ކްލަބް މޯލްޑިވްސް: އެޗްޑީސީ، އެފްއެސްއެމް އަދި ފެނަކަ ދެ ވަނަ ބުރަށް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލްގައި ކްލަބް އެޗްޑީސީ އާއި، ޓީމް އެފްއެސްއެމް އަދި ޓީމް ފެނަކަ އިން ދެ ވަނަ ބުރުގެ ޖާގަތައް ކަށަވަރުކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދެ ދަނޑުގައި ކުރިއަށްދާ މުބާރާތުގައި އެޗްޑީސީ އަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ ގްރޫޕް ޑީ އިން ހަ ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްގެ މައްޗަށް 3-0 އިން އެޗްޑީސީ ކުރި ހޯދިއިރު ދެ ވަނަ މެޗުގައި އެޓީމުން ވަނީ އާރްއާރްސީ 1-0 އިން ބަލިކޮށްފަ އެވެ. އެޓީމަށް ދެ މެޗުން ހަ ޕޮއިންޓް ލިބުނުއިރު ފަހު މެޗުގައި ނުކުންނާނީ ދެ މެޗުން ބަލިވެ ފުލުގައި އޮތް ފެން ކްލަބާ ދެކޮޅަށެވެ. މުބާރާތުން ކަޓާފައިވާ ފެން ކްލަބް އަތުން ޕޮއިންޓެއް ހޯދައިގެން އެޗްޑީސީ އަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތް ބީއެމްއެލް އާއި ތިން ވަނައިގައި އޮތް އާރްއާރްސީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބީއެމްއެލް އިން ރޭ ވަނީ 5-0 އިން ފެން ކްލަބް ބަލިކޮށްފަ އެވެ. މި ދެޓީމުގެ ކުރިމަތިލުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނައިރު މެޗު އެއްވަރުކޮށްލައިގެން އަނެއް ބުރުން ފުރުސަތު ލިބޭނީ ބީއެމްއެލް އަށެވެ. މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ އާރްއާރްސީ އަށް އަނެއް ބުރުން ފުރުސަތު ލިބޭނީ ބީއެމްއެލް ބަލިކޮށްގެންނެވެ.
އެފްއެސްއެމް ދެ ވަނަ ބުރުން ޖާގަ ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު ރޭ 1-0 އިން ކްލަބް އިމިގްރޭޝަން ބަލިކޮށްގެންނެވެ. ފުރަތަމަ މެޗުގައި އެފްއެސްއެމް ވަނީ ބޮޑު ތަފާތަކުން ޓީމް އެމްއެންޕީއެޗްއައި ބަލިކޮށްފަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު ދިރާގު އޮތްއިރު ތިން ވަނައިގައި އޮތް އިމިގްރޭޝަނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުތަކުގައި އެފްއެސްއެމް އިން ދިރާގާ ދެކޮޅަށް ނުކުންނައިރު އިމިގްރޭޝަން ނުކުންނާނީ އެމްއެންޕީއެޗްއައިއާ ދެކޮޅަށެވެ.
މަޝްހޫރު އެތައް ކުޅުންތެރިންތަކަކާ އެކު މުބާރާތުންގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ފެނަކަ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކުރީ ރޭ ޕްރިޒަން ކްލަބާ ދެކޮޅަށް ކުޅުނު މެޗު 4-0 އިން ކާމިޔާބުކޮށްގެންނެވެ. ދެ މެޗުން މޮޅުވެ ފެނަކަ ހަ ޕޮއިންޓް ހޯދާފައިވާއިރު މި ގްރޫޕުގެ ދެ ވަނައިގައި އޮތް ޕްރިޒަން ކްލަބާއި ތިން ވަނައިގައި އޮތް ރާއްޖެ އޮންލައިން ކްލަބަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައިވާ ކްލަބް އޭވީއެސްއީސީ އެވެ.
އެހެން ގްރޫޕްތައް
ގްރޫޕް އޭ އިން ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އުރީދޫ އިން ވަނީ ދެ ވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލާފަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި މީޑިއާނެޓް ތިން ޕޮއިންޓާ އެކު އޮތްއިރު ތިން ވަނައިގައި އޮތް އެމްއޭސީއެލް އާއި ހަތަރު ވަނައިގައި އޮތް ކަސްޓަމްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކަސްޓަމްސް އާއި އެމްއޭސީއެލް އަދި ބާކީ ދެ މެޗު އޮތުމުން މި ގްރޫޕުން ކޮންމެ ޓީމަކަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ޕޮލިސް ކްލަބް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ދެ ވަނައިގައި ތިން ޕޮއިންޓް ހޯދާފައިވާ ޓްރޭޑް ކްލަބް އޮތްއިރު އެއް މެޗު ކުޅެފައިވާ އެޗްއެޗްއާރުސީ އާއި ޓީމް އެލައިޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ސީ ގައި ޓީމް އެމްސީސީ އާއި ވެމްކޯ އަދި ސްޓެލްކޯ ކްލަބް ވަނީ ތިން ޕޮއިންޓް ހޯދާފަ އެވެ. ފުލުގައި އޮތް ކްލަބް އެމްވައިއެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. ވެމްކޯގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު އެޓީމަކީ މުބާރާތުގެ އެއް ފޭވަރިޓުންނެވެ.
ގްރޫޕް ޖީގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓް ހޯދާފައިވާ އެމްޕީއެލް އެވެ. ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ތިން ވަނައިގައި އޮތް ކްލަބް 220 އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާ ސިވިލް ކޯޓެވެ. މި ގްރޫޕުގައި ރޭ އެމްޕީއެލް ވަނީ ވަނީ ސިވިލް ކޯޓް 4-1 އިން ބަލިކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްލަބް 220 އަތުން ޕޮއިންޓެއް ހޯދައިގެން އެމްޕީއެލް އަށް އަނެއް ބުރަށް ދެވޭނެ އެވެ.
ގްރޫޕް އެޗްގައި ހިމެނޭ ކްލަބް އެމްޓީސީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަދި މޯލްޑިވްސް ގޭސް، މިއިން ކޮންމެ ޓީމަކަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުރަތަމަ މެޗުން ބަލިވި އެމްއެމްއޭ ސްޕޯޓްސް ކްލަބް އޮތީ ޕޮއިންޓެއް ނުލިބި އެވެ.
މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އެއީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެ މެޗާއި ފިރިހެން ޑިވިޝަނުގެ ހަ މެޗެވެ.
Advertisement
Leave a Reply