކީ އިސްމާއީލް ސަމާހު އެވެ.





Leave a Reply