15 އަހަރުގެ ހިދުމަތަށް ފަހު ކެރިކް ވަކިވެ ދިޔައީ ސަޕޯޓަރުން އުފާ ކޮށްދީފައި

Advertisement

15 އަހަރުގެ ހިދުމަތަށް ފަހު ކެރިކް ވަކިވެ ދިޔައީ ސަޕޯޓަރުން އުފާ ކޮށްދީފައި

ޢަލީ ޝަހީމް

މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އޯލްޑް ޓްރަފޯޑުގައި އާސެނަލް ބަލިކުރި މެޗަށް ފަހު، 2006 ވަނަ އަހަރުން ފެށިގެން މެންޗެސްޓާ ޔުނައިޓެޑުގެ ހިދުމަތުގައި ހުރި މައިކަލް ކެރިކް ޓީމް ދޫކޮށްލީ، ޓީމާމެދު މާޔޫސްވެފައިވާ ސަޕޯޓަރުންގެ މޫނުތަކަށް ހިނިތުންވުމެއް ގެނުވައިފަ އެވެ.

ޔުނައިޓެޑާ އެކު 12 ސީޒަން ކުޅުމަށް ފަހު ކެރިކް ރިޓަޔާ ކުރީ 2018 ވަނަ އަހަރެވެ. ރިޓަޔާ ކުރުމަށް ފަހު ދެން ކެރިކް ފެނުނީ އޭރުގެ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެސިސްޓެންޓުގެ ގޮތުގަ އެވެ. މޮރީނިއޯ މަގާމުން ދުރު ކުރުމަށް ފަހު ގެނައި ކޯޗު އޮލެ ގުނަ ސޯލްޝެއާ ގެ އެސިސްޓެންޓަކަށް ވެސް ހުރީ ކެރިކް އެވެ. ސޯލްޝެއާ ވަކިކޮށް، އާ ކޯޗު ރަލްފް ރަންގްނިކް ހަވާލު ވަންދެން ޓީމުގެ ކެއާޓޭކާ ކޯޗަކަށް ހަމަޖެއްސުމުން ކެރިކް،40، ވަނީ އެންމެ ތިން މެޗުގައި ވެސް ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ.

Advertisement

ފުރަތަމަ މެޗުގައި ޗެމްޕިއަންސް ލީގުގައި ނުކުތީ މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ފައިނަލުގައި ޔުނައިޓެޑު ބަލިކުރި ސްޕެއިންގެ ވިޔަރެއާލާ އެވެ. އެ މެޗު 2-0 އިން ކާމިޔާބު ކުރިއިރު، ދެން ނުކުތީ ޕްރިމިއާ ލީގުގައި ޓޭބަލްގެ އެއްވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ޗެލްސީގެ ދަނޑުގަ އެވެ. އެ މެޗުން ޔުނައިޓެޑް ވަނީ ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ.

އެންމެ ފަހު މެޗު ވެގެން ދިޔައީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި 15 އަހަރަށް ފަހު ކެރިކްގެ އެންމެ ފަހު ފެނިލުމަށެވެ. މި މެޗުގައި ޔުނައިޓެޑަށް ދެ ފަހަރު ވެސް މެޗުގައި ލީޑު ނަގައިދިނީ އޭނާ 2006 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނުއިރު، ފުރަތަމަ ތިން ސީޒަން އެކުގައި ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އޭރުވެސް މިހާރުވެސް ގޯލު އޮއްސަނީ އެވެ.

ކެރިކް ޔުނައިޓެޑާ ގުޅުނު ފުރަތަމަ ސީޒަނަކީ އޭރު އުމުރުން 21 އަހަރުގެ ރޮނާލްޑޯ ލީގުގައި ދިހަ ގޯލަށް ވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ ސީޒަނެވެ. އެފަހަރު ރޮނާލްޑޯ ވަނީ ލީގުގައި 17 ލަނޑު ޖަހައިފަ އެވެ. މިހާރު އުމުރުން 36 އަހަރުގެ ރޮނާލްޑޯ އާސެނަލް ކޮޅަށް ޖެހި ދެ ލަނޑާ އެކު އޭނާ ކެރިއަރުގައި ޖެހި ގޯލުގެ އަދަދު ވަނީ 800 އިން މައްޗަށް ޖެހިލަައިފަ އެވެ. މެޗުން މޮޅުވި ލަނޑަކީ އޭނާ ޖެހި 801 ވަނަ ލަނޑެވެ.

މިޑްފީލްޑަރު ފްރެޑާއި މިސީޒަނުގައި ބޮޑު އަގުގައި ގެނައި ޖޭޑަން ސަންޗޯ ގެ ފަރާތުން ފެންނަ ދަށް ކުޅުމަށް ސަޕޯޓާރުންގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ. ނަމަވެސް ކެރިކްގެ އިރުޝާދުގެ ދަށުން ސަންޗޯ ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދިންއިރު، ފްރެޑްގެ ފަރާތުން ވެސް ޓީމަށް ފައިދާތަކެއް ކުރި އެވެ.

މެޗަށް ފަހު ކެރިކް ބުނީ އޭނާ ޔުނައިޓެޑާ އެކު ހޭދަކުރި ދުވަސްތަކަކީ އޭނާ ކެރިއަރުގައި ހޭދަކުރި އެންމެ ކާމިޔާބު ދުވަސްތައް ކަމަށެވެ. “މި ކުލަބާ އެކު ހޭދަކުރެވުނު ދުވަސްތަކަކީ އަހަރެންގެ ކެރިއަރުގައި އައި އެންމެ ކާމިޔާބު އަހަރުތައް. އަހަރެން ދެކެނީ މިއީ ކުލަބު ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު ކަމަށް،” އާސެނަލްއާދެކޮޅަށް ކުޅުނު މެޗަށް ފަހު ކެރިކް ބުންޏެވެ. “ރަލްފް ރަންގްނިކާއި ޓީމުގެ ސްޓާފުންނާއި ސަޕޯޓަރުންނަށް ވެސް ކުރިމަގުގައި ކާމިޔާބު ދުވަސްތަކަކަށް އެދެން.”

ކެރިކް ވަނީ ޔުނައިޓެޑަށް ކުޅުނުއިރު މޮރީނިއޯ އާއި ވެން ހާލް އަދި ޑޭވިޑް މޮޔެސްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ކުޅެފަ އެވެ. އޭރު ޓޮޓެންހަމަށް ކުޅެމުން ދިޔަ 25 އަހަރުގެ ކެރިކް ޔުނައިޓެޑަށް ގެނައީ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗް ސާ އެލެކްސް ފާގަސަން އެވެ. ޕްރިމިއާ ލީގް 2005-2006 ސީޒަނަށް ފަހު ފޯވަޑް ރޫޑް ވެން ނިސްޓެރޫއީ ރިއާލް މެޑްރިޑަށް ވިއްކާލައި، ޖެހިގެން އައި ސީޒަނުގައި ޔުނައިޓެޑަށް ލީގު ނަގަން ފާގަސަން އަށް ބޭނުންވީ ހަމައެކަނި ކެރިކްގެ ސޮއެވެ.

މެންޗެސްޓާ ޔުނައިޓެޑާ އެކު ކުޅުންތެރިއެއް ގޮތުގައި އެތައް ކާމިޔާބީއެއް ކެރިކް ވަނީ ހޯދައިފަ އެވެ. ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބު ކުރިއިރު، އެފްއޭ ކަޕާއި ލީގް ކަޕާއި ކޮމިއުނިޓީ ޝީލްޑާއި އަދި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބު ކުރި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *