ހަތް ވަނަ ބެލޮންޑިއޯއާ އެކު މެސީ މާ އުހަށް
ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް، އާޖެންޓީނާ އާއި ޕީއެސްޖީގެ ފޯވާޑް ލިއޮނަލް މެސީ ހަތް ވަނަ ފަހަރަށް ހޯދައިފި އެވެ.
އުމުރުން 34 އަހަރުގެ މެސީގެ ފަހަތުން ދެ ވަނަ ލިބުނީ ޕޮލެންޑާއި ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށެވެ. ތިން ވަނަ އިޓަލީ އާއި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދިއިރު ހަތަރު ވަނަ ލިބުނީ ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާއަށެވެ. ފަސް ވަނަ ޗެލްސީ އާއި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ލިބުނުއިރު ޕޯޗުގަލާއި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނީ ހަ ވަނަ އެވެ.
ރޭ ހޯދި އެވޯޑުގެ އިތުރުން ބެލޮންޑިއޯ މެސީ ހޯދީ 2019، 2015، 2012، 2011، 2010 އަދި 2009 ވަނަ އަހަރު އެވެ. މެސީއާ އެންމެ ވާދަވެރި ރޮނާލްޑޯ އަށް މި އެވޯޑް ލިބިފައިވަނީ ފަސް ފަހަރު އެވެ. މިފަހަރުގެ އެވޯޑާ އެކު މެސީ މިހާރު މިވަނީ ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިއަކަށް އޭނާ އަތުލެވޭ ވަރަށްވުރެ އުހަށް އަރައިފަ އެވެ.
މެސީ ވަނީ މި އަހަރު 40 ގޯލު ޖަހައިފަ އެވެ. އެއީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ޖަހައިދިން 28 ގޯލުގެ އިތުރުން އާޖެންޓީނާގެ ޓީމަށް ޖަހައިދިން އަށް ގޯލާއި މިހާރު ކުޅޭ ޕީއެސްޖީ އަށް ޖަހައިދީފައިވާ ހަތަރު ގޯލެވެ. ބެލޮންޑިއޯ ރޭހުގައި މެސީ އަށް 613 ޕޮއިންޓް ލިބުނުއިރު ލެވަންޑޯސްކީ އަށް ލިބުނީ 518 ޕޮއިންޓެވެ. ތިން ވަނަ ލިބުނު ޖޯޖީނިއޯ އަށް ލިބުނީ 460 ޕޮއިންޓެވެ.
“އަނެއްކާ މި ސްޓޭޖުގައި ހުރުމަކީ އާދަޔާހިލާފު އިހުސާސެއް. މީގެ ދެ އަހަރު ކުރިން މިތަނުގައި ހުރިއިރު އަހަރެންނަށް ހީވީ މިއީ ފަހު ފަހަރޭ. މީހުން އަހަމުން ދިޔައީ އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ކޮންއިރަކުންތޯ” ފްރާންސްގެ ޕެރިހުގައި އޮތް އެވޯޑް ހަފްލާގައި މެސީ ބުންޏެވެ.
މެސީ އަށް އެވޯޑް ލިބުނުއިރު މިދިޔަ ސިޒަނުގައި ކްލަބް ފުޓްބޯޅައިގައި އޭނާ އަށް ވުރެ ކާމިޔާބީގެ ގޮތުން ކުރީގައި އުޅެނީ ލެވަންޑޯސްކީ އާއި ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ ވަނީ ޔޫއެފާގެ ދެ މުބާރާތް ކަމަށްވާ ޔޫރޯ އިޓަލީއާ އެކު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ޗެލްސީއާ އެކު ކާމިޔާބުކޮށްފަ އެވެ. ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖޯޖީނިއޯ ހޯދިއިރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމުގެ ރޭހުގައި ޖޯޖީނިއޯ އާއި ލެވަންޑޯސްކީއަށް ވުރެ ކުރިއަށް މެސީ ޖެހިލީ މިއަހަރު އާޖެންޓީނާއާ އެކު ދެކުނު އެމެރިކާ ސަރަހައްދުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެ މުބާރާތް ކާމިޔާބުކުރިއިރު މެސީ ޝާމިލްވާ ހުރިހާ އެވޯޑެއް އޭނާ ހޯދި އެވެ. ކޮޕާ އެމެރިކާ އަކީ އާޖެންޓީނާއާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދުމަށް މެސީ ކުރި ދިގު އިންތިޒާރަށް އައި ނިމުމެކެވެ.
“ކޮޕާ އެމެރިކާ ތައްޓާ އެކު މިއީ ވަރަށް ހާއްސަ އަހަރެއް. ބްރެޒިލްގެ މެރަކާނާ ސްޓޭޑިއަމްގައި އެޓީމު 1-0 އިން ބަލިކޮށް ތަށި ހޯދުމާއި އާޖެންޓީނާގެ ސަޕޯޓަރުންނާ އެކު ކާމިޔާބީގެ އުފާފާޅުކުރުމަކީ އަހަރެންނަށް ލިބުނު ބޮޑު އުފަލެއް. އެކަމަކު އަހަރެންގެ މި ދިގު ކެރިއަރުގައި މިއީ އެންމެ އުފާވެރި އަހަރޭ ބުނާކަށް އަހަރެންނަކަށް ނޭނގޭ. ޔަގީނުންވެސް ފާޑުކިޔުމާއި އުނދަގޫ ދުވަސްތަކެއްގައި އާޖެންޓީނާއާ އެކު ލިބުނީ ހާއްސަ ކާމިޔާބީއެއް” މެސީ ބުންޏެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ބާއްވާފައެއްނުވެ އެވެ. މިދިޔަ އަހަރު އެ އެވޯޑް ހައްގުވަނީ 33 އަހަރުގެ ލެވަންޑޯސްކީ އަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިއަހަރު ޖެހި 53 ގޯލާ އެކު ލެވަންޑޯސްކީ އަށް ވަނީ އަހަރުގެ އެންމެ މޮޅު ފޯވާޑްގެ މަގާމް ހޯދައިފަ އެވެ. މެސީ ބުނީ މިދިޔަ އަހަރުގެ އެވޯޑް ހައްގުވަނީ ލެވަންޑޯސްކީ އަށް ކަމަށާއި ލެވަންޑޯސްކީ އަށް އެވޯޑް ދޭންޖެހޭ ކަމަށެވެ.
އަހަރުގެ އެންމެ މޮޅު ގޯލްކީޕަރަށްދޭ “ޔަޝިން ޓްރޮފީ” ލިބުނީ ޔޫރޯ ކާމިޔާބުކޮށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުއްމާއަށެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ބާސެލޯނާ އާއި ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ އަށެވެ. ޕެޑްރީ ވަނީ މިއަހަރު ތަފާތު މޮޅު ކުޅުމެއް ދައްކައި ގޯލްޑެން ބޯއީ އެވޯޑް ވެސް ހޯދައިފަ އެވެ.
އެންމެ މޮޅު ކްލަބްގެ އެވޯޑް ލިބުނީ ޔޫރަޕްގެ ޗެމްޕިއަން ކްލަބް ޗެލްސީއަށެވެ. އެކަމަކު ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ޗެލްސީގެ ކުޅުންތެރިންނަށް ޕެރިހުގައި އޮތް ޖަލްސާ އަށް ދެވިފައެއްނުވެ އެވެ. ޗެލްސީ އަށް އެންމެ މޮޅު ކްލަބްގެ އެވޯޑް ލިބުނީ ބެލޮންޑިއޯ އަށް އެންމެ ގިނަ ކުޅުންތެރިން އެ ކްލަބުން ނޮމިނޭޓްވުމުންނެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބުނީ ބާސެލޯނާގެ ކެޕްޓަން އަލެކްސިއާ ޕުޓޭޔާސް އަށެވެ.
Advertisement
Leave a Reply