ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާގެ ޕެއާ ފުރަތަމަ މެޗުން މޮޅުވެއްޖެ

Advertisement

ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާގެ ޕެއާ ފުރަތަމަ މެޗުން މޮޅުވެއްޖެ

ޢަލީ ޝަހީމް

ޕޯޗުގަލްގައި މިހާރު ކުރިއަށްދާ ޖޫނިއާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ވިދުންގަދަ ތަރި ފާތިމަތު ދީމާ އަލީ ހިމެނޭ ޕެއާ ކުޅުނު މިކްސް ޑަބަލްސްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްގައި މިކްސް ޑަބަލްސް އާއި ޑަބަލްސްގެ އިތުރުން ސިންގަލްސް ބައިގައި ދީމާ ވާދަކުރާނެ އެވެ. މުބާރާތުގެ ފުރަތަމަ މޮޅު ދީމާ މިއަދު ހޯދީ މިކްސް ޑަބަލްސްގަ އެވެ. މިކްސް ޑަބަލްސްގައި ދީމާއާ އެކު ހިމެނެނީ ޗެކްރި ޕަބްލިކްގެ މާޓިން ސިޕް އެވެ. ޑަބަލްސްގައި ދީމާގެ ޕާޓްނަރަކީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އެވެ.

މިއަދު ކުޅުނު މެޗުގައި ދީމާގެ ޕެއާ މޮޅުވީ އޮސްޓްރޭލިއާގެ ނިއީ ޝިލޮން އާއި ސިހޯއިއޯސް ކޮންސްޓަންޓީނާގެ ޕެއާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 4-11 އަދި ދެ ވަނަ ސެޓު 7-11 އިން ގެންދިޔައީ ދީމާގެ ޕެއާ އެވެ. އެކަމަކު ތިން ވަނަ ސެޓު އޮސްޓްރޭލިއާގެ ޕެއާ ވަނީ 11-09 އިން ގެންގޮސްފަ އެވެ. ދީމާގެ ޕެއާ މެޗުން މޮޅުވީ ހަތަރު ވަނަ ސެޓު 07-11 އިން ކާމިޔާބުކޮށްގެންނެވެ.

މިކްސް ޑަބަލްސްގައި ދީމާގެ ޕެއާ މިރޭ ވާދަކުރާނީ ރޫމޭނިއާގެ ޗިރިޓާ ލުލިއަން އާއި ރޯސޫ ބިއާންކާގެ ޕެއާއާ އެވެ. ގަދަ 16 ގެ މި މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ. ޑަބަލްސްގައި ދީމާ މިއަދު ކުޅެން އޮތް މެޗު މިހާރު ވަނީ ކެންސަލްވެފަ އެވެ. މެޗު ނުކުޅެވުނީ ޕީސީއާރުގެ މައްސަލައެއް ދިމާވެގެން ނައިޖީރިއާގެ ކުޅުންތެރިޔާއަށް ދަތުރު ނުކުރެވުމުންނެވެ.

ދިމާ އަށް ޔޫތު ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނީ 15 އަހަރުން ދަށުގެ ސިންގަލްސް ކެޓެގަރީގެ އެންމެ މޮޅު 24 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުންނެވެ. ހަގު އުމުރުގައި ދީމާއަކީ ރާއްޖެ އަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދެމުން އަންނަ އެތުލީޓެވެ. ދީމާ 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ރާއްޖެ އަށް ގެނެސްދީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *