ހަނދާނުން ނުފިލާނެ 10 ރަތްކާޑު

ހަނދާނުން ނުފިލާނެ 10 ރަތްކާޑު

އައްބާސް
ވޯލްޑް ކަޕް ފައިނަލުގައި ޒިދާން. މެޗުގައި ޒިދާނަށް ދެއްކި ރަތްކާޑަކީ ހަނދާނުން ނުފިލާނެ ރަތްކާޑެއް

މިދިޔަ މަހު ސްރީ ލަންކާގައި ކުޅެވުނު މަހިންދަ ރާޖަޕަކްސަ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތް ނިމިގެން މިދިޔައި ރާއްޖެއަށް ހިތިހަނދާންތަކެއް ކުރަން ޖައްސާފައެވެ. ތަށްޓަށް އުއްމީދުކޮށްގެން ނިކުތް ޓީމު މުބާރާތުން ފޭލިވެގެން ދިޔައީ އެއްވެސް މެޗަކުން މޮޅުނުވެ ގުރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ. އަދި މިކަމަށްވުރެވެސް ބޮޑަށް ލަދުގަންނަންޖެހުނު ސަބަބަކަށްވީ ސީޝެލްސްއާއި ދެކޮޅަށް އެންމެ ފަހުމެޗުގައި ނުކުމެ މެޗުގެ އެންމެ ފަހުވަގުތުގައި ދިވެހި ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ގެ ފަރާތުން ފެނުނު އަނިޔާވެރި އަމަލާއި އެކަމާ ގުޅިގެން ދެއްކި ރަތްކާޑެވެ. ބޯޅަވެސް ނެތީސް ސީޝެލްސް ގެ ކެޕްޓަނަށް އަތުގެ އުޅަބޮށިން ހަމަލާދިންތައް ބަލަން ގިނަ ދިވެހި ސަޕޯޓަރުން ތިބީ ބަސްހުއްޓިފަ އެވެ. ކޮންމެއަކަސް އަސްހަދަށް މިދެއްކި ރަތްކާޑަކީ ދިވެހި ގައުމީ ފުޓްބޯޅައިގައި އެކާޑެއްގެ ވާހަކަ އެންމެ ބޮޑަށް ދެކެވުނު އަދި ކުރިއަށް ތަނުގައިވެސް ދެކެވޭނެ ރަތްކާޑަށް ވެދާނެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެކާޑެއްގެ ވާހަކަ ގިނަގިނައިން އަދި ދިގުމުއްދަތަކަށް ދެކެވޭ ރަތްކާޑުތައް ހަމަ ބައިވަރެވެ. އެގޮތަށް އެވާހަކަ ދެކެވެނީ އެކާޑު ދައްކަން ޖެހުނު އަމަލުގެ ސަބަބުންނެވެ. ނުވަތަ ކާޑު ދެއްކުނު ކުޅުންތެރިޔާގެ ސަބަބުންނެވެ. ނުވަތަ އެ މެޗެއްގެ މުހިއްމުކަމުގެ ސަބަބުންނާއި އެ ކާޑުގެ ސަބަބުން ދެން ދިމާވާ ހާލަތުގެ ސަބަބުންނެވެ. މިހާހިސާބުން ދުނިޔޭގެ ފުޓްބޯޅައިގައި އެގޮތަށް މަޝްހޫރުވެގެންދިޔަ ބައެއް ރަތް ކާޑުތަކަށް ބަލާލަމާ ހިނގާށެވެ.

ޑޭވިޑް ބެކަމް (1998ގެ ވޯލްޑް ކަޕް)

އިނގިރޭސި ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ތަރި އޭރު ދިޔައީ އަރަމުންނެވެ. އޭރު އޭނާއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ފޭނުން ގިނަ އެއް ކުޅުންތެރިޔާ އެވެ. 1998ގެ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގައި ކޮލަމްބިއާ ކޮޅަށް ހިލޭ ޖެހުމަކުން ވައްދާލި މޮޅު ގޯލާއެކު ދެ ވަނަ ބުރުގައި އާޖެންޓީނާއާއި ދެކޮޅަށް ނިކުތްއިރު ބެކަމް ހުރީ ފުރަތަމަ އެގާރައިގަ އެވެ. މެޗު ފެށިގެން ދިޔައީވެސް އިނގިރޭސިން އެދޭ ގޮތަށެވެ. އެހެންނަމަވެސް މައިކަލް އޮވެންގެ މޮޅު ގޯލާއެކު ފެށުނު މެޗު އާޖެންޓީނާއިން އެއްވަރު ކުރުމާއެކު ދެން ފެނިގެން ދިޔައީ ވެއްޓިފައި އޮވެގެން ބެކަމް އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ އަށް ފައިން ހަމަލާދިންތަނެވެ. ވަރަށް އާދައިގެ ހަރަކާތެކެވެ. އެކަމަކު ސިމިއޯނީ އެ ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފި އެވެ. ނަތީޖާއަކަށްވީ ބެކަމް އަށް ރަތްކާޑަކާއި އެކު ދަނޑުން ފައިބަން ޖެހުމެވެ. މި މެޗުން ޕެނަލްޓީ ޖަހައިގެން އިނގިރޭސިން ބަލިވުމުން އިނގިރޭސި މީޑިއާ އާއި ސަޕޯޓަރުން އެބަލީގެ ޒިންމާ ބެކަމްގެ ބޮލުގައި އަޅުވާ ބެކަމްއަށް ނުގޮވާކަށް އެއްޗެއްނެތެވެ. ބެކަމް ވެގެންދިޔައީ އިނގިރޭސިން އެންމެ ރުޅިއަރާ އެއް ކުޅުންތެރިޔާއަށެވެ. މިހުރިހާ ކަމެއް އަނެއްކާވެސް އެކޮޅުކޮޅުން ޖެހުނީ 2010ގެ ވޯލްޑް ކަޕަށް ކޮލިފައިވާން ބަލިނުވެ ނިންމާލަންޖެހުނު މެޗުގައި ގްރީކުންނާއި ދެކޮޅަށް ނިކުމެ ބަލިވާންދަނިކޮށް އެންމެ ފަހުސިކުންތުކޮޅުގައި ހިލޭޖެހުމަކުން ބެކަމް ގޯލްޖަހާ ގްރީސްއާ އެއްވަރުކޮށް އިނގިރޭސިން ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުންނެވެ.

ޒިނެދިން ޒިދާން (2006ގެ ވޯލްޑް ކަޕް)

Zinedine Zidane Red Card in World Cup Final 2006 POSTER Prints/ Pictures  Sports Memorabilia Collectables & Art

ގިނަބަޔަކު ގަބޫލުކުރާގޮތުގައި މިއީ ރަތް ކާޑުތަކުގެ ރަތްކާޑެވެ. 2006 ގެ ވޯލްޑް ކަޕް ފައިނަލް މެޗަށް އިޓަލީއާއި ދެކޮޅަށް ޒެނަޑިން ޒިދާން ފްރާންސް ޓީމާ އެކު ނިކުތީ 1998ގެ ވޯލްޑް ކަޕް ފައިނަލްގައި ބްރެޒިލްގެ މައްޗަށް ހޯދި ކާމިޔާބީ ތަކުރާރުކޮށް ތަށި އުފުލާލުމަށެވެ. ޕެނަންކާ ޕެންލަޓީއަކުން ޒިދާން މިމެޗުގައި ފްރާންސަށް ކުރިހޯދައިދިން ކަމުގައިވިޔަސް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އިޓަލީގެ މާކޯ މަޓަރާޒީ ލަނޑެއްޖަހާ އިޓަލީއަށް އެއްވަރުކޮށްދިނެވެ. މެޗުގެ އިތުރުވަގުތު ފެށިގެން ކުރިއަށް ދަނިކޮށް ދެން ޓީވީން މެޗު ބަލަމުންދިޔަ ސަޕޯޓަރުންނަށް ފެނުނީ އިޓަލީގެ މާކޯ މަޓަރާޒީއަށް އަނިޔާވެ ފަރުވާހޯދަމުންދިޔަ ވަގުތު ދަނޑުން ބޭރުގައި ހުރި ހަތަރު ވަނަ އޮފިޝަލާއި ރެފްރީ ވާހަކަތަކެއް ދެއްކެވިތަނެވެ. ދެން ފެނިގެންދިޔައީ ފެންނާނެކަމަށް އެއްވެސް މީހަކު ހީކުރި މަންޒަރެއްނޫނެވެ. ރީޕްލޭއިން ފެނިގެން ދިޔައީ މަޓަރާޒީއަށް އަނިޔާވުމުގެ ސަބަބެވެ. ދެޓީމުގެ ވެސް ގޯލްޖެހި ދެކުޅުންތެރިންގެ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނުތަނެވެ. އަދި އެއާއެކު ޒިދާން ބޮލުން މަޓަރާޒީ މޭމަތީގައި ޖަހާ މަޓަރާޒީ ބިންމައްޗަށް ވައްޓާލިތަނެވެ. މި ހަމާލާގެ ސަބަބުން ރެފްރީ ޒިދާންއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި އެވެ. ކޮންމެއަކަސް މެޗު ނިމިގެން ދިޔައީ ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވެ ތަށި އުފުލާލައިގެންނެވެ. މިމެޗުގެ ކުރިންވެސް އޮތީ މިމެޗަށްފަހު ޒިދާން ގައުމީޓީމުން ރިޓަޔާކުރާގޮތަށެވެ. އެހެންކަމުން ޒިދާންގެ މި ‘ހެޑްބަޓް’ ވެގެންދިޔައީ ގައުމީ ޖާޒީގައި ދަނޑުމަތީގައި ޒިދާންގެ އެންމެފަހު ހަރަކާތްކަމުގަ އެވެ.

ލޯރެން ބްލޯންކް (1998ގެ ވޯލްޑް ކަޕް)

Slaven Bilic vs Laurent Blanc: What happened during France vs Croatia | Football | Sport | Express.co.uk

ފްރާންސުން 1998 ގެ ވޯލްޑް ކަޕް އަމިއްލަރަށުގައި އުފުލާލިއިރު ލޯރެން ބްލޯންކަކީ ފްރާންސްގެ ދިފާއީ އެއް ތަނބެވެ. އޭނާ ވަނީ އެމުބާރާތުގެ ދެވަނަ ބުރުގައި ޕެރެގުއޭ ކޮޅަށް ގޯލްޖަހައި ޓީމު މޮޅުކޮށްދީފަ އެވެ. އެހެންނަމަވެސް ސެމީ ފައިނަލްގައި ކްރޮއޭޝިއާ އަތުން މޮޅުވި މެޗުގައި ބްލޯންކް ކުރި ފައުލަކަށް ރެފްރީ ވަނީ ކަށިގަނޑު އަޅާ ކްރޮއޭޝިއާ އަށް ހިލޭޖެހުމެއް ދީފައެވެ. ވަރަށް އާދައިގެ ގޮތަކަށް ފައުލް ފެނުނުނަމަވެސް ކްރޮއޭޝިއާގެ ސްލެވަން ބިލިޗް އެ ފައުލަށް ރިއެކްޓްކުރި ގޮތުން ކަންނޭނގެ އެވެ. ރެފްރީ ބްލޯންކަށް ދެއްކީ ސީދާ ރަތްކާޑެކެވެ. މި ކާޑު ވެގެންދިޔައީ ބްލޯންކަށް ލިބުނު ވަރަށް ބޮޑު އަދަބަކަށެވެ. އެއީ ފައިނަލްގައި ބްރެޒިލް އާއި ދެކޮޅަށް ނިކުމެ 3-0 އިން މޮޅުވެ ފްރާންސުން ތަށި އުފުލާލިއިރު ބްލޯންކަށް ކުޅިބަލަން އިންނަންޖެހުމެވެ.

ވޭން ރޫނީ (2006ގެ ވޯލްޑް ކަޕް)

މިފަދަ ލިސްޓަކުން އިނގިރޭސި ކުޅުންތެރިޔާ ވޭން ރޫނީއަށް ޖާގަ ނުލިބި ނުދާނެ ކަންނޭނގެ އެވެ. 2006ގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ޕޯޗްގަލްއާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގައި ޕޯޗްގަލްގެ ކަވާލިއޯ ވެއްޓިފައި އޮތް ވަގުތު އޭނާގެ ގައިމައްޗަށް ރޫނި ފައިން އެރިކަމަށް ފެނުނު ވަގުތު ޕޯޗްގީޒް ޓިމުން ރެފްރީ ވަށާލި އެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނީ މެންޗެސްޓާ ޔުނައިޓެޑްގައި ވޭން ރޫނީގެ ޓީމް މޭޓް އަދި އެކުވެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެންމެފަހުން ރެފްރީ ރޫނީގެ އެކުށަށް އޭނާއަށް ރަތްކާޑު ދަނޑުން ފޮނުވާލި އެވެ. މިކަމާހުރެ އިނގިރޭސި ސަޕޯޓަރުންގެ ރުޅި ރޮނާލްޑޯއަށް އިތުރަށް އަމާޒުވީ އެ ރަތް ކާޑަށްފަހު ރޮނާލްޑޯގެ އެއް ލޮލުން ކޮށްލި އިޝާރާތެއްގެ ސަބަބުންނެވެ. ރޮނާލްޑޯގެ މި ‘ވިންކު’ ވެގެންދިޔައީ އިނގިރޭސި ސަޕޯޓަރުންގެ ކުރިމަތީގައި ރޫނީއަށް ނުހައްގު އަދަބެއް ދިނުމަށް ރޮނާލްޑޯއާއި ޕޯޗްގަލް ޓީމުން ކުޅުނު ޑްރާމާއެއް ކާމިޔާބުވުމުން އެކަން ފާހަގަ ކުރުމަށް ކުރި ހަރަކާތެއްގެ ގޮތުގަ އެވެ.

What happened when Wayne Rooney and Cristiano Ronaldo returned to Manchester United after England red card - Manchester Evening News

ރުޑީ ވޮލާ އަދި ފްރޭންކް ރައިކާޑް (1990ގެ ވޯލްޑް ކަޕް)

ނެދަލެންޑްސް އާއި ޖަރުމަނަކީ ފުޓްބޯޅައިގައި ވަރަށް ވަރުގަދަ ވާދަވެރިކަމެއް އޮންނަ ދެ ގައުމެވެ. އެހެންކަމުން މި ދެޓީމު ވާދަކުރާ މެޗުތަކަކީ އަބަދުވެސް ވަރަށް ވަރުގަދަ މެޗުތަކެކެވެ. 1990 ގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ހުޅަގު ޖަރުމަނާއި ޑަޗް ވާދަކުރިއިރު ޖަރުމަނު ޓީމުގެ ވޮލާއާއި ޑަޗް ޓީމުގެ ރައިކާޑާއި ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. އެކަންތައްގަނޑުގެ ތެރޭގައި ވޮލާގެ ބުޅިބޮލަށް އަމާޒުކޮށް ރައިކާޑު ކުޅުޖެހި އެވެ. މިކަމުގެ ޝަކުވާ ވޮލާ ރެފްރީއަށް ކުރިމެ އެވެ. އޭގެފަހުން ވޮލާއާއި ޑަޗް ކީޕަރާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި ވޮލާ ވެއްޓިފައި އޮއްވާ ރައިކާޑުގޮސް ވޮލާގެ ކަންފަތުގައި ހިފިކަހަލަ ގޮތަކަށް މަންޒަރު ފެނުނެވެ. އެ ހިސާބުން މަޝްރަހް އިތުރަށް ހޫނުވުމުން ރެފްރީ އެ ދެކުޅުންތެރިންނަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި އެވެ. އަދި ދަނޑުފައިބަން ދެކުޅުންތެރިން އެކުއެކީގަ ކަހަލަ ގޮތަކަށް އައިއިރު ރައިކާޑު ދެވަނަ ފަހަރަށް ވޮލާގަޔަށް ކުޅުޖެހި އެވެ. ކޮންމެއަކަސް މި މެޗުން މޮޅުވީ ހުޅަނގު ޖަރުމަނެވެ. އަދި އެމީހުން ފައިނަލްގައި މަރަޑޯނާގެ އާޖެންޓީނާ ބަލިކޮށް ތަށި އުފުލާލި އެވެ.

