ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވަނީ

ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ޖަރުމަނަށް އުފަން އުމުރުން 64 އަހަރުގެ ރަލްފް ރަންގްނިކް ހަމަޖައްސަން އެ ކްލަބުން ނިންމައިފި އެވެ.
ރަންގްނިކް ޔުނައިޓެޑާ ހަވާލުވިޔަސް އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދުދޭނީ މިހާރު އެ ޒިންމާ އަދާކުރަމުން އަންނަ މައިކަލް ކެރިކެވެ. ޔުނައިޓެޑުން މިހާރު އަންނަނީ ރަންގްނިކްގެ ވޯކް ޕާމިޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޔުނައިޓެޑްގެ ކޯޗުގެ މަގާމް ހުސްވީ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ އޮލެ ގުނެ ސޯލްޝެއާ މިދިޔަ ހޮނިހިރު ދުވަހު މަގާމުން ވަކިކުރުމުންނެވެ.
ޒަމާނީ ފުޓްބޯޅައަށް ކޯޗުން ތަމްރީނުކުރި ރަންގްނިކް މިހާރު އަދާކުރަމުން އަންނަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ސްޕޯޓްސް އެންޑް ޑިވެލޮޕްމަންޓް އިސް ވެރިޔާގެ މަގާމެވެ.
ކޯޗިންގައި ރަންގްނިކް ހޯދި ކާމިޔާބީތަކަށް ބަލާއިރު 2001 ވަނަ އަހަރު ޝާލްކޭ އަށް ޖަރުމަނު ކަޕް ކާމިޔާބުކޮށްދިނުމާއި، ހަމަ އެ ސީޒަނުގައި ޝާލްކޭ ގޮވައިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރުން ފާހަގަކޮށްލެވެ އެވެ. އެފަހަރު ސެމީގައި ރަންގްނިކްގެ ޝާލްކޭ ބަލިވީ ޔުނައިޓެޑާ ވާދަކޮށް 1-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މީގެ އިތުރުން ރަންގްނިކް ވަނީ 2019 ވަނަ އަހަރު ޖަރުމަނު ކަޕްގެ ފައިނަލަޑް އާރުބީ ލައިޕްޒިގް ގެންގޮސްދީފަ އެވެ.
ރަންގްނިކް ކޯޗު ކޮށްދިން ޓީމުތަކުގެ ތެރޭގައި ޝާލްކޭ އާއި އާރުބީ ލައިޕްޒިގްގެ އިތުރުން ސްޓަޓްގާޑާއި ހެނޯވާގެ އިތުރުން ހޮފެންހެއިމް ހިމެނެ އެވެ.
ޖަރުމަނުގެ ކުރީގެ ގޯލްކީޕަރު އަދި ރަންގްނިކްއާ އެކު ހޮވެންހެއިމްގައި މަސައްކަތްކުރި ލުޓްޒް ފަނެންސްޓީލް ބުނީ ރަންގްނިކް އަކީ މިވަގުތު މާކެޓްގައި ޔުނައިޓެޑަށް ހޯދޭނެ އެންމެ ރަނގަޅު ކޯޗު ކަމަށާއި، ޔުނައިޓެޑް ބޭނުންވާ ޓްރެކަށް ރަންގްނިކަށް އެޓީމު ގެންދެވޭނެ ކަމަށެވެ.
“ރަންގްނިކް އަކީ ވަރުގަދަ އެކްސްޕާޓެއް. ޖަރުމަނުން މިދިޔަ 15 ނޫނީ 20 ވަރަކަށް އަހަރުތެރޭ އުފެއްދި އެންމެ މޮޅު އެއް ކޯޗޭ އަހަރެން ބުނާނީ. މިހާތަނަށް ރަންގްނިކް ކުރި ހުރިހާ މަސައްކަތެއް ކާމިޔާބު. ޖަރުމަނުގައި އެއީ ފުޓްބޯޅަ ޕްރޮފެސަރެއް” ކުރީގެ ކީޕަރު ބުންޏެވެ.
Advertisement


Leave a Reply