ޔެންސް ލޭމެން (2006ގެ ޗެމްޕިއަންސް ލީގު ފައިނަލް)

ފްރާންސް ގެ ޕެރިސްގައި ކުޅެވުނު މި ފައިނަލްގައި އާސެނަލް ނިކުތީ ބާސެލޯނާއާއި ދެކޮޅަށެވެ. މިއީ އާސެނަލްގެ ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތުގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މެޗުގެ 18 ވަނަ މިނެޓްގައި އާސެނަލްގެ ގޯލްކީޕަރު ޔެންސް ލޭމަންއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލީ ބާސެލޯނާގެ ސެމިއުލް އެޓޫ ޕެނަލްޓީ އޭރިއާ ބޭރުން ވައްޓާލައިގެންނެވެ. މިއީ ޔޫރަޕިއަން ކަޕް ފައިނަލެއްގައި ފެނިގެން ދިޔަ ފުރަތަމަ ރަތްކާޑެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅެމުންވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ އާސެނަލް އެވެ. އެހެންނަމަވެސް މެޗުގެ ފަހު ފަނަރަމިނެޓް ތެރޭ ދެ ގޯލްޖަހައި މޮޅުވެގެން ތަށި އުފުލާލީ ބާސެލޯނާ އެވެ.

ޖޯސިޕް ސިމިއުނިކް (2006ގެ ވޯލްޑް ކަޕް)

2006ގެ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގައި ކްރޮއޭޝިއާ އާއި އޮސްޓްރޭލިޔާ ވާދަކުރި މެޗުގައި ކްރޮއޭޝިއާގެ ޖޯސިޕް އަށް ރަތްކާޑު ދައްކައިގެން ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ އިނގިރޭސި ރެފްރީ ގްރެހެމް ޕޯލް އެވެ. އެމެޗުގައި ޕޯލް ޖޯސިޕަށް ރަތްކާޑު ދެއްކީ ތިން ވަނަ ރީނދޫ ކާޑެއް ދެއްކުމަށްފަހު އެވެ. ދެ ރީނދޫ ކާޑަށްފަހު ރަތްކާޑެއް ދައްކަން ޖެހޭއިރު ޖޯސިޕަށް މެޗުގެ 90 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑު ދެއްކުމަށްފަހު ވެސް ރަތްކާޑެއް ނުދައްކަ އެވެ. ނަތީޖާއަކަށްވީ ދަނޑުމަތީގައި ހުންނަން ނުޖެހޭ ކުޅުންތެރިއަކު ދަނޑުމަތީގައި ހުރުމެވެ. އޭގެ ތިން މިނެޓްފަހުން އޭނާކުރި އެހެންކުށަކަށް ތިން ވަނަ ރީނދޫކާޑެއް ދެއްކުމަށްފަހު ރަތްކާޑުދައްކާ ޖޯސިޕް ދަނޑުން ފޮނުވާލި އެވެ. މި މުބާރާތަށްފަހު ގްރެހެމް ޕޯލް އިންޓަނޭޝަނަލް ރެފްރީކަމުން ރިޓަޔާ ކުރި އެވެ. ޕޯލް ބުނާގޮތުން އޭނާއަށް އެގޯސް ހެދުނީ ޖޯސިޕްގެ އެކްސެންޓް އޮސްޓްރޭލިއާގެ އެކްސެންޓާއި އެއްކަހަލަ ގޮތަކަށް ހުރުމުންނެވެ. ފޮތުގައި އޭނާއަށް ރީދޫކާޑު ދެއްކުނުކަމަށް ޖޯސިޕްގެ ބަދަލުގައި ރެކޯޑްކުރެވުނީ އޮސްޓްރޭލިއާ ޓީމުގެ ތިންނަންބަރެވެ.

ލުއިސް ސުއަރޭޒް (2010ގެ ވޯލްޑް ކަޕް)

ލުއިސް ސްއަރޭޒް 2010ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އުރުގުއޭއާއި ގާނާ ވާދަކުރިމެޗުގައި ހޯދި ރަތްކާޑަކީ ސެމީފައިނަލްގެ ޖާގައެއް އުރުގުއޭއަށް ކަށަވަރުކޮށްދިން ކާޑެއްކަމުގައި ބުނެވިދާނެ އެވެ. މި މެޗުގެ އިތުރުވަގުތުގެވެސް އެންމެފަހު ސިކުންތުކޮޅުގައި ގޯލްތެރެއަށް ވަދެވަދެ އޮތް ބޯޅައެއްގައި ގޯލް ރޮނގުމަތީގައި ހުރެ ސުއަރޭޒް އަތުންޖަހާ ދުރަށް ފޮނުވާލިއެވެ. މި ފައުލަށް ރެފްރީ ސުއަރޭޒަށް ރަތްކާޑުދައްކާ ދަނޑުން ފޮނުވާލުމަށްފަހު ގާނާއަށް ޕެނަލްޓީއެއް ދިނެވެ. އެ ޕެނަލްޓީ ގާނާގެ އަސަމޯއާ ޖިއާން އަށް ގޯލަށް ވައްދާނުލެވުމުގެ ސަބަބުން މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.  އަދި ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށް ސެމީއަށް ދިޔައީ އުރުގުއޭ އެވެ. ކޮންމެއަކަސް  ސުއަރޭޒްގެ މިރަތްކާޑުވެގެންދިޔައީ އުރުގުއޭ ސަޕޯޓަރުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދިން ކާޑަކަށެވެ.

World Cup 2010 Debate: Was Luis Suarez right to handle the ball and help Uruguay defeat Ghana? | Goal.com

ޖޯން ހެއިޓިންގާ (2010ގެ ވޯލްޑް ކަޕް)

2010ގެ ވޯލްޑް ކަޕް ފައިނަލްގައި ނެދަލެންޑްސްގެ ޖޯން ހެއިޓިންގާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތްކާޑަކީ ސްޕެއިނަށް ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް އުފުލާލަން ފުރުސަތު ލިބުނު އެއް ސަބަބުކަމުގައި އެއްބަޔަކު ބުނެ އެވެ. އިތުރު ވަގުތަށް ދެމިގެން ދިޔަ މިފައިނަލްމެޗުގެ 109 މިނެޓްގައި ހެއިޓިންގާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިތާ ހަތްވަރަކަށް މިނެޓްފަހުން ސްޕެއިންގެ އިނިއެސްޓާ ގޯލްޖަހާ ވޯލްޑް ކަޕްތަށި ފުރަތަމަ ފަހަރަށް ސްޕެއިނަށް ކަށަވަރުކޮށްދިނެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.